އިންޑިއާގައި ހިނގި ރޭލު އެކްސިންޑެންޓެއްގައި 250 އަށްވުރެއް ގިނަ މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ފަސިންޖަރުން ގޮވައިން ދަތުރު ކުރި ރޭލެއް، ރޭލު ދަތުރު ކުރާ މަގުން ކަހާލައިގެން އެހެން ރޭލެއްގައި ޖެހިގެންނެވެ. މިއީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ދިމާވި މިފަދަ އެންމެ ބޮޑު ހާދިސާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ރޭގެ ވަގުތެއްގައި އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓުގައި ހިނގާދިޔަ މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 288 އަށް އަރާފައެވެ. މިހާދިސާގައި 900 މީހުން ޒަހަމްވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިހާދިސާގައި މީހުން ސަލާމަތްކުރުމަށް، ރެއިން ފެށިގެން ހާދިސާ ހިނގާދިޔަ ސަރަހައްދުގައި 200 އެމްބިއުލަންސާއި، 100 އަށްވުރެ ގިނަ ޑޮކްޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިހާދިސާގައި މަރުވެގެންދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިއާގެ މެސެޖެއް ފޮނުއްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ އިތުރުން، އެހީ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މޯދީ ފާހަގަކުރައްވާފައިވެއެވެ.

ރިޕޯޓުތަކުން ދައްކާގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ރޭލު ނެޓްވޯކް އޮންނަނީ އިންޑިއާގައެވެ. އަދި މި ރޭލު ނެޓްވޯކްގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް އެތައްް ސަރުކާރަކުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓް ކުރި ނަމަވެސް ރޭލު އެކްސިޑެންޓްތަކަކީ އާންމުކަމެއްކަމަށް ބައެެއް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އިންޑިއާގައި ހިނގާދިޔަ އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓު ހިނގާފައިވަނީ 1981 ވަނަ އަހަރުއެވެ. އެހާދިސާގައި 800 އެއްހާ މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން