ގިނަބަޔަކަށް ކަމުދާނެ ގޮތަށް އެކި ރަހަތަކާއެކު ތައްޔާރުކޮށްފައި ހުންނަ ވޭޕް ތަކާއި، ބާޒާރުގައި އެންމެ ގިނައިން މިހާރު ވިކޭ އެލްފް ބާ ގެ ވޭޕް ވިއްކުން ހުއްޓާލުމަށް އެފްޑީއޭ އިން ގޮވާލައިފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާގޮތުން އެމީހުން ވަނީ ވޭޕް ވިއްކުން ހުއްޓާލަން އެދި ވޭޕް އެތެރެ ކުރާ ކުންފުނިތަކަށް އިންޒާރުގެ ސިޓީ ފޮނުވާފައެވެ. އެފްޑީއޭއިން މިފަދަ އިންޒާރެއް ދީފައިވަނީ، ހުއްދަނެތި އެތެރެކޮށް ވިޔަފާރި ކުރުމަށް ބޭނުންކުރާ ވޭޕް ތައް ވިއްކުން ހުއްޓުވުމަށް ކަމަަށްވެއެވެ.

އެގޮތުން މިދިޔަ މަހު އެފްޑީއޭ އިން ވަނީ އެމެރިކާއަށް އެތެރެކުރަން އުޅުނު އެލްފް ބާ، އެސްކޯ ބާ އަދި އިތުރު ދެ ބްރޭންޑެއްގެ ވޭޕް ޝިޕްމަންޓްތައް ހިފެހެއްޓުމުގެ ހުއްދަ ކަސްޓަމްސްގެ އޮފިޝަލުންނަށް ދީފަ އެވެ. މިއިން އެއްވެސް އުފެއްދުމަކަށް އެފްޑީއޭގެ ހުއްދަ ލިބިފައި ނުވާއިރު، އެކި ރަހަތަކުގައި ލިބެން ހުންނަ ވޭޕް ތަކަކީ ފުރާވަރުގެ ކުދިންނަށް ވެސް ކަމުދާނެ ވޭޕްތަކެއްކަމުން އޭގެ ނަހަމަ ވިޔަފާރިޔާމެދު ރެގިއުލޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެންގެ ގައުމުގެ ޒުވާނުން އެޑިކްޓް ކުރާ ގަވާއިދާ ހިލާފު އުފެއްދުންތައް ވިއްކައިގެން ވަކިބަޔަކަށް ފައިދާ ކުރާތަން ބަލަން ނުތިބޭނަން،" އެފްޑީއޭގެ ދުންފަތާ ބެހޭ އިދާރާގެ ޑިރެކްޓަރު ބްރައިއަން ކިންގް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބިލިއަން ޑޮލަރުގެ ވޭޕިން އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް އެފްޑީއޭއިން އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ނަމަވެސް އެމެރިކާ ސަރުކާރުގެ ދިރާސާވެރިން ބުރާސްފަތި ދުވަހު އާންމުކުރި ވަކި ޑޭޓާތަކުން ދައްކާ ގޮތުގައި ހުއްދަ ނެތް އީ-ސިނގިރޭޓްތައް އެތެރެކޮށް ވިއްކުމުގެ މަސައްކަތް އަދިވެސް ދަނީ އިތުރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު