ސެލްފީއެއް ނަގަނިކޮށް ވެއްޓުނު ފޯނު ނެގުމަށް ފެން ރިޒާވެއް ހިއްކާލި އިންޑިއާ ސަރުކާރުގެ އޮފިޝަލު ވަޒީފާއިން ސަސްޕެންޑު ކުރުމަށްފަހު ޖޫރިމާނާކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުސްވިމަހުގެ ފަހުކޮޅު ހިނގާދިޔަ މިހާދިސާގައި، ޑޭމެއް ނުވަތަ ފެން ރިޒާވްގެ ތެރެއަށް ސެލްފީއެއް ނަގަނިކޮށް ވެއްޓުނީ ފުޑް އިންސްޕެކްޓަރު ރާޖޭޝް ވިޝްވާސްގެ ސްމާޓްފޯނެވެ. އޭނާގެ ސްމާޓްފޯނު ވެއްޓުނީ ޗައްޓިސްގަރު ސްޓޭޓްގެ ކަންކަރ ޑިސްޓްރިކްޓްގެ ޚެރްކައްޓާ ޑޭމް ނަމަކަށް ކިޔާ ފެން ރިޒަރވްއަކަށެވެ.

ފޯނު ވެއްޓުމާއި ގުޅިގެން ފޯނު ހޯދުމަށް ފެން ރިޒާރވް ހިއްކުމުގެ މައްސަލައިގައި ވިޝްވާސް ސަސްޕެންޑުކޮށްފައިވަނީ މެއިމަހުގެ 26 ވަނަ ދުވަހުއެވެ.

މިމައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ވިޝްވާސް ބުނީ ފެން ގަނޑަށް ވެއްޓުނު ފޯނު ހޯދަން މުހިންމުވީ އެފޯނުގައި ސަރުކާރުގެ ނާޒުކު މުހިންމު މައުލޫމާތުތަކެއް ހިމެނޭތީއެވެ. އެގޮތުން ތިން ދުވަސް މަތީން ފެން ރިޒާވް ގައި ހުރި ދެމިލިއަން ލީޓަރުގެ ފެން ޕަމްޕުކޮށް، ފޯން ނެގިއެވެ. ނަމަވެސް ފެން ރިޒާވުން ފެން ހިއްކައި ފޯނު ނެގިއިރު ބޭނުން ނުކުރެވޭވަރަށް ފެން ވަދެ ފޯން ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ވިޝްވާސް ވަނީ 640 އެމެރިކާ ޑޮލަރު ނުވަތަ 53000 އިންޑިއަން ރުޕީޒް އިން ޖޫރިމާނާކޮށްފައެވެ. އަދި އޭނާގެ މައްޗަށް ސަރުކާރުގެ އާލާތްތަކާއި، މަގާމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން