ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓޮލަސްއިން ނިންމި ނިންމުން ބަދަލުކުރާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިއީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯވެސް ބަލާލަންޖެހެއެވެ.

ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތައް ބުނާގޮތުން ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފެއް ނުކުރެވޭނެއެވެ. އެގޮތުން ރާއްޖެއިން ބައިވެރިވެފައިވާ އަންކްލޮސް މުއާހަދާގެ އާޓިކަލް 296އަށް ބަލާއިރު އެ މުއާހަދާގެ ދަށުން އިހްތިސާސް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް، ނިހާއީ ނިންމުންތަކެކެވެ.

އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެއެވެ. އެހެންކަމުން ޗާގޯސްގެ މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމްވާނެއެވެ.

އިޓްލޮސްގެ ރޫލްސް އާޓިކަލް 124ގެ 2 ވަނަ ނަމްބަރަށް ބަލާއިރު، އިޓްލޮސްއިން ހުކުމްކުރާ ދުވަހުން ފެށިގެން މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ މައްޗަށް އެ ހުކުމަށް އަމަލުކުރުން ލާޒިމްވާނެއެވެ.

ބައެއް ފަރާތްތަކުން އިޓްލޮސްގެ ރޫލްސް 126އަކީ އިސްތިއުނާފްކުރުމަށް އޮންނަ މާއްދާއެއްކަމަށް ބުންޏަސް، އެއީ އިޓޮލޮސްއިން ކޮށްފައިވާ ހުކުމް މާނަކުރަންޖެހިއްޖެނަމަ މާނަކުރުމަށް ހުށަހަޅާނެ އިޖުރާޢަތު ބަޔާންކުރާ މާއްދާއެކެވެ. އެއްވެސް ހާލެއްގައި އިސްތިއުނާފީ މަރުހަލާއެއް ނޫނެވެ. މޮރިޝަސްއާއި ރާއްޖޭގެ މައްސަލައިގައި އޮޅުން އަރާފަދަ ކަމެއް ނެތުމުން ހުކުމް މާނަކުރަންޖެހޭ ސަބަބެއް ނެތެވެ.

އިޓްލޮސްގެ ރޫލްސް އާޓިކަލް 127 އަކީ އިިޓްލޮސްއިން ކޮށްފައިވާ ހުކުމް މުރާޖައާކުރަން ހުށަހަޅަންޖެހޭ އިޖުރައާތު ބަޔާންކުރާ މާއްދާއެވެ. އެ ގޮތަށް މުރާޖައާކުރަން ހުށަހެޅޭނީ މައްސަލައިގެ ހުކުމްގައި ބުރަދަންޖެހޭ މުހިއްމު ހަޤީޤަތެއް ހުކުމްކުރާ ފަހުން މުޅިން އަލަށް ހޯދިއްޖެނަމައެވެ. އަދި އެ ހަގީގަތަކީ ހުކުމް މުރާޖައާކުރަން ހުށަހަޅާ ޤައުމަށާއި ޓްރައިބިއުނަލަށްވެސް ހުކުމްކުރިއިރު އެނގިފައިނުވާ ހަޤީޤަތަކަށް ވާންޖެހޭނެ ކަމަށްވެސް އިޓްލޮސްގެ ރޫލްސް ބަޔާންކުރެއެވެ.

އިޓްލޮސްގެ އުސޫލުތައް ބުނާގޮތުން މިފަދައިން މުރާޖައާކުރަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ އާ ހަގީޤަތް އިނގޭތާ 6 މަސް ދުވަހުގެ ތެރޭގައި އަދި ހުކުމްކުރި ތާރީހުން ފެށިގެން ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެއީވެސް އިސްތިއުނާފީ މަރުހަލާއެއް ނޫނެވެ.

ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް މަސައްކަތްކުރާނެކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެއީ މުސްތަހީލްކަމެކެވެ.

ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމަކީ ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަށް ނިންމާފައިވާ ނިންމުންކަމަށްވެސް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން