އަމިއްލަ ގައުމުގައި އަސްކަރީ އުފެއްދުންތައް އުފެއްދުމަށް ސަޢުދީ ޢަރަބިއްޔާއިން ދެމުންދާ އިސްކަމުގެ ތެރެއިން، ޔޫރަޕުގެ އެއިރޯސްޕޭސް ކުންފުނި، އެއާބަސްއާއި ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ އުފެއްދުންތައް އުފައްދާ ކުންފުނި ، ސްކޯޕާ އިންޑަސްޓްރީސް، ގުޅިގެން ސަޢުދީގައި ހެލިކޮޕްޓަރު އުފައްދަން އެއްބަސްވެއްޖެއެވެ.

އެއާބަސްއާއި ސްކޯޕާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މަދަނީ އަދި އަސްކަރީ ބޭނުންތަކަށް، ބޭނުންކުރެވޭ ހެލިކޮޕްޓަރު އުފައްދާނެއެވެ.

މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި، ސްކޯޕާއިން 6.67 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަމަށް އެކުންފުނީގެ ސީ.އީ.އޯ ނަވާޒް އަލް އަކީލް ވިދާޅުވެފައިވެއެވެ.

އަކީލް ވިދާޅުވި ގޮތުގައި އެއާބަސްއާއި ސްކޯޕާއާއި ގުޅިގެން ސަޢުދީގައި ބިނާކުރާ ކާރުޚާނާތަކުގައި އުފައްދާ ހެލިކޮޕްޓަރުތައް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ފެންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިމަޝްރޫޢުގެ ބިންގާ، ރަސްމީކޮށް އެޅިގެންދާނީ އަންނަ އަހަރު އޮންނަ ދުނިޔޭގެ ދިފާޢީ ޝޯގައެވެ (ވާލްޑް ޑިފެންސް ޝޯގައެވެ).

އަންނަ އަހަރު ބާއްވާ ދުނިޔޭގެ ދިފާޢީ ޝޯ އޮންނާނީ ސަޢުދީގެ ވެރިރަށް ރިޔާޟްގައެވެ. ސަޢުދީ ޢަރަބިއްޔާއިން ބޭނުންކުރާ ދިފާޢީ ހުރިހާ ބާވަތްތަކެއްގެ ތެރެއިން ދެބައިކުޅަ އެއްބައި އެގައުމުގައި އުފެއްދުމަށް އެގައުމުންވަނީ ކަނޑައަޅާފައެވެ. މިއީ ސަޢުދީގެ 2030ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު