ޞާދިރު ޢަލީދީދީ   9 ޖުލައި 2023 - 13:17
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
މައްކީ ދައުރުގައި މުސްލިމުން ޙަބަޝާއަށް ކުރި ހިޖްރައަކީ އެއްނަޒަރަކުން ބަލާއިރު މިދެންނެވި ބާވަތުގެ ކަމެކެވެ. މައްކާގައި މުސްލިމުން ވިޔަފާރިކުރުމަށް މައްކާގެ މީހުން ހުރަސްއަޅާން ފެށުމުން މުސްލިމުން އަވަށްޓެރި ޙަބަޝާގައި ދިރިއުޅޭން ފެށިއެވެ. ބުރަމަސައްކަތާއި މަޖޫރީ ކޮށްގެންނެވެ. މުސްލިމުން ޙަބަޝާގައި ސާބިތުކޮށްދިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި ހީވާގިކަމުން ޙަބަޝާގެ ރަސްގެފާނު ނަޖާޝީ ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ. ނަތީޖާއެއްގެގޮތުން އޭނާ މުސްލިމަކަށް އުނދަގުލެއް ތުރާލެއްކޮށްފި ކޮންމެ މީހަކު އެމީހަކު އެތުރާކުރި މުސްލިމަކަށް ބަދަލުގެގޮތުން އަށް ދިރުހަމް ދޭންޖެހޭކަމަށް ކޮލިލެއްވިއެވެ.

ކެތްތެރިކަމަކީ ބޭރުފުށުން ބަލާއިރު ތިމާގެ އަތުން ކަންތައްތައް ބީވެގެންދާ ކަމެއްކަމުގައި ފެނުނު ކަމުގައިވިޔަސް ކަމުގެ ނަތީޖާއަށް ބަލާއިރު އެއީ ތިމާއަށް ލާބަހުރި ކަމެކެވެ. ކެތްތެރިކަން އިންސާނާ އޭނާގެ ވާދަވެރިޔާއާ ދެކޮޅަށް ވަގުތުން ޖަވާބީފިޔަވަޅު އެޅުމުގެ ބަދަލުގައި ދުރަށް ވިސްނައިގެން އަޅާ ފިޔަވަޅުތަކާމެދު އިތުބާރު އުފައްދައެވެ. ތިމާޔަށް މީހަކު އަނިޔާއެއް ދިނުމުން ނުވަތަ މީހަކު ތިމާ ކޯފާއިސްކުރުވުމުން އޭގެ ޖަވާބުގައި ތިމާ ވަގުތުން ފިޔަވަޅު އަޅުއްވާނަމަ އެފިޔަވަޅެއްވާނީ އަސަރުކޮށްފައިވާ ސިކުނޑިފުޅަކުން ރޭއްވެވޭ ކަމަކަށެވެ. އެފިޔަވަޅެއްގެ ޗާޓު ކުރެހޭނީ ކެކިކެކި ހުންނަ ޖަޒްބާތުތަކެއްގެ ބާރުގައެވެ. މީއާޚިލާފަށް ވަކިފަރާތަކަށް ބުރަވެވަޑައިނުގެން ކަމުގެ ޙަޤީޤަތާއި ލިބޭންހުރި ވަސީލަތްތަކާމެދު ފުންކޮށް ވިސްނައިވަޑައިގެން ފިކުރު ހިންގެވުމަށްފަހު އެއާ ގުޅޭގޮތުން ހަރުދަނާ މަޝްރޫޢެއް ރޭއްވެވުމަށް ކިޔާ ދެވަނަ ނަމަކީ ކެތްތެރިކަމެވެ.

ކެތްތެރިކަމުގެ މަޠްލަބަކީ އިދިކޮޅު ފަރާތާމެދު ތިމާ އަމިއްލަޔަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި މާތް ﷲ ގެ އަބަދީ ޤާނޫނު އެމީހަކާމެދު ތަންފީޒުވެ ނިމުމަށް ފުރުޞަތު ދިނުމެވެ.

މީހަކު ކެތްތެރިކަން ކުޑަކޮށްލާފައި ތިމާގެ ވާދަވެރިޔާއާ ދިމާކުރަން ދުއްވައިގަންނައިރު އޭނާއަށް މަގުދައްކާނީ ޝައިޠާނީ ޖަޒުބާތާއި ހަރުދަނާކަމެއްނެތް ޢަމަލުތަކެވެ. އެފަދަ ވަގުތެއްގައި އޭނާއަށް އެޅޭނީ އޭނާގެ ކޮޅު ދަށްވާފަދަ ފިޔަވަޅުތަކެކެވެ. އެއާ ޚިލާފަށް މީހަކު ކެތްތެރިކަމުގެ ބޭނުން ހިފާއިރު އެމީހެއްގެ ކިބައިގައި އޭގެ މަސައްކަތް ހިންގުމަށްޓަކައި ހޭލަމުންދާނީ ބުއްދިއެވެ ކިޔޭ އިލާހީ ބާރެވެ. އިންސާނާގެ ބުއްދިއަކީ ހައިރާންވެ އަންތަރީސްވާފަދަ ވަރުގަދަ ބާރެކެވެ. އެބާރަށް، ފަރުދާގެ އަނެއްފަރާތްވެސް ފެނެއެވެ. އެބާރު މުސްތަޤްބަލުގެ ކިޑިކީން ޙަޤީޤަތްތައް ދެކެގަނެއެވެ. ބުއްދިއަށް ނުރަނގަޅު ޖަޒުބާތުތަކާ ވަކިވެހުރެ ވިސްނުމުގެ ފުރުޞަތު ދީފިނަމަ ޙަޤީޤަތްތަކުގެ އަޑިޔަށް ފީނައި ތިމާގެ އިދިކޮޅު މީހާ ވަށައިގެން ބަނދެލެވޭނެ ކޮޅުތައް ހޯދައިގަނެއެވެ. ކޮންމެވެސް ޝިކާރައެއް ވަރުގަދަ ދަލެއްގައިޖެހޭ ފަދައިންނެވެ. އެދަލެއްގައި ޖެހޭ ޝިކާރައެއްގެ ކޮންމެ ޙަރަކާތަކީ ޝިކާރަވެރިޔާގެ މަޅިތަކުގައި އިތުރަށް މެހުންކަމުގައި ހިމެނޭފަދަ ދަލެކެވެ.

ހިޖްރައިގެ ޙާދިޘާއަކީ މިދެންނެވި ބާވަތުގެ މިސާލެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޝަހީދުކުރަން ޤުރައިޝުން ކަނޑައެޅުމުން އެކަލޭގެފާނަށް ހެއްދެވިދާނެ އެއްގޮތަކީ އެބައިމީހުންގެ ކަނޑިތަކުގެ ކުރިމަތީގައި ހުއްޓިވަޑައިގަތުމެވެ. ނަމަވެސް އިތުރު ސާހިބާ ކަންތައް ކުރެއްވީ އެގޮތަކަށް ނޫނެވެ. އެކަލޭގެފާނު ފިނި ސިކުނޑިފުޅަކުން ވިސްނައިވަޑައިގަތުމަށްފަހު ނިންމެވީ މައްކާ ދޫކޮށްލައްވައި މަދީނާއަށް ވަޑައިގަންނަވާށެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކަލޭގެފާނު ދަޢުވަތުގެ މަސައްކަތްޕުޅު ކުރައްވާތަން ބަދަލުކޮށްލައްވާށެވެ.

ام المؤمنين السيدة عائشة رضي الله عنها ވިދާޅުވެފައިވެއެވެ. އިތުރު ސާހިބާ ހިޖްރައިގެ ކުރިން ކޮންމެ ދުވަހަކުވެސް އަހަރެންގެ ބައްޕާފުޅު، ابوبكر ގެފާނުގެ ގެކޮޅަށް ވަޑައިގަންނަވައެވެ. ކުރިޔަށް އޮތްތާނގައި އަޅުއްވާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރައްވައެވެ. ހަމަސްދުވަސް ވީއިރު ނުހަނު ސިއްރުން ހުރިހާ ތައްޔާރީތަކެއް ފުރިހަމަ ކުރެއްވިއްޖެއެވެ. ވިސްނައިވަޑައިގެން ރާއްވަވައިފައިވާ ރޭއްވެވުމާ އެއްގޮތަށް އިތުބާރުހުރި އާރުކާޓީއަކު ގޮވައިގެން މަދީނާއަށް ފުރައިވަޑައިގެންފިއެވެ.

އިދިކޮޅު ފަރާތާ ހަނގުރާމަ ފަށައިގެން ޝަހީދެއްގެ ހަނދާން ޤާއިމުކުރުމަކީ އެންމެ މޮޅުގޮތް ކަމުގައިދެކޭ ޖޯޝްހުރި ލީޑަރެއްގެ ވިސްނުމުގެ ނަޒަރުން ބަލާއިރު ހިޖްރައަކީ ބާވަތެއްގެ ފިލައިގެން ދިޔުމެެއްކަމުގައި ސިފަކުރެވިދާނެއެވެ. ނަމަވެސް ހިޖްރައިގެ ނަތީޖާގެ ނިސްބަތުން ބަލާއިރު ހިޖްރައަކީ އިސްލާމްގެ ތާރީޚު ބަދަލުކޮށްލި އެންމެެ މަތިވެރި ޙާދިޘާއެވެ.

މިގޮތުން ބަލާއިރު ކެތްތެރިކަމަކީ ތިމާ އަމިއްލަޔަށް ފިޔަވަޅުނާޅައި ފިޠުރަތުގެ ޤާނޫނަށް އެޤާނޫނު ތަންފީޒުވުމުގެ ފުރުޞަތު ދިނުމެވެ. އިންސާނީ ފިޠުރަތަކީ ދާއިމީ ޙަޤީޤަތެކެވެ. އަޅުގަނޑުމެންނަށް ބޭރުފުށުގެ ފަރުދާ ކަހައިލެވިއްޖެނަމަ ފެންނާނީ ފިޠުރަތު އިންސާނީ ޙަޔާތުގައި ނިޔާ ކަނޑައެޅުމުގެ އިންތިހާ ދަރަޖައިގެ މުޙިއްމު ރޯލެއް ކުޅެމުން ގެންދާތަނެވެ. އެއްޗެހި ގޮވައިގަތުމުން ޖަވާބުގައި ހަނުހުރެެއްޖެ މީހަކަށް ފިޠުރަތުގައި އަބަދުވެސް ނުހަނު ހަމްދަރުދީގެ ކަނެއް އެކުލެވިފައިވެއެވެ. ފިޠުރަތު އޭގެ އަމިއްލަ ގޮވުމުގެ ސަބަބުން މަޖްބޫރުވެފައިވަނީ އަނިޔާވެރިޔާގެ ބަދަލުގައި ޙައްޤުގައި ހުރީ އަނިޔާ ލިބޭ މީހާކަން ޤަބޫލުކުރުމަށެވެ. ފިޠުރަތުގެ ދުނިޔޭގައި ލިބުން ޙައްޤު މީހަކަށްވަނީ މަޙްރޫމްވުމުންނެވެ. އޭނާ ހުރީ ޙައްޤުގައިކަން ސާބިތުވަނީ ހިފެހެއްޓުންތެރިކަމާއި ސާބިތުވެ ހުރުމުންނެވެ. މީގެ އެއްމިސާލަކީ އިސްލާމްދީނުގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ޚާންދާނާ ޤުރައިޝުން ގުޅުން ކެނޑި ކެނޑުމެވެ. އެޙާދިޘާ ހިނގީ ނަބީކަމުގެ ހަތް (7) ވަނަ އަހަރުގައެވެ. އޭގެ ސަބަބުން އަބޫލަހަބު ފިޔަވައި ހާޝިމްވަންހައިގެ ހުރިހާ ބޭފުޅުންނާއި މުއްޠަލިބުވަންހައިގެ ބޭފުޅުން ފަރުބަދައެއްގެ ވާދީ (ޝިއުބު އަބީ ޠާލިބު) ގައި ހައްޔަރުވެވަޑައިގަތެވެ. މަޤްޞަދަށްޓަކައި ހަނުހިމޭންކަމާއެކު އިންތިހާ ދަރަޖައިގެ އަނިޔާ ބަރުދާސްތު ކުރަމުން ގެންދިޔުމަކީ އިންސާނީ ފިޠުރަތު އެކަމުގެ ބަދަލުނުދީ ހުއްޓައިލާނެ ކަމަކަށް ނުވިއެވެ. އެންމެ ތިންއަހަރުވީތަނާ، ޚުދް ދުޝްމިނުންގެ ތެރެއިން އަބުދުލްބުޙްތަރީއާއި، ހުޝާމް ބިން ޢަމްރާއި، ޒުހައިރު ބިން އަބީ އުމައްޔަތާއި، ޒަމްޢަތު ބުނުލް އަސްވަދާއި، މުޠުޢިމް ބިން ޢަދީފަދަ އެތައްބަޔަކު އުފެދިއްޖެއެވެ. އެބައިމީހުން ޤުރައިޝު ވަންހައިގެ ބޮޑުންނާ އަރައިރުންވެ، މުޢާހަދާގެ ފަތް ވީދައިލައި ހާޝިމް ވަންހައާއި މުއްޠަލިބު ވަންހައިގެ މީހުން އެއަނިޔާވެރި ބޮއިކޮޓްކުރުމުން މިންޖުކޮށްދިނެވެ.



********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން