ގޮތް ނޭނގޭ އެއްޗެއް ކޯޓަށް ގެންދިއުމުގެ ސަބަބުން ޝިންޒޯ އަބޭ މަރާލި ކަމަށް ތުހުމަތު ކުރާ މީހާގެ ޕްރީ ޓްރަޔަލް ކޯޓު އަޑުއެހުން ކެންސަލް ކޮށްފިކަމަށް ޖަޕާނުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މައްސަލައިގެ އަޑު އެހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނާރާ ޑިސްޓްރިކްޓް ކޯޓު ސަރަހައްދު ކުއްލިގޮތަކަށް ހުސްކޮށްފައިވަނީ ވެރިޔަކު ނެތް، ގޮތްނޭނގޭ ދަބަހެއް ކޯޓަށް ޑެލިވަރ ކުރުމުންނެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ކަށަވަރުކޮށްދިނުމަށް މިކަމާ ބެހޭގޮތުން ނާރާ ޑިސްޓްރިކްޓް ކޯޓުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ދުނިޔެ ސިއްސުވާލި، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަރާލި ހާދިސާ އާއި ގުޅޭގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ ޕްރީޓްރައަލް އަޑުއެހުމުގެ ފުރަތަމަ ސެޝަން ކުރިއަށްދިއުމަށް ޝެޑިއުލްކޮށްފައިވަނީ މިއަދުއެވެ. މިހާދިސާގައި އަބޭ މަރާލިކަމަށް ތުހުމަތުކުރެވޭ އުމުރުން 42 އަހަރުގެ ޓެޓްސުޔާ ޔަމަގާމީގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރާލުމާއި ހަތިޔާރު ކޮންޓްރޯލް ކުރުމުގެ ގާނޫނުތަކާ ހިލާފުވުމުގެ ދައުވާއެވެ. މި ދައުވާގެ ކުށް ސާބިތުވެއްޖެ ނަމަ އޭނާއަށް މަރުގެ އަދަބެއް ލިބުން އެކަށީގެންވެއެވެ.

އަބޭއަށް ބަޑިން ހަމަލާ ދީފައިވަނީ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ކެމްޕޭނުގައި ކެމްޕެއިން ސްޕީޗެއް ދެއްވަން ހުންނަވަނިކޮށެވެ. އުމުރުން 67 އަހަރުގެ އަބޭ އަވަހާރަވި އެހަމަލާ އާއި ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނާރާގައި ދިން މިހަމަލާ ދީފައިވަނީ އަމިއްލައަށް ހަދާފައިވާ ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އަބޭގެ މަރާއެކު ބަޑީގެ ހަމަލާތަކުން އެކަހެރިވެފައިވާ ސުލްހަވެރި ޖަޕާނުގެ މުޖުތަމައު ސިއްސުވާލި އެވެ. މިހާދިސާ އާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހިމެނޭ ގޮތަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީކަންކަން ފެއިލްވުމާއި ގުޅިގެންކަމަށް އިއުތިރާފުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން