ސްރީލަންކާގެ ބަނގުރޫޓުވެފައިވާ އިގްތިޞާދު ، މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެހާލަތުން ނަންގަވާ ، ކޮޅަށްޖައްސަވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވައިފިއެވެ.

ރައީސް ރަނިލް މިޔަގީންކަން ދެއްވީ ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ޑިރެކްޓާރސްގެ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުންފުނިތައް ހިންގުމުގައި ، ގައުމުގެ އެތެރޭގެ އަދި ބޭރުގެ ދަރަނި ކުޑަކުރެވޭނެ ގޮތްތަކާއި ދިމާޔަށް ވަޑައިގެންދެއްވުމަށް ، ރައީސް ރަނިލް މިބައްދަލުވުމުގެ ބައިވެރިންގެ އަރިއަހުގައި އެދިވަޑައިގަތެވެ.

ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޑިރެކްޓާރސްގެ އަހަރީ ބައްދަލުވުމުގައި ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ގައުމުގެ ދާޚިލީ އަދި ޚާރިޖީ ދަރަނިތައް ކުޑަކުރެވޭނެ ގޮތްތަކުގެ މަތިން މަސައްކަތްކޮށްދެއްވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ދަންނަވައިދެއްވުމަށް ކުންފުނިތަކުގެ ވެރިންގެ އަރިހުން ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މިބައްދަލުވުމުގައި ރައީސް ރަނިލް އެދިވަޑައިގަތެވެ.

"މުވައްޒަފުންގެ އަރިހަށް ވަޑައިގެން ، ދަރަނީގެ ގިއުގަނޑަށް ގެންނަންވީ ބަދަލަކީ ކޮބައިކަން މުވައްޒަފުންނަށް ކިޔުއްވައިދެއްވުން، އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތް. މި ގޮތަށް ކަންތައްތައް ކުރަށްވައިފިނަމަ، މިކަމުގެ ފައިދާ ވަރަށް ބޮޑުވާނެ. ހަމަ މިއާއެކު ، އިންޓަރެސްޓް ރޭޓުވެސް ދަށްވާންޖެހޭ. އެކަމަކު، މިކަމަށް (އިންޓަރެސްޓް ރޭޓު ކުޑަވުމަށް ) އަދި މަސްތަކެއް ނަގާނެ. ދެވަނަ ކަމަކަށް ދަންނަވާލަންއޮތީ ، ތަރައްގީގެ އެހީ ވަރަށް އަވަހަށް ލިބިގެންދާނެއޭ. މިކަމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެއޭ" ، މިބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރަށްވަވާ ރައީސް ރަނިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު