ޖަރުމަނުވިލާތުގެ އިގްތިޞާދު ނެގެހެއްޓުމަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން އެގައުމުން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ، ބޭރުގެ ހުނަރުވެރި މަސައްކަތްތެރިން އެގައުމަށް ގިނަ އަދަދަކަށް އެތެރެކުރުމުގެ ބޭނުމުގައި އެގައުމުގެ އިމިގްރޭޝަން ގާނޫނަށް ގާނޫނުހަދާ މަޖިލީހުން ބަދަލުގެނެސްފިއެވެ.

މިދިޔަ ހުކުރުދުވަހު، ޖަރުމަނުވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި މިގާނޫނު ފާސްކުރުމަށް ޖަރުމަނުވިލާތުގައި ވެރިކަންކުރާ ސޯޝަލް ޑިމޮކްރަޓުންގެ ކޯލިޝަނުންވަނީ 388 ވޯޓު ދީފައެވެ. މިގާނޫނާ ދެކޮޅަށް 234 ވޯޓު ދީފައިވެއެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ 31 މެމްބަރުންނެވެ.

މިގާނޫނަށް މިގެނައި އިޞްލާޙާއި ދެކޮޅަށް ޖަރުމަނުވިލާތުގެ އިދިކޮޅު ޕާޓީތަކުން ވޯޓުދިނީ، މިއިޞްލާޙުގެ ސަބަބުން ހުނަރެއްނެތް އާދައިގެ މަސައްކަތްތެރިންތަކެއް އެގައުމަށް އެތެރެވެދާނެކަމަށް ބުނަމުންނެވެ.

މިގާނޫނަށް މިގެނައި ބަދަލުން، ޖަރުމަނުވިލާތަށް އެތެރެވާން ބޭނުންވާ ބޭރު ގައުމުތަކުގެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަށް (ތަޢުލީމީ ފެންވަރު، ވާހަކަދެއްކުމާއި ލިޔެކިޔަން ދަންނަ މިންވަރު އަދި އުމުރު) ހޯދަންޖެހޭ ޕޮއިންޓުގެ މިންވަރު ވަނީ ދަށްކޮށްފައެވެ.

ޖަރުމަނުވިލާތުގެ ވިޔަފާރިވެރިންނާއި ޞިނާޢީންގެ ޖަމާޢަތުން ( ދި އެސޯޝިއޭޝަން އޮފް ޖާރމަން ޗެމްބާރސް އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ ) މިއަހަރު ބުނެފައިވާ ގޮތުގައި އެގައުމުގެ ކުންފުނިތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުންފުންޏަށްވަނީ ހުނަރުވެރި މަސައްކަތްތެރިން ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު