މުޙައްމަދު ޔާސިރު މޫސާ   26 އޭޕްރީލު 2023 - 21:10
އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާއި ވާދަކުރި މެޗު ކާމިޔާބުކޮށް އެސްޓަން ވިލާއިން ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.

އެސްޓަން ވިލާގެ ވިލާ ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޓީރޯން މިންގސްއެވެ. އެއީ ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބޮލުންޖަހާ ގޯލުގެ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގަި އިދިކޮޅު ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއްވެސް ފޮނުވާލީ އެސްޓަން ވިލާއިންނެވެ.

މި މެޗުގައި ފުލަމްއިންވެސް ލަނޑެއް ޖެހިއެވެ. ހެރިސަން ރީޑް ފޮނުވާލި ބޯޅަ އެސްޓަން ވިލާގެ ކީޕަރު ގައިގައި ޖެހިފައި ގޯލަށް ވަތް ނަމަވެސް ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުނު އިރު ހުރީ އޮފްސައިޑު ޕޮޒިޝަނެއްގައި ކަމަށެވެ. މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އެސްޓަން ވިލާއިން ތާވަލުގެ ފަސްވަނައަށް ޖެހިލީ 54 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު ވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ލިބެނީ 59 ޕޮއިންޓެވެ. ތާވަލުގެ ނުވަ ވަނާގައި ފުލަމް އޮތީ 32 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން