ޞާދިރު ޢަލީދީދީ   6 ޖުލައި 2023 - 11:38
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
މައްކާގެ ބޮޑުންގެ ޖަމާޢަތެއް އެއްދުވަހެއްގެ އިރުއޮއްސުނުފަހުން ގެފުޅުގެ އަރިހަށް ޖަމާވިއެވެ. އެބައިމީހުން އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ވާހަކަ ދައްކަން އެކަލޭގެފާނު ބަލައި ފޮނުވިއެވެ. އިތުރު ސާހިބާ އެމީހުންގެ ގާތަށް ވަޑައިގެން އެކަލޭގެފާނުގެ ދަޢުވަތު ހުށަހެޅުއްވުމުން އެބައިމީހުން ދެންނެވިއެވެ.

"އޭ މުޙަންމަދުގެފާނެވެ! ކަލޭގެފާނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންނަކީ ދުނިޔޭގައި ތިބި އެންމެ ބިންދަތި މީހުންނެވެ. އަޅުގަނޑުމެންނަށްވުރެ ފެންތަދު އެއްވެސް ބަޔަކު ނެތެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫ ދިރިއުޅުމެކެވެ. އެހެންކަމުން ކަލޭގެފާނުގެ ވެރިރަސްކަލާގެ ޙަޟުރަތުގައި ދަންނަވައިގެން އަޅުގަނޑުމެންނަށް ދަތިކޮށްގެން މިއޮންނަ ފަރުބަދަތައް އަޅުގަނޑުމެންގެ ތެރެއިން ނައްތަވައިދެއްވައި އަޅުގަނޑުމެންގެ ބިން އަޅުގަނޑުމެންނަށް ތަނަވަސްކުރައްވައި ފަތުރުއްވައި ދެއްވާށެވެ. އަދި ޝާމްކަރަޔާއި ޢިރާޤުކަރައިގައިވެސް އެހުންނަށް ކަހަލަ ފެންއާރުތައް މިތާނގައިވެސް ހިންގަވައިދެއްވާށެވެ."

(ތަހްޛީބް ސީރަތު އިބްނު ހިޝާމް 1، ޞަފްޙާ:67)

މައްކާގެ ބޮޑުން ދަންނަވާފައި އެވާފަދައިން ނަޖްދުކަރައާއި ޙިޖާޒުކަރައިގެ ފަރުބަދަތައްވަނީ އެސަރަޙައްދަށް ކަނޑުގެ ސީދާވައި ލިބުމަށް ހުރަސްއަޅައިފައެވެ. ނަތީޖާއެއްގެގޮތުން ޝާމްކަރައަށާއި ޢިރާޤުކަރަޔަށް ވެހޭގޮތަކަށެއް ޙިޖާޒުކަރައަށާއި ނަޖްދުކަރަޔަކަށް ވާރެއް ނުވެހެއެވެ. އެހެންކަމުން އެދެކަރަ އޮންނަނީ ހަނަފަސް ސަޙަރާއެއް ގޮތަށެވެ. އެތާނގެ ދިރިއުޅުމުގެ ދަތިކަންވަނީ އިޤްތިޞާދީ މިޝަނަކާއިގެން ތެދުވެވަޑައިގެން ވަގުތުން މީހުންގެ ސަމާލުކަން ހޯއްދެވުމުގެ ރަނުގެ ފުރުޞަތުތަކެއް އިތުރު ސާހިބާއަށް ތަނަވަސްކޮށްދީފައެވެ. ނަމަވެސް އެކަލޭގެފާނު މިބާވަތުގެ މައްސަލަތަކަކަށް އެއްގޮތަކަށްވެސް ސީދާ ސަމާލުކަމެއް ނުދެއްވައެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު ހަށިކޮޅު ވަގުފްކުރެއްވީ އެއްކައުވަންތަކަމުގެ ގޮވައިލެއްވުން ޢާއްމު ކުރެއްވުމަށެވެ. ތެދުފުޅެކެވެ. ތާރީޚު ފަހުން ސާބިތުކޮށްދިން ފަދައިން އިތުރު ސާހިބާގެ އެއްކައުވަންތަކަމުގެ ދަޢުވަތުގައި ހުރިހާ ބާވަތެއްގެ ސިޔާސީ އަދި އިޤްތިޞާދީ މަޞްލަޙަހަތުތަކެއްވެސް ފޮރުވިފައިވެއެވެ. ނަމަވެސް އެކަންކަން ހިމެނިފައިވަނީ ދީނީ ދަޢުވަތުން ނުސީދާގޮތުން ލިބޭ ފައިދާއެއްގެ ގޮތުގައެވެ. އެކަމަށްޓަކައި ސީދާ މަސައްކަތްކުރެވޭ އަމާޒެއްގެ ގޮތުގައެއް ނޫނެވެ.

އިސްލާމްދީނުގެ ނަބިއްޔާގެ މުޅި ޙަޔާތްޕުޅަށް ވިސްނާއިރުވެސް ސާބިތުވަނީ އެކަލޭގެފާނު އެންމެ އަހަންމިއްޔަތުކަން ދެއްވި ކަމަކީ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުކަމެވެ. ނަބީކަން ލިބިވަޑައިގަތުމުން އެކަލޭގެފާނު އެހެން ހުރިހާ މަސައްކަތްޕުޅުތަކެެއް ދޫކޮށްލައްވައި އެކަލޭގެފާނުގެ ހުރިހާވެސް ސަމާލުކަމެއް ދީނުގެ ދަޢުވަތުގެ މައްޗަށް ހުއްޓަވައިލެއްވިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވިއެވެ. މާތް ﷲ އެކަލާނގެ ރަސޫލަކު ކަމުގައި އަހުރެން ޢައްޔަން ކުރައްވައިފިއެވެ. ތިޔަބައިމީހުން އަހުރެންނާ ބައިވެރިވާށެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަބްދުލްމުއްޠަލިބު ވަންހައިގެ ބޭފުޅުންނަށް ގޮވައިލެއްވުމެއް ބޭއްވެވިއެވެ. އޭރު އެވަންހައިގައި ތިއްބެވީ ގާތްގަނޑަކަށް ސާޅީހަކަށް ފިރިހެން ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރެއިން ތިރީސް ބޭފުޅުން އެ ގޮވައިލެއްވުމަށް ޙާޟިރުވެވަޑައިގެންނެވިއެވެ. އެންމެ ބޭފުޅުން ފަރީއްކުޅުއްވައި ނިމިވަޑައިގަތުމުން އިތުރު ސާހިބާ އެބޭފުޅުންނާ މުޚާޠަބުކުރައްވައި ވާހަކަ ދެއްކެވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އިތުރު ސާހިބާއާ ބައިވެރިވެވަޑައިގަތުމަކަށް ތެދުވެވަޑައެއް ނުގެންނެވިއެވެ. އާދެ، އެކަލޭގެފާނު ވިދާޅުވިއެވެ.

އޭ ޢަބްދުލް މުއްޠަލިބު ވަންހައިގެ މީހުންނޭވެ! އަހުރެން ނަބީކަމައިގެން ފޮނުއްވުނީ ޚާއްޞަކޮށް ތިޔަބައިމީހުންގެ ގާތަށެވެ. ޢާއްމުކޮށް އެންމެހައި މީސްތަކުންގެ ގާތަށެވެ. އެހެންކަމުން އަހުރެންގެ ދަރަންޏާ ޙަވާލުވެ އަހުރެންގެ ވަޢުދުތަކުގެ ޒިންމާ އަހުރެންގެ ފަރާތުން އުފުލައި، އަހުރެންގެ އަނބިދަރީންގެ ގާތުގައި އަހުރެންގެ ޤާއިމް މަޤާމަކަށްވާނީ ތިޔަބައިމީހުންކުރެ ކާކުހެއްޔެވެ. އެމީހަކު ސުވަރުގޭގައި އަހުރެންނާއެކުގައި ވާނެއެވެ. އިތުރު ސާހިބާ ދެވަނަ ފަހަރަށް އެވާހަކަފުޅު ތަކުރާރު ކުރެއްވުމުން އޭރުގެ ޅަޒުވާން ބޭކަލެއްކަމުގައިވާ علي رضي الله عنه ވިދާޅުވިއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ! އެމީހަކީ އަޅުގަނޑެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އޭ ޢަލީއެވެ. ކަލޭގެފާނުތޯއެވެ؟ އޭ ޢަލީއެވެ. ކަލޭގެފާނުތޯއެވެ؟"

(ރަވާހު: އަލްބައްޒާރު)

އެއްދުވަހަކު އަބޫޖަހްލު އިތުރު ސާހިބާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެގައިކޮޅުގައި ހިލައަކުން ޖެއްސެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން ލޭފޮދު އޮހޮރޭން ފެށިއެވެ. އިތުރު ސާހިބާގެ ބޮޑުބޭބެފުޅު عباس رضي الله عنه އަށް އެޚަބަރު ލިބިވަޑައިގެންނެވިއެވެ. عباس رضي الله عنه އޭރަކު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް ގާތްތިމާގެފުޅު ކަމުގެ ލޯބިފުޅު ކެކިއުތުރިއެރުމުގެ ސަބަބުން ކޯފާވެގެން އަބޫޖަހްލުގެ ގާތަށް ވަޑައިގެން އޭނާގެ ގައިގައި ހިލަޔަކުން ޖެއްސެވިއެވެ. އެއަށްފަހު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ ބޭބޭފުޅުގެ ދަރިކަލުންނޭވެ! އަޅުގަނޑު ކޮއްކޯފުޅުގެ ބަދަލު ހިފައިފީމެވެ." އިތުރު ސާހިބާ ވިދާޅުވިއެވެ. "ބޮޑުބޭބެފުޅާއެވެ! އަޅުގަނޑު ތިޔަށްވުރެ އުފާވީހީ ބޭބޭފުޅު އިސްލާމްވެވަޑައިގެންނެވި ނަމައެވެ."

އެއްފަހަރަކު ޤުރައިޝުވަންހައިގެ މީހުން أبو طالب ގެފާނުގެ އަރިހަށްގޮސް ދެންނެވިއެވެ.

"އޭ أبو طالب ގެފާނެވެ! ކަލޭގެފާނުގެ ކޮއްކޯފުޅުގެ ދަރިކަލުން އަޅުގަނޑުމެންގެ މައިދާންތަކަށާއި އަޅުގަނޑުމެންގެ މަޖްލިސްތަކަށް ވަޑައިގެން އަޅުގަނޑުމެން އަޑުއަހަން ނުރުހޭ ވާހަކަތައް އަޅުގަނޑުމެންނަށް އަޑުއިއްވަވައެވެ. ކަލޭގެފާނަށް ކުރެއްވޭނެ ކަމެއް ކަމުގައިވާނަމަ އެކަލޭގެފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގަތުން މަނާ ކުރައްވާށެވެ"

أبو طالب ގެފާނު އެކަލޭގެފާނުގެ ދަރިކަލުން عقيل ފޮނުއްވައިގެން އިތުރު ސާހިބާ އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ޤުރައިޝުން ދެއްކި އެވާހަކަތައް ވިދާޅުވެ ދެއްވިއެވެ.

އިތުރު ސާހިބާ އުޑާދިމާޔަށް ބައްލަވައިލެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. މާތް ﷲ ގަންދެއްވަމެވެ. އަޅުގަނޑުއެކަމަކާ މަތިކުރައްވާފައިވާ ކަންތައް ދޫކޮށްލުމަކީ އަޅުގަނޑަށް ކުޅާދާނަވެގެންވާ ކަމެއް ނޫނެވެ. ތިޔައިން މީހަކަށް އިރުން އަލިފާން ހުޅެއް ރޯކޮށްގެން ގެނައުމުގެ ކުޅަދާނަކަން ލިބިގެން ނުވާފަދައިންނެވެ." މިހެން ޙަދީޘްކުރެެްވުމާއެކު އިތުރު ސާހިބާ އަށް ކީރިތިފުޅު ކުރެއްވިއްޖެއެވެ. (އަލްބިދާޔަތު ވައްނިހާޔަތު)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން