އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގުމަތީން ހިނގާފަދިޔަ 16 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލުމާ ގުޅިގެން އިންޑިއާގައި އަންހެނުންގެ ސަލާމަތާ ރައްކާތެރި ކަމާމެދު ސުވާލު އުފައްދައި އާންމުންގެ މެދުގައި ރުޅިވެރިކަން އުފެދިއްޖެ އެވެ.

މިހާދިސާގައި 16 އަހަރުގެ އަންހެން ކުއްޖާއަށް ހަމަލާދީ މަރާލައިފައިވަނީ އުމުރުން 20 އަހަރުގެ ސާހިލް ޚާން ނަމަކަށް ކިޔާ މީހެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.



މި ހާދިސާގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އަންހެން ކުއްޖާ މަރާލައިފައިވަނީ އޭނާ ފަހަތުން ދުވެ އޭނާ އާއި އަރާރުވުމަށްފަހުއެވެ. އަންހެން ކުއްޖާ މަރާލުމަށް 30 ފަހަރު މަތިން އޭނާގެގަޔަށް ވަޅިން ހަމަލާދީ، ކޮންކްރީޓް ގަނޑަކުން އޭނާގެ ގައިގައި ޖަހާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަގުމަތީން ހިނގާފައިދިޔަ އަންހެން ކުއްޖަކު މަރާލި ހާދިސާ ބަލަން އެތައްބަޔަކު އެއްވިނަމަވެސް ސާހިލް ހުއްޓުވައި އެހީތެރިވާން ކައިރިވީ އެންމެ މީހެކެވެ. ނަމަވެސް ސާހިލް އޭނާ ކޮއްޕާ ވައްޓައިލިއެވެ. އަދި މިއަމަލު ހުއްޓުވުމަށް ނުވަތަ ހަމަލާ ދިނުމަށްފަހުވެސް އެއްވިމީހުންގެ ތެރެއިން އެކަކުވެސް ފުލުހައް ގުޅާފައެއް ނުވެއެވެ.

މިހާދިސާގެ ހަބަރު ފުލުހުންނަށް ލިބުނީ، ހަމަލާގައި މަރުވި އަންހެން ކުއްޖާ މަރުވިތާ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ފުލުހުން ބުނި ގޮތުގައި ސާހިލް މަރާލި އަންހެންކުއްޖާ އަކީ އޭނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖެއް ކަމަށެވެ. އޭނާ މަރާލީ ގުޅުން ކަނޑާލަން މަސައްކަތްކުރުމުންކަމަށް ސާހިލް އެއްބަސްވެފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ހަމަލާގެ ސަބަބުން ކަންބޮޑުވެފައިވާ އާންމުންގެ އިތުރުން، އެކްޓިވިސްޓުންނާއި ސިޔާސީ މީހުން އަންނީ ވެރިރަށް ދިއްލީގައި އަންހެނުން ހިމާޔަތް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ހިނގާދިޔަ މިފަދަ ހާދިސާ އަކާއި ގުޅިގެން ދިއްލީގައި ހަމަ މިފަދަ ޑިމާންޑުތައް އިތުރުވެގެންދިޔައެވެ. މިދިޔަ އަހަރު ނޮވެމްބަރ މަހު ހިނގާދިޔަ އެހާދިސާގައި 28 އަހަރުގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާ މަރާލައި ކޮށާލައި އުކާލިކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން