ބައިމަދު މީހުންގެ (މައިނޯރިޓީގެ) ޙައްގުތައް ރައްކާތެރިނުކޮށްދޭނަމަ ، އިންޑިއާ ރޫޅެން ފަށާފާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވުމާއި ގުޅިގެން އިންޑިއާގައި ވެރިކަން ކުރާ (ބާރަތިޔާ ޖަނަތާ ޕާޓީގެ) ބީ.ޖޭ.ޕީގެ ލީޑަރުން އެވާހަކަފުޅަށް ފާޑުވިދާޅުވެ ރައްދުދެއްވައިފިއެވެ.

އޮބާމާ އެހެން ވިދާޅުވީ، މިދިއަ ހަފުތާގައި ސީ.އެން.އެންގެ ކްރިސްޓިއާން އަމަންޕޫރަށް ދެއްވި ބަސްތީގަތުމެއްގައެވެ. އޮބާމާ އެހެން ވިދާޅުވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އުޅުއްވީ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގައެވެ.

މޯދީގެ މިދަތުރުފުޅުގައި ހަމަޖެހިފައިވާ ގޮތަށް ، އެމެރިކާގެ ކޮންގްރެސްގައި މޯދީ ތަގުރީރުކުރަށްވަން ފެއްޓެވުމުގެ ކުރިން އަމަންޕޫރަށް އޮބާމާ ދެއްވި ބަސްދީގަތުން ސީ.އެން.އެނުންވަނީ ދައްކާފައެވެ.

"އިލިބެރަލް ޑިމޮކްރަޓުންގެ" (ޑިމޮކްރަސީން ހޯދައިދިން މިނިވަންކަމަށް ހުރަސްއަޅާ ފަރާތްތަކުގެ) ގިންތީގައި ބޮޑުވަޒީރު މޯދީ ހިމަނުއްވަމުން، އެފަދަ ފަރާތްތަކުން ޑިމޮކްރަސީއަށް އޮތީ ކޮން ބިރެއްތޯ އޮބާމާޔަށް ، އަމަންޕޫރު ދެންނެވި ހިނދު ، އޮބާމާ ވިދާޅުވި، "ރައީސް ބައިޑަން ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރަށްވާނަމަ ، ބައިގިނަ ހިންދޫންގެ އިންޑިއާގައި ބައިމަދު މުސްލިމުންނަށް އޮތް ހިމާޔަތަކާމެދު ބޮޑުވަޒީރު އަރިއަހުގައި ރައީސް ބައިޑަން އެއްޗެއް ވިދާޅުވުމަކީ ވަރަށް މުނާސަބުކަމެއް. އަޅުގަނޑު ބޮޑުވަޒީރު މޯދީއާއި ވާހަކައެއްދައްކާނަމަ ، އަޅުގަނޑު ދަންނަވާނަން ބައިމަދު ނަސްލުތަކުގެ ޙައްގުތައް ރައްކާތެރިނުކުރެވޭނަމަ ، ކޮންމެވެސް އިރަކުން އިންޑިއާ ރޫޅެންފަށާނެއޭ."

އޮބާމާ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި ބޮޑުވަޒީރު މޯދީއާއި އޭނާއާއި ދެމެދު ވަރަށް ހޫނު ، ގާތް ގުޅުމެއް އޮތެވެ.

އޮބާމާގެ މިވާހަކަފުޅާއި ގުޅިގެން ، ކުއްލި ސިހުމެއް ލިބިވަޑައިގެންނެވިކަމަށް އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސިތާރަމް އިއްޔެ ވިދާޅުވިއެވެ.

ނިރްމަލާ އިތުރަށް ވިދާޅުވި ގޮތުގައި ރައީސް އޮބާމާގެ ވެރިކަމުގައި ، މުސްލިމުންގެ ބައިގިނަ ގައުމުތަކަށް ، ސޫރިޔާއާއި ޔަމަނު ހިމެނޭ ގޮތަށް ، އެމެރިކާއިން ވަނީ ބޮންއަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު