"ރާއްޖޭގެ ޞިއްޙީ ޚިދުމަތް މަރުކަޒުވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ. އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫޢަކީ ސަރަޙައްދީ ޓާޝަރީ ހޮސްޕިޓާތައް. ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، ޢަމަލީ މަސައްކަތުގައި މި މަޝްރޫޢު އެދަނީ ހިނގަމުން." މިއީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވި ވާހަކަފުޅެކެވެ.

ރައީސް ސާލީހުގެ ސަރުކާރު ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށެވެ. އެގޮތުން އެމީހަކު އުޅޭ ސަރަހައްދަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އިތުރު މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލަކީ އެއް ހޮސްޕިޓަލެވެ. އެ ސަރަހައްދުގެ ރައްތަކުން އެތައް ހާސް ބަޔަކު ހިދުމަތް ހޯދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުން ގެނެސްފައެވެ.

"ހަމައެކަނި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްޤީގެ ލިސްޓް ދިގު. އެ ހޮސްޕިޓަލްގައި މުޅިން އަލަށް ދޭން ފެށިފައި ވަނީ ޒަމާނީ ޞިއްޙީ ޚިދުމަތް. އެމް.އާރު.އައި.، ކަކުލުހުޅު ބަދަލުކުރާ އޮޕަރޭޝަން، ލެޕްރެސްކޯޕިކް ސާޖަރީ، މެމޯގްރާމް އަދި މިނޫންވެސް އެކި ޚިދުމަތްތައް ފެށިއްޖެ." ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޖެނުއަރީމަހު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތް ރައީސް ވިދާޅުވި ލިސްޓުގައިވާ ކަންކަމާއި ހިސާބުން ނުނިމެއެވެ. އަދިވެސް އިތުރު ހިދުމަތްތައް ދަނީ ތައާރަފް ކުރަމުންނެވެ. އެގޮތުން މިދިޔަ ހޯމަދުވަހު ކެންސަރުން ސަލާމަތްވާން ދޭ ފަރުވާއެއްކަމަށްވާ، ކީމޯ ތެރަޕީ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ފަށާފައެވެ.

ހޮސްޕިޓަލްގައި އެއްފަހަރާ ދެ މީހުންނަށް ކީމޯ ތެރަޕީ ދެވޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ޓީމުގެ އެހީތެރިކަމާއެކު ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ހޮސްޕިޓަލުގެެ ނަރުހުންނަށް އެކަމުގެ ފުރިހަމަ ތަމްރީންވެސް ވަނީ ދެއްވާފައެވެ.



މާލެއާއި ޅ.އަތޮޅު އަދި އައްޑޫ ސިޓީން އެކަނި ލިބޭ ކީމޯގެ ހިދުމަތް ކުޅުދުއްފުށިން ލީބެން ފެށުމަކީ މާލެއަށް ކޮންމެ މަހަކު ދާންޖެހޭ އެތައް ބަޔަކަށް ލިބުނު ފަސޭހައެއްކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަނެއްކޮޅު އާރުޓީއެލް ފެރީގެ ސަބަބުން އެއް ރަށުން އަނެއް ރަށަށްދާން ފަސޭހަވުމަކީވެސް މި ހިދުަމަތް ހޯދަން ރައްޔިތުންނަށް ފަސޭހަވާނެ ސަބަބުތަކެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް ވެސް ވަނީ އިތުރުކޮށްފައެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި މީގެކުރިން، ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރ ކުރި ބަލި މީހުންގެ އަދަދު 24 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

"މިއީ އަދި ނިމުމެއް ނޫން. ޚިދުމަތް ފުޅާވެ، ކުރިއަރައިދިޔަވަރަކަށް މި ކުރިއެރުމަށް ބޭނުންވާ ބަދަލު، ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުށްޓާއި އައްޑުއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން. ގދ. ތިނަދޫ، ލ. ގަމާއި، ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށްވެސް ޙަޤީޤީ މާނައިގެ ޓާޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން. މީގެއިތުރަށް، 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގައި އިމާރާތް ކުރާނަން. ޞިއްޙީ ދާއިރާއިން މުޅި ރާއްޖެއާމެދު ސަރުކާރުން ގެންގުޅޭ ތަޞައްވުރު ފުރިހަމަވާނީ މި ދެންނެވި ހުރިހާ ހޮސްޕިޓާތަކާއެކު." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލީހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ އެމީހަކު ހުރި ސަރަހައްދަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުަމަތެއް ފޯރުކޮށްދެއްވާނެކަމުގެ ވައުދެވެ. އެ ވައުދު ފުއްދެމުންދާ މިންވަރު ރާއްޖޭގެ އެންމެ ސަރަހައްދަކަށް ބަލާލުމުންވެސް ހާމަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން