ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ރައީސް ޞާލިހުގެ ސަރުކާރުން ވިއްކާލި ކަމަށް ބުނެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ނަޝީދު އިސްވެ ހުއްނަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީ ބައިވެރިވާނެކަން ކުރިން ވެސް އޮތީ އާންމުކޮށް އިޢުލާންކޮށްފައެވެ. އެހެންކަމުން ރޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އިސްވެ އޮވެ ބޭއްވި އެއެއްވުމުން ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އިސް ފަރާތްތައް ފެނުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެއް ނޫނެވެ. ނަމަވެސް އަޑު އަރާފައި އޮތް ގޮތަށް އެ ފިކުރުގެ މޭސްތިރި، ނުވަތަ ކައްޕި އެބައްދަލުވުމުން ނުފެނުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއެވެ.

ދައުލަތުގެ ދެވަނަ ބާރުގެ ވެރިއެއްގެ ގޮތުގައި ހުންނަވައިގެން އެމަގާމު ތަމްސީލު ކުރަށްވާ ނުވަތަ އެ މަގާމަށް އައްޔަންކޮށް އެލަގަބާއި އެއިއްޒަތް ދިން ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީއާއި އެޕާޓީގެ ވެރިކަމާއި އެވެރިކަމުގެ ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެން އެހެން ފިކުރެއް އުފައްދައި އެހެން ޕާޓީއެއް އުފަންކޮށް އެެޕާޓީގެ ރިޔާސީ ޓިކެޓްގައި ވެރިކަމަށް ނުކުމެވަޑައިގަންނަވާން މަސައްކަތް ކުރަށްވާ ބޭފުޅަކަށް އެބޭފުޅާގެ ފިކުރު ތަމްސީލު ކޮށްލަން މިއެއްވުމުގައި ބައިވެރިވެ ވަޑައިނުގެންނެވުމަކީ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމެކެވެ.

އެބުނާ ގެއްލުނު ކަނޑު ހޯދަން ކަމަށްބުނެ ރޭ ބޭއްވި އެއްވުމުން ފުރަތަމަ ވެސް ފެނިގެން ދިޔައީ އިދިކޮޅު ލީޑަރު، އަދި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރި ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިންގެ ކެމްޕޭން ވިޑިއޯއެކެވެ. ޔާމީންގެ ވަދާއީ ތަގުރީރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މި ތަގުރީރު ދައްކަމުން ދިޔައިރު ވާދަވެރި ފަރާތްތަކުން ކަނުލާ އަޑުއަހަން ތިބިއިރު އެބޭފުޅުންގެ ހިތްތަކަށް އަރައިފައިބަމުންދާނެ ހަސަދަވެރިކަމުގެ ޝުޢޫރުތައް އެބޭފުޅުންގެ މޫނުފުޅުތަކުގެ މަތީން ފެންނާން ހުރި ނަމަވެސް ރޭ އެ އަޑުއަހާލައި އެވާހަކަތައް ހަޖަމުކޮށްލުން ނޫން އެހެންގޮތެއް އެބޭފުޅުންނަކަށް ނެތެވެ.

މިދެންނެވި ތަގުރީރުގައި ވެސް ރައީސް ޔާމީން ތަކުރާރުކުރަށްވާފައި ދެއްކެވި އެއްވާހަކައަކީ ގައުމުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ބީވެގެން ދިޔަ ނުދޭ ވާހަކައެވެ. ޚާރިޖީ ސިޔާސަތު ވަކި އަތަކަށް ނުވަތަ ވަކި ގައުމަކަށް ބަރޯސާ ނުވުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އެހުރިހާ ވާހަކައެއްވެސް ގޮސް ޖެހެނީ އިންޑިއާގެ ގައިގައެވެ. ވައްބަހުން ނޫނީ ނުސީދާކޮށް އެދައްކަވަނީ އިންޑިއާގެ ވާހަކަކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ނަޝީދުގެ ފިކުރުގެ ބޭފުޅުންނަށެވެ.

މި ވީޑިއޯ މެސެޖުން ފެށިގެންދިޔަ ރޭގެ އެއްވުން ނުވަތަ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ކުރީގެ ބަންޑާރަ ނައިބު އަދި ޗާގޯސް މައްސަލައިގައި ނޫސްކޮންފަރެންސް ބާއްވަވައިގެން ލީޑް ކުރަށްވާ ޑރ. މުހައްމަދު މުނައްވަރެވެ. އެބޭފުޅާ ކަނޑުގެ މައްސަލައިގައި ދައްކަވަމުން ގެންދަވާ ވާހަކަތައް ތަކުރާރު ކުރަށްވަމުން ގެންދެވި އިރުވެސް ނުސީދާކޮށާއި ސީދާކޮށް އިންޑިއާއަށް ބަސްތައް އުއްކަވަމުން ގެންދެވިއެވެ. ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ގެންދެވިއެވެ.

އޭގެ ފަހުން ވާހަކަ ދެއްކެވި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަޑް ނާޒިމަށް އެއްވެސް ވަރަކަށް އިންޑިއާއަށް ބަދު ބަހެއް ވިދާޅުވާން ކެރިވަޑައި ނުގެންނެވި ނަމަވެސް ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އެބޭފުޅާ ބެއްލެވީ ކެމްޕޭންގެ ރޫހުގައި ޖޯޝާ ފޯރިއާއެކު ވާހަކަ ދެއްކެވޭތޯއެވެ. ވާހަކަ ނިންމަވާލެއްވީ އިދިކޮޅު ލީޑަރުން ގެއަށްވަންނަނާނީ ކަނޑުން ގެއްލުނުބައި އަތިލާފައި ކަމަށް ވިދާޅުވަމުންނެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިންޑިއާގެ ވާހަކަ ދެކެވެން ފެށުމުގެ މާ ކުރިން އިންޑިއާއާއި ދެކޮޅު ފިކުރު ވިއްކަވައިގެން ގިނަ ބައެއްގެ ސަޕޯޓް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އުތުރު ތިލަފަޅުގެ ވާހަކައާއި ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ސިފައިން ތިބޭ ވާހަކަ އެކި މުނާސަބާ ތަކުގައި އެކި ގޮތަށް އެނެމް އަޑު ހަރުކޮށް ދައްކަވާ ބޭފުޅާއަށް ރޭވެސް ޕޯޑިއަމް ލިބުމުން އެންމެ ގިނައިން އޮއްގާ އުއްކެވީ އަވްށްޓެރި އިންޑިއާއާއި ދިމާއަށެވެ. ނުސީދާކޮށާއި ސީދާކޮށް ވެސް އުމަރު ކުރަށްވާ ތުހުމަތުތައް ރޭވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކުރަށްވަމުން ގެންދެވިއެވެ.

ދެން އެންމެފަހުން ޕޯޑިއަމް ލިބިވަޑައިގެންނެވި އިދިކޮޅު ވަގުތީ ލީޑަރު އަބްދުއްރަހީމު އަރާވަޑައިގެންނެވިއިރު އޭނާ ދައްކަވާނެ ވާހަކަ ހުސްވި ކަހަލަ ގޮތަކަށް ސިފަވެގެން ދިޔަ ނަމަވެސް ރައީސް ޞާލިހަށް ވަގަށް ގޮވާލާފައި ދެން ގާއުކީ އިންޑިއާއަށެވެ. އަބްދުއްރަހީމު މައިގަނޑު ގޮތެއްގައި ދެއްކެވީ ރޭގެ މައުޟޫއާއި ގުޅޭ ވާހަކައެއް ނޫނެވެ. ގެއްލިގެން އުޅޭ ކަނޑު ހޯދާ ވާހަކައެއް ނޫނެވެ. އޭނާ ދެއްކެވީ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހި ގެއްލިގެން ހޯދަން ނުކުންނަ ވާހަކައެވެ.

ރޭގެ ޖަލްސާގައި ނަޝީދުގެ ފިކުރުގެ އެންމެ ހަރުކަށި އެއް މަންދޫބުގެ ގޮތުގައި ފާހަގަ ކުރެވޭ މުހަންމަދު ވަހީދު، ވައްޑެ ވަރަށް ފޯރިއާއެކު ވާހަކަ ދެއްކެވިއެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާއި މެދު ވަރަށް ބޮޑަށް ހިތްޕުޅާ ނުވެ ރުންކުރުކަމާއެކު ވާހަކަ ދެއްކެވި ވައްޑެ، ދެއްކެވީ ހަމަ ޕީޕީއެމް، ޕީއެންސީގެ އެންމެ ވަރުގަދަ އެކްޓިވިސްޓުން ދައްކާ ޒާތުގެ ވާހަކަތަކެކެވެ. ހަމަ އެރާގުގައެވެ. ވާހަކަ ނިންމަވާ ލެއްވީ އިދިކޮޅާ ގުޅިގެން މިހާރުގެ ސަރުކާރު ބަދަލު ކުރާން އެއްބަސް ވެވިފައިވާ ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުން ރައީސް ޞާލިހު ބަލި ކުރާނެ ކަމުގެ ވަރުގަދަ އިންޒާރާއި މުހުލަތުވެސް ދެމުންނެވެ.

