ޞާދިރު ޢަލީދީދީ   7 ޖުލައި 2023 - 13:48
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
އިތުރު ސާހިބާގެ ވަންހަފުޅު ކަމުގައިވާ ހާޝިމްވަންހައިގެ ބޭފުޅުންނަށް މައްކާގައި ހުރިހާ ބާވަތެއްގެ އާރަކާއި ބާރެއް ލިބިވަޑައިގެންފައި އޮތެވެ. އެހެންކަމުން ނަބީކަމުގެ ކުރީކޮޅުގައި ބައެއްމީހުން ޝައްކުކޮށްގެން ތިބީ "މިހިންމަތްތެރި ޒުވާނާ ރަސްކަލަކަށް ވުމުގެ ހުވަފެން ދެކެނީ" ކަމުގައެވެ.

ނަމަވެސް އިތުރު ސާހިބާގެ މެދުކެނޑުމެއްނެތް މަސައްކަތްޕުޅުން ސާބިތުވެގެން ދިޔައީ އާޚިރަތް ދުވަހާމެދު އިންޒާރު ކުރެއްވުން ނޫން އެހެން އެއްވެސް ކަމެއް އެކަލޭގެފާނު ގެ ކުރިފުޅުމައްޗަކު ނެތްކަމެވެ. އިތުރު ސާހިބާ އެއްފަހަރަކު އަބޫޖަހުލަށް ދީނަށް ގޮވައިލެއްވުމުން އޭނާ ދެންނެވިއެވެ.

"އޭ މުޙަންމަދުގެފާނެވެ! އަޅުގަނޑުމެންގެ ކަލާނގެތަކަށް އެއްޗެހިވިދާޅުވުން ހުއްޓައެއް ނުލައްވާނުތޯއެވެ؟ ކަލޭގެފާނު ބޭނުންފުޅުވަނީ ކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ކަލޭގެފާނުގެ ދަޢުވަތު ގެނެސް ދެއްވައިފި ކަމުގައި އަޅުގަނޑުމެން ހެކިވުން ކަމުގައިވާނަމަ އަޅުގަނޑުމެން ހެކިވަމުއެވެ. ކަލޭގެފާނުގެ ރަސޫލަކަން އިއްވަވައިފީމުއެވެ."

އިތުރު ސާހިބާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ގާތްތިމާގެފުޅު ބޭފުޅުން ޝިޢުބު އަބީ ޠާލިބުގައި ހައްޔަރުވެ ވަޑައިގެންފައި ތިއްބެވި ދުވަސްވަރު ޤުރައިޝުން އެބޭކަލުންނާ ދެކޮޅަށް އަޅައިފައި ހުންނަ ދަތިކުރުމުގެ ފިޔަވަޅުތައް ޙުރްމަތްތެރި މަސްމަހަށް ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާގެ ޢާއިލާގެ ބޭފުޅުން އެދުވަސްކޮޅު ބޭނުންފުޅު ކުރައްވަނީ ބޭނުންފުޅު އެއްޗެހިކޮޅު ބައްލަވައިގެންނެވުމަށާއި، ޤުރްބާންކުރެވޭ ޖަނަވާރުގެ މަސް އެއްކުރައްވައި އެތަކެތި ހިއްކަވައި ހެއްދެވުމަށެވެ. އަހަރުގެ ބާކީއޮންނަ ދުވަސްވަރު ފަރީއްކުޅުއްވައި އުޅުއްވުމަށްޓަކައެވެ. ނަމަވެސް އިތުރު ސާހިބާ އެފުރުޞަތުގެ ބޭނުންފުޅު ހިއްޕަވަނީ އެކިއެކި ޤަބީލާތަކުގެ މީހުން ތިބޭ ތަންތަނަށް ވަޑައިގެން އެބައިމީހުންނަށް ދީނަށް ގޮވައިލެއްވުމަށެވެ. ހަމައެފަދައިން އިތުރު ސާހިބާގެ ހިޖްރައިގެ ދަތުރުފުޅަކީވެސް ނުހަނު ނާޒުކު ދަތުރުފުޅެކެވެ. އެކަމަކު އެދަތުރުފުޅުގައިވެސް އެކަލޭގެފާނު ދީނީ ދަޢުވަތު ކުރިޔަށް ގެންދެވިއެވެ. ސީރަތުގެ ފޮތްތަކުގައި އެކަމާބެހޭ އެތައް ވާހަކަތަކެއް ބަޔާން ކުރެވިފައިވެއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ޣަމީމެވެ ކިޔުނު ތާނގައި بريدة بن الحصيب رضي الله عنه އަށް ދީނަށް ގޮވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤަބީލާގެ އަށްޑިހަގޭގެ މީހުން އިސްލާމްވިއެވެ. ހަމައެފަދައިން ދެފަރުބަދައެއްގެ ދެމެދުގައިވާ ރަކޫބެވެ ކިޔުނު ތަނަކުން ދެމީހަކާ ބައްދަލުވެވަޑައިގަތެވެ. އިތުރު ސާހިބާ އެދެމީހުންނަށް ދީނަށް ގޮވައިލެއްވިއެވެ. އެދެމީހުން އިސްލާމްދިން ޤަބޫލުކުރިއެވެ. އިތުރު ސާހިބާ އެބައިމީހުންގެ ތަޢާރަފަކަށް އެދިވަޑައިގަތުމުން ދެންނެވިއެވެ.

އަޅުގަނޑުމެންނަކީ އަސްލަމްވަންހައިގެ ދެމީހުންނެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ މަގުފޭރުމެވެ. އެހެންކަމުން މީހުން އަޅުގަނޑުމެންނަށް ކިޔައިއުޅެނީ "ވިޔާނުދާ ދެމީހުން" ނެވެ. އިތުރު ސާހިބާ ޙަދީޘް ކުރެެއްވިއެވެ. ނޫނެކެވެ. ތިޔައީ މާތް ދެމީހުންނެވެ.

އިތުރު ސާހިބާގެ ތަރުބިއްޔަތުގެ އަސަރުން އެކަލޭގެފާނުގެ ޞަޙާބީންގެ މިޒާޖުފުޅުވެސް ވަނީ ބަދަލުވެފައެވެ. ރަށްތައް ފަތަޙަކުރެއްވުމާއި، ޣަނީމާ ހޯއްދެވުމަކީ އެބޭކަލުންގެ އަރިހުގައި މާ މުހިންމު ކަމެއްނޫނެވެ. މުހިންމު ކަމެއްކަމުގައި އެބޭކަލުން ބައްލަވަނީ އެބޭކަލުންގެ ސަބަބުން މާތް ﷲ ބަޔަކަށް އީމާންކަމުގެ ނިޢުމަތް ދެއްވުމެވެ.

ޚައިބަރު ހަނގުރާމައިގައި علي رضي الله عنه އަށް ދިދަދެއްވި ދުވަހު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަލީގެފާނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. މަޑުމައިތިރިކަމާއެކު ވަޑައިގަންނަވާށެވެ. އެބައިމީހުންގެ މައިދާނަށް ވަޑައިގެންނެވުމުން އެބައިމީހުންނަށް އިސްލާމްދީނަށް ގޮވައިލައްވާށެވެ. އެބައިމީހުންގެ މައްޗަށް ހުރި މާތް ﷲ ގެ ޙައްޤުފުޅުތައް ބަޔާން ކޮށްދެއްވާށެވެ. މާތް ﷲ ގަންދެއްވަމެވެ. ކަލޭގެފާނުގެ ސަބަބުން މާތް ﷲ އެންމެ މީހަކަށް ތެދުމަގު ދެއްކެވުންވެސް އެއީ ކަލޭގެފާނަށްޓަކައި އެތައް ބައިވަރު ގެރިބަކަރި ޖަމަލަކަށްވުރެވެސް (ކިތަންމެ އަގުހުރި މުދަލަކަށްވުރެވެސް) މާރަނގަޅުކަމެކެވެ.

އިތުރު ސާހިބާގެ ޙަޔާތްޕުޅުގެ މިދާއިރާގެ ފާޅުކަން ނުހަނު ބޮޑެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅަށް މައިގަނޑު ނަމެއް ދޭނަމަ އެމައިގަނޑު ނަމަކަށްވާނީ ދަޢުވަތެވެ. އެކަލޭގެފާނު ޢާންމު އާދައިގެމަތީން ސިޔާސީ ނުވަތަ އިޤްތިޞާދީ ނުވަތަ ތަމައްދުނީ މައްސަލަތަކެއް އަމާޒަކަށް ނަހައްދަވައެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ ހުރިހައިވެސް ސަމާލުކަމެއް ދެއްވީ މާތް ﷲ ގެ މަގަށް މީސްތަކުންނަށް ގޮވައި ލެއްވުމަށެވެ. އެންމެ ފުރަތަމަކޮޅުގައި ބޭރުފުށުން އެއީ އެއްކަމެއްކަމުގައި ފެނުނު ކަމުގައިވިޔަސް އެންމެ ފަހުގެ ނަތީޖާ ކުރިމަތިވެގެން އައިއިރު އެނގުނީ އެއީ އެއަމާޒަކަށް ވާސިލުވެވިއްޖެނަމަ އެހެން ހުރިހާ މޮޅެއް އަމިއްލަޔަށް ތިމާގެ އަތްމައްޗަށް އަރާނެ އަމާޒެއްކަމެވެ.

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން