ދެރަދެރަކޮށް އިގްތިޞާދީ އާއަހަރު ފެށި ، ޖަރުމަނުވިލާތުގެ އިގްތިޞާދު ، މި ހިނގާ 2023 ވަނަ އަހަރު އިތުރަށް އަނަރޫފަވަމުންދާނެކަމަށް އެގައުމުގެ މަރުކަޒީ ބޭންކުގެ ރައީސް ޔޮއަޚިމް ނާގްލް ވިދާޅުވެއްޖެއެވެ.



ހިފެހެއްޓުމެއްނެތި ، ތަކެތީގެ އަގުތައް މަތިވަމުންދިޔުމާއި ގުޅިގެން ޢާންމުން ބާޒާރުކުރާ މިންވަރު ދަށަށްގޮސްފައިވާތީ ހުޅަނގު ޔޫރަޕުގެ އެންމެ ބޮޑު އިގްތިޞާދުކަމުގައިވާ ، ޖަރުމަނުވިލާތުގެ އިގްތިޞާދު އަނަރޫފަވަމުން ދާނެކަމަށް ނާގްލް ވިދާޅުވިއެވެ.



މަރުކަޒީ ބޭންކުގެ އެންމެ ފަހުގެ ލަފާކުރުންތައް ދައްކާ ގޮތުގައި ޖަރުމަނުވިލާތުގެ އިގްތިޞާދު މިއަހަރު ، ޕޮއިންޓް ތިނެއް އިންސައްތައިގެ މިންވަރަކުން ކުޑަވެގެންދާނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ، މިއަހަރަށް ލަފާކުރަމުން ، މަރުކަޒީ ބޭންކުން ބުނެފައިވަނީ ޕަސަންޓެއްގެ ދެބައިކުޅައެއްބައިން އިގްތިޞާދު ކުޑަވެގެންދާނެކަމަށެވެ. ނަމަވެސް މިހާރު މުރާޖަޢާކޮށްފައިވާ އިންސައްތަ ، ކުޑަކުޑަކޮށް ރަނގަޅުވެލާފައިވަނީ ކުރިން އަންދާސާކުރި ވަރަށްވުރެ ހަކަތައިގެ އަގުތައް ފާއިތުވި މަސްތަކުގައި ދަށަށް ގޮސްފައިވާތީއެވެ.

"ހިފެހެއްޓުމެއްނެތި ތަކެތީގެ އަގުތައް މައްޗަށްދިޔުމުގެ ބުރަ، ޖަރުމަނުގެ އިގްތިޞާދުދަނީ އުފުލަމުން. މިކަމާއި ގުޅިގެން ތަކެތި ގަތުމުގެ ބާރު ، ރައްޔިތުންގެ އަތުން ދަނީ ކުޑަވަމުން." މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ނާގްލް ވިދާޅުވިއެވެ.

އިގްތިޞާދު ކުރިއަށް ނޭރުމުގެ ދަރަޖަ ، މާ މަތިނޫން ހާލަތަކަށް (މައިލްޑް ރިސެޝަނަކަށް) ޖަރުމަނުގެ އިގްތިޞާދު ވެއްޓުނީ މިދިޔަ އަހަރުގެ ފަހު ބައިގައިއެވެ. އެހާލަތަށް ޖަރުމަނުގެ އިގްތިޞާދުވެއްޓުނީ ، އަދި މިހާރުވެސް އެހާލަތުގައި އޮތީ ، ރޫސީވިލާތުން ޔުކްރޭނުގައި ހިންގަންފެށި އަސްކަރީ ހަރަކާތާއި ގުޅިގެން ހަކަތައިގެ އަގުތައް މަތިވެ، ބޭންކު އިންޓަރެސްޓް މަތިކުރުމުން ، ޢާންމުންނާއި ކުންފުނިތަކުގައިވާ ގަތުމުގެ ބާރު ވަރަށް ބޮޑަށް ދަށަށްދިޔުމުންކަމަށް ނާގްލް ވިދާޅުވިއެވެ.

ޖަރުމަނުގެ އިގްތިޞާދަކީ "ކުރިއަރާ އިގްތިޞާދަކަށް" އަލުން ހެދޭނީ 2025 ގައި ކަމަށް ނާގްލްގެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު