ޞާދިރު ޢަލީދީދީ   10 ޖުލައި 2023 - 11:34
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ކެތްތެރިކަމުގެ އެންމެ ޚާއްޞަ ފައިދާއަކީ އެކަމުގެ ސަބަބުން މާތް ﷲ ގެ ނަޞްރުގެ ޙައްޤުވެރިޔަކަށް ވެވޭކަމެވެ. މީހަކު ރަނގަޅު މަޤްޞަދަކަށްޓަކައި ކެތްތެރިވެ ތިމާގެ މައްސަލަތަކާމެދު ކާއިނާތުގެ އެމީހެެއްގެ ބަރޯސާ ފުރިހަމަކޮށް ނުދެއްވުމަކީ މުސްތަޙީލުކަމެކެވެ.

މިދެންނެވި އިލާހީ ނަޞްރު ތަފާތު އެތައް ގޮތަކުން ލިބެމުންދެއެވެ. އެއްވެސް މީހަކަށް އެހުރިހާ ގޮތްތައް ދަނެއެއް ނުގަނެވޭނެއެވެ. އަދި އެހުރިހާ ގޮތްތަކެއް ހޯދައެއްވެސް ނުގަނެވޭނެއެވެ. ނަމަވެސް މުސްލިމުންނާއި ޣައިރުމުސްލިމުންނާ ކުރިމަތިލާ ވަގުތު އަންނަ ޚާއްޞަ އެއްނަޞްރަކީ މާއްދީ ޙާލަތަކަށް އެނަސްރާ ގުޅޭގޮތުން ގެންނަވާ އުނި އިތުރެވެ. އަދި އީމާންކަމުގެ އަހްލުވެރީންގެ ހިތްތަކަށް އިތުބާރާއި ޔަޤީންކަން ދެއްވުމާއި ދުޝްމިނުންގެ ހިތްތަކުގައި އުފައްދަވާ ޖެހިލުންވުމާއި ބިރުވެތިކަމެވެ.

"އޭ އީމާންވީ މީހުންނޭވެ! ލަޝްކަރުތަކެއް ތިޔަބައިމީހުންނާ ހަމައަށް އައިހިނދު، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ އެހިނދު އެބައިމީހުންގެ މައްޗަށް ގަދަވަޔަކާއި އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައް ކުރާގޮތް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލްއަޙްޒާބު: 9)

އިސްވެދިޔަ އާޔަތަކީ، މީލާދީން 627 ވަނަ އަހަރުގައި ހިނގި އަޙުޒާބު ހަނގުރާމަ އާގުޅޭ އާޔަތެކެވެ. އެހަނގުރާމައިގައި މުއުމިނުންނަށް ނަޞްރު ދެއްވުމަށްޓަކައި މާތް ﷲ ދެއެއްޗެއް ފޮނުއްވިއެވެ. ވަޔާއި، މަލާއިކަތުންގެ ލަޝްކަރުތަކެވެ. ވަޔަކީ އާދަޔާ ޚިލާފު ނާދިރު އެއްޗެއް ނޫނެވެ. ވަޔަކީ ބިމޭ މިކިޔޭ ބޯޅައިގެ ވަށައިގެން ވަރުގަދަ އުރައެއްފަދައިން އަބަދުވެސް ލެވިފައިވާ އެއްޗެކެވެ. ނަމަވެސް ޚާއްޞަ ވަގުތެއްގައި ޚާއްޞަ ތަނެއްގައި އެވައި ގަދަކުރެވިއްޖެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަޔަކީ އީމާންކަމުގެ އަހްލުވެރީންނަށް ނަޞްރެއްކަމުގައިވިއެވެ. މިއިން އެނގެނީ މާތް ﷲ ބަޔަކަށް ނަޞްރު ދެއްވަން އެދިވަޑައިގެންފިނަމަ މާއްދީ ޙާދިޘާތައް ވަރުގަދަ ކުރައްވާކަމެވެ. އޭގެ ނަތީޖާ އެބަޔަކަށް ލިބޭ ކާމިޔާބީގެ ސިފައިގައި ފާޅުވެއެވެ.

މަލާއިކަތުންގެ ލަޝްކަރުތަކެއް ފޮނުއްވުމުގެ މާނައަކީ އެބޭކަލުން މުސްލިމުންނާއެކު ކަނޑިހިއްޕަވައިގެން ހަނގުރާމަ ކުރެއްވި ވާހަކައެއް ނޫނެވެ. ޙަޤީޤަތުގައި އެއީ ޚާއްޞަ ބާވަތެެއްގެ ނަފްސާނީ އެހީފުޅެކެވެ. ޢާއްމުކޮށް މިފެންނަ ޒާތުގެ ޢަސްކަރީ މަދަދެއް ނޫނެވެ. އެމަދަދު އަންނަނީ މުސްލިމުންގެ ހިތްތަކަށް ސާބިތުކަން ދެެއްވުމަށާއި އަނެއްކޮޅުން އިސްލާމްދީނުގެ ދުޝްމަނުންގެ ހިތްތަކަށް ބިރުވެތިކަން ވެއްދެވުމަށެވެ. (އަލްއަންފާލު: 12) އެމަދަދުގެ ސަބަބުން މުސްލިމުންނަށް ދުޝްމިނުންގެ ނަޒަރުގައި މުސްލިމުންގެ ލަޝްކަރު މާގިނަކޮށް ދައްކަވައެވެ.

ފާރޫޤީ ދައުރުގައި سعد بن ابي وقاص رضي الله عنه އިސްލާމީ ލަޝްކަރާއިގެން ޤާދިސިއްޔާއަށް ފައިބާވަޑައިގެންނެވިއެވެ. ޤާދިސިއްޔާއަކީ ޢަރަބީންގެ ނަޒަރުގައި އީރާނުގެ ދޮރޯއްޓެވެ. މުސްލިމުންނަށް އެތާނގައި ވަރަށް ގިނަ ދުވަހު ތިބޭންޖެހުނެވެ. ނަތީޖާއެއްގެގޮތުން ލަޝްކަރުގެ ކާބޯތަކެތި ހުސްވިއެވެ.

سعد بن ابي وقاص رضي الله عنه ކޮންމެވެސް ތަނަކުން ގެރިބަކަރި ގަނެގެން އަންނާން ބަޔަކު ފޮނުއްވިއެވެ. އެބައިމަިހުންނާ އީރާނުގެ މީހަކާ ބައްދަލުވިއެވެ. سعد ގެފާނު ފޮނުއްވި މީހުން އީރާނުމީހާ ކުރެން ގެރިބަކަރިއާ ބެހޭގޮތުން ސުވާލު ކުރިއެވެ. އޭނާ ބުނީ ގެރިބަކަރި ލިބޭނެ ތަނެއް އޭނާއަށް އެނގިފައި ނުވާކަމުގައެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާއަކީ ގެރިބަކަރި ހުއިހައްޕާ މީހެކެވެ. އޭނާއަށް އިސްލާމީ ލަޝްކަރުގެ ޚަބަރު ލިބުމުން އޭނާ ގެންގުޅޭ ގެރިބަކަރި އެތާ ކައިރީގައި އޮތް ބޯޖަންހައްޔެއްގައި ފޮރުވީއެވެ. ދެން ހިނގައިދިޔަ ކަންތައްތައް ތާރީޚުގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ފިރިހެން ގެރިޔެއް ގޮވައިިލިއެވެ. ހުއިހައްޕާ މީހާއަކީ ދޮގުވެރިޔެކެވެ. އަހަރެމެން މިގަސްތަކުގެ ތެރޭގައި އެބަތިބީމުއެވެ." އެއަޑު އިވުމުން ބަޔަކު ޖަންގަލީގެ ތެރެއަށް ވަދެ ޖަނަވާރުތަކެއް ލަވަމުން سعد بن ابي وقاص ގެ އަރިހަށް ގެންގޮސްފިއެވެ. އިސްލާމީ ލަޝްކަރަށް އެޚަބަރު އޮޅުންފިލުމުން ވަރަށް އުފާކުރިއެވެ. އަދި އެއީ ފާޅުވެގެންހުރި އިލާހީ މަދަދެއް ކަމުގައި ވިސްނިއެވެ. ނަމަވެސް مؤرخ ابن الطقطقي ލިޔުއްވާފައިވާ ފަދައިން އޭގެ މަޠްލަބަކީ ފިރިހެން ގެރިއެއް ޢަރަބިބަހުން "އަހަރެމެން މިތާ އެބަތިބީމުއެވެ" ގޮވައިލީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އެހެންވެސް ގެރި ގޮވާ ކަހަލަ ގޮވުމެކެވެ. އެއަޑު އިވުމުން މުސްލިމުންނަށް އެތާނގައި ގެރިބަކަރި ތިބިކަން އެނގުނީއެވެ. (އަލްފަޚްރީ: ސަފްޙީ 79)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން