ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު އެމެރިކާގެ ބްރެޓަން ވުޑްސްގައި ދުނިޔޭގެ 43 ގައުމެއް ބައިވެރިވެ، ބޭއްވި ބައްދަލުވުމަކުން ފާސްކޮށް އުފެއްދި މާލީ އިދާރާތަކެއްކަމަށްވާ ވާރލްޑް ބޭންކާއި (ދުނިޔޭގެ ބޭންކާއި) އިންޓްނޭޝަނަލް މޮނެޓަރީ ފަންޑު (އައި.އެމް.އެފް)، ދުނިޔޭގެ މަޞްލަޙަތަށް އިޖާބަނުދޭކަމަށް، ދެކުނު އެމެރިކާގައި އޮންނަ އެންމެ ބޮޑު އިގްތިޞާދު އޮންނަ، ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެއެވެ.

"ބްރެޓަން ވުޑްސް އިދާރާތައް މިހާރަކު މަސައްކަތެއް ނުކުރޭ. ޖަމާޢަތުގެ އެދުމާއި މަޞްލަޙަތާއި އެއްގޮތަށް އެތަންތަން މަސައްކަތެއް ނުކުރޭ. މިއީ ވަރަށް ސާފުކޮށް އެނގެންޖެހޭ ކަމެއް"، މިދިއަ ހުކުރު ދުވަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ނިއު ގްލޯބަލް ފައިނޭންޝަލް ޕެކްޓް (މާލީ ކަންކަމުގައި މުޅި ދުނިޔެ އަލުން އެއްބަސްވާ ގޮތް) ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޫލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާރލްޑް ބޭންކާއި އައި.އެމް.އެފަށް ފާޑުވިދާޅުވަމުން ، މިދެ އިދާރާއަކީ ގަސްތުގައި ގައުމުތައް ބަނގުރޫޓުކުރާ ދެތަންކަމަށް ލޫލާ ވިދާޅުވިއެވެ. މިސާލެއްޖައްސަވަމުން، ލޫލާ ވިދާޅުވީ "ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް" އާޖެންޓީނާގެ ކުރީގެ ރައީސް މޮރީސިއޯ މެކްރީގެ ވެރިކަމުގައި އެގައުމަށް އައި.އެމް.އެފުން ލޯނެއްދީފައިވެއެވެ.

"މެކްރީ އެފައިސާއަށް ކުރީ ކީއް ކަމެއް ނޭގޭ" ، ލޫލާ ވިދާޅުވިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ، މެކްރީގެ ދައުރު ހަމަވެގެން ލޯނުތައް ދައްކަން ބެލިއިރު ، ލޯނު ދައްކާނެ ޑޮލަރެއް އާޖެންޓީނާއަކު ނެތެވެ.



"މިހާ މައްސަލަބޮޑު އިދާރާތަކަކާއެކު އަޅުގަނޑުމެންނަށް މަސައްކަތްކުރުމުގައި ދެމިއެއް ނުތިބެވޭނެ. ހަމަ މިކަހަލަ ތަނެއް އ.ދ.ގެ ސަލާމަތީ މަޖިލީހަކީވެސް. 1945 ގައި ތިބި މީހުން އެކަނި ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެގެން ކަންތައްތައް ރަނގަޅެއް ނުވާނެ" ، ލޫލާ ވިދާޅުވިއެވެ.

"1948 ގައި އ.ދށް އިސްރާއީލު އުފެއްދުނު. ނަމަވެސް އ.ދށް ފަލަސްޠީނުގެ ބިންތައް ހިފައިގެން އިސްރާއީލުން އުޅޭ އުޅުމަކަށް ނިމުމެއް ނުގެނެވުނު. މިއީ ދައްކަންޖެހޭ ވާހަކައެއް."

އ.ދ.ގެ ޢަމަލުތަކުގައި ހަރުދަނާކަމެއް ނެތްކަން ވިދާޅުވެދެއްވަމުން ލޫލާ ވިދާޅުވި އެވެ.

މިއިދާރާތައް ބަދަލުނުކޮށްފިނަމަ، ނުވަތަ މިއިދާރާތަކުގެ ބަދަލުގައި އެހެން އިދާރާތަކެއް ނުއުފައްދައިފިނަމަ ، މުއްސަނދިން މުއްސަނދިކަމުގައި އަބަދަށް ތިބެފައި ، ފަގީރުން ދާއިމަށް ތިބޭނީ ފަގީރުކަންމަތީގައިކަމަށް ލޫލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު