އެމެރިކާއާއި އިނގިރޭސިވިލާތުން ޔުކްރޭނަށް ދިން ދުރުރާސްތާ މިސައިލު ބޭނުންކޮށްގެން ރޫސީވިލާތުގެ ބާރުގެ ދަށުގައި އޮތް ކްރައިމިއާއަށް ޔުކްރޭނުން ހަމަލާދޭން ތައްޔާރުވަމުންދާކަމަށް ރޫސީވިލާތުން ބުނެފިއެވެ.



ކްރައިމިއާއަށް މިފަދަ ހަމަލާއެއް ދީފިނަމަ ، އެމެރިކާއާއި އިނގިރޭސިވިލާތުން ރޫސީ-ޔުކްރޭން ހަމަނުޖެހުމުގެ ތެރެއަށް ރަނގަޅަށް ވަދެފައިވާކަމަށް ރޫސީވިލާތުން ބަލާނެކަމަށް ، އެމެރިކާއާއި އިނގިރޭސިވިލާތަށް އިއްޔެ ދެއްވި އިންޒާރެއްގައި ، ރޫސީވިލާތުގެ ދިފާޢީ ވަޒީރު ސަރްގެއި ޝޮއިގޫ ވިދާޅުވިއެވެ.

ޝޮއިގޫ ވިދާޅުވި ގޮތުގައި އެމެރިކާއިން ދިން ދުރުރާސްތާގެ ހައިމާސްއާއި އިނގިރޭސިވިލާތުން ދިން ސްޓޯމް ޝެޑޯ މިސައިލް ބޭނުންކުރަން ، ޔުކްރޭނުން ތައްޔާރުވަމުންދާކަމުގެ މަޢުލޫމާތު ، ވަނީ ލިބިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ޔުކްރޭނުގައި ހިންގަމުންދާ ޚާއްޞަ އަސްކަރީ ހަރަކާތް، ހިންގަމުންދާ ސަރަހައްދުގެ ބޭރުން ، އެހެން ސަރަހައްދަކަށް އަމާޒުކޮށް މިފަދަ މިސައިލެއް ޔުކްރޭނުން ބޭނުންކޮށްފިނަމަ އެމެރިކާއާއި އިނގިރޭސިވިލާތުން މިހަމަނުޖެހުމުގައި ބައިވެރިވެއްޖެކަމަށް ބަލާ ، ޔުކްރޭނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ، އަސްކަރީ ނިންމުންތައް ނިންމާ މަރުކަޒުތަކަށް ލަހެއްފަހެއް ނެތި ވަގުތުން ހަމަލާދޭނަން،" ޝޮއިގޫ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ޔުކްރޭނަށް ދީފައިވާ ސްޓޯމް ޝެޑޯ މިސައިލުގެ ރާސްތާއަކީ 250 ކިލޯމީޓަރެވެ. އަދި އެމެރިކާއިން ދީފައިވާ ހައިމާސް މިސައިލުގެ ރާސްތާއަކީ 47 މޭލެވެ.



ކިޔުންތެރިންގެ ހިޔާލު