ރޭގެ ބައްދަލުވުމުގައި ވަރަށް ޖޯޝާ ފޯރިއާއެކު ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ބައިވެރިވި ނަމަވެސް އެބައްދަލުވުމަށްފަހު މީސް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކެއް ފެނި އަދި އެފޮޓޯތަކާއެކު އެކި ފަރާތްތަކުން ފާޅުކުރާން ފެށި ޚިޔާލު ތަކުގެ ސަބަބުން އެއްވުން ބޭއްވިތާ 24 ގަޑިއިރު ނުވަނީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން މިވަނީ ހެދުނު ބޮޑު ގޯސް ވިސްނި، ބިރުން ހީބިހިނަގައި، "ސައިޒްވެފަ" އެވެ. މިވީ ގޮތެއް ކަމަށްވަނީ މިބައްދަލުވުން ހިނގަމުން ދަނިކޮށް ބަޔަކު އިންޑިއާ އައުޓް ޓީޝާޓް ލައިގެން އިންޑިއާ އައުޓް ބެނާއެއް ހިފައިގެން ތިއްބާ ފެންނަ ފޮޓޯތަކެއް ދައުރުވާން ފެށީއެވެ. އަދި އިންޑިއައުޓް ޝުޢޫރު ފާޅުކުރި ޖަލްސާއެއްގައި ނަޝީދުގެ ޕާޓީ ބައިވެރިވި ކަމުގެ ސިއްކަ ހަމަ ރަނގަޅަށް ޖެހުނީއެވެ.

މީސް މީޑިއާގައި މިލަވައެއް ކިޔާން ފެށުމާއެކު އެބޭފުޅުންނަކަށް ޑިފެންސަށް ނުފައިވާ ކެތެއް ނުވިއެވެ. ބައެއް ބޭފުޅުން ބިރުން އެކަމުން ރެކޭން މީސް މީޑއާގައި ހުރި ހުރިހާ އެފަދަ މެސެޖްތަކަށް ޖަވާބު ދެވޭތޯ ވެސް ބެލިއެވެ. އެންމެފަހުން އަމިއްލައަށް ސައިޒް ގަބޫލުކޮށް "ރޮއި ހޭރި، އާދޭސްކޮށް ދެފައިގަ ހިފާފައި" ބަޔާނެއް ނެރެ އެކަމުން ރެކެވޭތޯ މަސައްކަތް ފެށީއެވެ.

ރޭގެ ބައްދަލުވުމަކީ އެކިޔާ ރައީސް ޔާމިންގެ އިންޑިއާ އައުޓް ޖަލްސާއެއް ނޫނޭ، ތިމަންނާމެން އެފަދަ ކަމެއް ނުކުރަމޭ އަދި ނުވެސް ކުރާނަމޭ، އަހަރެމެން އަބަދުވެސް ތިބޭނީ އިންޑިއާއާއި އެކުގައޭ، އިންޑިއާއާއި ރުހި ގަބޫލުވެގެންނޭ ކިޔައި، އެފަދަ ދެންވެސް ކިޔެން ހުރިއްޔާ ހުރި ސަނާއަކާއި ތަޢުރީފަކާއި ވެދުމަކާއި ސަލާމެއް އިންޑިއާއަށް ކިޔައި ފޮނުވައި، "އާދޭސްކޮށްގަތުމުން" ދެންމިވީ މާ ބޮޑު ބޭޒާރެކެވެ.

ދެރައީ ރައީސް ޔާމީންގެ ޕީޕީއެމާއި ޕީއެންސީ އިސްވެ ބާއްވާ ހަރަކާތަކަށް ދާއިރު ޔާމީންގެ ކެމްޕެއިން ސްލޯގަނަކީ އިންޑިއާ އައުޓްކަން ނަޝީދުގެ ދަ ޑިމޮކްރެޓުންނަށް ނޭނގުނު ކަމެވެ. ގަބޫލު ނުކުރެވުނު ކަމެވެ. ޕީޕީއެމް ޕީއެންސީން އެއްވުމެއް ބާއްވައިފިނަމަ ނޫނީ ސިޔާސީ ހަރަކާތެއް ބާއްވައިފި ނަމަ އެބައްދަލުވުމުގެ ހަވާސާއިން ނަމަވެސް ނުވަތަ ބިލެތްމީރުކޮށްލުމުގެ ތެރެއިން ވެސް "އިންޑިއާ އައުޓް" ވާނެކަން މިގައުމުގެ ގިނަ ބަޔަކު ގަބޫލުކުރާނެއެވެ. ނަމަވެސް މިފަހަރު މިއޮތީ ހަކުޅި ކުރިއަށް ކުޅޭ މީހުން ގުއިރޯނުގައި ޖެހި، ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނެ ތަންވެސް ފެނިފައެވެ.

މިކަމާއި އެންމެ ބާރަށް ހޭނީ، އަދުރޭއާއި އުމަރެވެ. ބަނޑުގައި އަތްއަޅައިގެން ގުދުވެ ތިބެ އެދެމީހުން ހޭތަން ފެންނަ ކަހަލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން