އިންޑިއާގައި ތިން ރޭލު ޖެހިގެން ހިނގި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ހޯއްދަވާ، އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މިދިއަ ހުކުރު ދުވަހު އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި ހިނގި މި އެކްސިޑެންޓުގައި މަދުވެގެން 288 މީހުން މަރުވެ، 800 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. މި އެކްސިޑެންޓުގައި، އެއްރޭލު އަނެއް ރޭލާއި، ޖެހިފައިވާ ތިން ރޭލުގެ ތެރޭގައި ހިމެނެނީ ފަސިންޖަރުން އުފުލާ ދެ ރޭލާއި މުދާ އުފުލާ ރޭލެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން، މި އެކްސިޑެންޓާއި ގުޅިގެން ފެށި މީހުން ހޯދާ ސަލާމަތްކުރުމުގެ އޮޕަރޭޝަން، މިހާރުވަނީ ނިމިފައެވެ. މި އޮޕަރޭޝަން ނިންމާލާފައިވަނީ ތާށިވެފައިވާ މީހުންނާއި އަދި އެކިވަރުގެ އަނިޔާތައް ލިބިފައިވާ އެންމެން ހޯދާ ނިމިފައިވާތީއެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވިއެވެ. އެތަނުގައި ހުނަނަވާފައި މި އެކްސިޑެންޓަކީ ވޭނުންފުރިގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންނާއި ހޮސްޕިޓަލުގައި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި އެމީހުންގެ ބޭސްފަރުވާއަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަށްވާނެކަމަށް ވައުދުވެވަޑައިގަތެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބެއް އަދި ނޭގެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ގަރުނުގައި އިންޑިއާގައި މި ފަދަ ހިތާމަވެރި ރޭލު އެކްސިޑެންޓެއް ހިނގާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން