ކަޅުސައި: ކަޅުސަޔަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ބުއިމެއް
ކަޅުސައި: ކަޅުސަޔަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ބުއިމެއް
ފިނި ވާރޭވެހޭ މޫސުމުގައި ކޮންމެ ދުވަހެެއްގެވެސް ހެނދުނު، ހުނި ރޮއްޓާއި ރިހާކުރާއިއެކު ހޫނު ކަޅު ސައި ތައްޓެއް ބޮއެލެމަކީ ހާދަވާ ހިތްހަމަޖެހޭ ކަމަކެވެ. ދިވެހިންގެ ތެރޭގައި ކަޅު ސަޔަކީ ވަރަށް މަޤުބޫލު ބުއިމެކެވެ. އެގޮތުން އެންމެ ކުރީ ޒަމާނުގައި ކަޅު ސަޔާއި ފާރޮއްޓަކީ ދިވެހިންގެ މަޤުބޫލު ކާނާއެކެވެ. ނަމަވެސް ސައިގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންނަށްވުރެ، ސަޔަށް ފޯރި ހުންނަ މީހުން ނިސްބަތުން މާގިނައެވެ.

އެގޮތުން މިއަދު މިބަލާލަނީ ސައި ބުއިމަށް އެންމެ ފޯރި ހުންނަ 10 ޤައުމަށެވެ.

1. ތުރުކީ

ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ސައި ބޭނުންކުރަނީ ތުރުކީގައެވެ. އަހަރެއްގެ މައްޗަށް އެޤައުމުގެ ވަކިވަކި ފަރުދުންގެ ތެރޭގައި 3.16 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ. ސައިކައްކަން ބޭނުން ކުރާ އެކި ވައްތަރުގެ ކުރާތަކާއި ސައި ތައްޔާރު ކުރުމުގައްޔާއި، ތައްޓަށް ސައި އެޅުމުގެ ތަފާތު އާޓުތައް އެމީހުންގެ ޘަޤާފަތުގެ ތެރޭގައި ހިމެނެއެވެ. އެޤައުމުގެ އެންމެ މަޤުބޫލު ސަޔަކީ ކަޅު ސަޔެވެ.

2. އައިރލެންޑު

މިޤައުމުގައި އަހަރެއްގެ މައްޗަށް ކޮންމެ މީހަކުވެސް 2.19 ކިލޯގެ ސައިފަތް ބޭނުން ކުރާކަމުގައި ރިޕޯޓުތަކުން ދައްކައެވެ. އައިރލޭންޑުގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ސަޔަކީ ރައްޓެހިންނާއި އާއިލާއާއިއެކު ހޭދަކުރާ ވަގުތުތަކުގައި ސުފުރާގެ އެކުވެރިޔާއެވެ. އަދި އެންމެ މަޤުބޫލީ ހެނދުނުގެ ނާސްތާއާއިއެކު ސައި ބުއިމެވެ.

3. އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައިވެސް ސަޔަށް ވަރަށް ޚާއްސަކަމެއް ދެއެވެ. އިނގިރޭސިންގެ ތެރޭގައި އެންމެ ކުރީ ޒަމާނުގައި ސަޔަކީ ހަމައެކަނި މަތީ ގިންތީގެ މީހުންނަށް ލިބެންހުންނަ އަގުބޮޑު ބުއިމެކެވެ. އެމީހުންގެ ތެރޭގައި ސައި ބުއިމަކީ އާދައަކަށްވެ އާއްމުކޮށް އެންމެންނަށްވެސް ސައި ލިބެންފެށި 1717 ގައި ތޮމަސް ޓްވިނިންގ ކިޔާ މީހަކު ސައި ވިއްކާ ފިހާރައެއް ހުޅުވާލުމުންނެވެ. މިހާރު އެޤައުމުގެ ނިސްބަތުން ކޮންމެ މީހަކު އަހަރެއްގެ މައްޗަށް 1.94 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ.

4. ޕާކިސްތާން

ޕާކިސްތާނުގައި ނިސްބަތުން އަހަރެއްގެ މައްޗަށް ކޮންމެ މީހަކުވެސް 1.5 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ. ކިރު ސަޔާއި 'އެލައިޗީ' ސަޔަކީ ޕާކިސްތާން މީހުންނަށް އެންމެ ކަމުދާ ސައިގެ ބާވަތެވެ. މިޤައުމުގައިވެސް ރައްޓެހިންނާއި ބައްދަލުވެ ވާހަކަ ދައްކާލުމަށް މޭޒަށް އަރާއިރު ސަޔަކީ މޭޒުމަތި ފަޅުފިލުވައިދޭ އެންމެ މުހިންމު ބާވަތެވެ.

5. އީރާން

އީރާނުގައި ނިސްބަތުން އަހަރެއްގެ މައްޗަށް އެޤައުމުގެ ކޮންމެ ފަރުދަކުވެސް 1.5 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ. އާއްމުކޮށް މިޤައުމުގެ މީހުންނަށް ކަމުދަނީ ހިތިކޮށް ތައްޔާރުކުރެވޭ ކަޅު ސަޔެވެ. އަދި ކެއުމުގެ ތިން ވަގުތުގައިވެސް އެމީހުން ކަޅުސައި ބޭނުންކުރެއެވެ. އެގޮތުން ހެނދުނުގެ ނާސްތާއާއި، މެންދުރު ކެއުން އަދި ރޭގަނޑު ކެއުމުގައިވެސް އެމީހުން ސައި ބޮއެ އުޅެއެވެ.

6. ރަޝިޔާ

ރަޝިޔާގައިވެސް ސައިބުއިމުގެ ވަރުގަދަ ސަޤާފަތެއް އޮވެއެވެ. މިޤައުމުގައި އާއްމުކޮށް ސައި ބޮއެ އުޅެނީ މެންދުރު ވަގުތުގައެވެ. އަދި އެންމެ މަޤުބޫލީ ކަޅު ސަޔެވެ. އަހަރެއްގެ މައްޗަށް 1.38 ކިލޯގެ ސައިފަތް އެޤައުމުގެ ކޮންމެ މީހަކުވެސް ބޭނުންކުރެއެވެ.

7. މޮރޮކޯ

މޮރޯކޯ މީހުންގެ ސައިގެ ޘަޤާފަތުގެ ތެރޭގައި ގްރީން ޓީ އާއި މިންޓް ޓީ ބޭނުންކުރެއެވެ. އަދި ތަފާތު އެކިކަހަލަ ޕޭސްޓްރީއާއިއެކު ސައި ބޮއި އުޅެއެވެ. މޮރޮކޯގެ މީހުންގެ ތެރޭގައި އަހަރެއްގެ މައްޗަށް 1.22 ކިލޯގެ ސައިފަތް ކޮންމެ ފަރުދަކުވެސް ބޭނުންކުރެއެވެ.

8. ނިއުޒިލެންޑް

ނިއުޒިލެންޑުގައި ހެނދުނު ހޭލާ ގޮތަށް ސައި ތައްޓެއް ބުއިމަކީ އާދަވެފައިވާ އެމީހުންގެ ޘަޤާފަތެކެވެ. ދުވާލާއި ރޭގަނޑުގެ އެކި ވަގުތު ތަކުގައިވެސް ސައި ބުއިމަށް އެމީހުން ލޯބި ކުރެއެވެ. އަދި އެންމެ މަޤުބޫލީ ކަޅު ސަޔެވެ. ނިއުޒިލެންޑުގައި އަހަރެއްގެ މައްޗަށް އެޤައުމުގެ ކޮންމެ ފަރުދަކުވެސް 1.19 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ.

9. ޗިލީ

ޗިލީގައި ނިސްބަތުން ކޮންމެ ފަރުދަކުވެސް އަހަރެއްގެ މައްޗަށް 1.19 ކިލޯގެ ސައިފަތް ބޭނުންކުރެއެވެ. އާއްމުކޮށް ބޮއެ އުޅެނީ ކަޅު ސަޔެވެ. 'ޔާބޭ މޭޓް ޓީ' ކިޔާ ސަޔަކީވެސް ޗިލީގައި އެމީހުން ތައްޔާރުކުރާ އެޤައުމުގައި މަޝްހޫރު ސަޔެކެވެ.

10. އިޖިޕްޓް

އިޖިޕްޓުގައި ސަޔަށް ކިޔަނީ 'ޝައި' އެވެ. އަދި ކޮށާރި ނަމަކަށް ކިޔާ، ކަޅު ސަޔަށް ހަކުރާއި ގަނދަކޯޅިފަތް އަޅައިގެން ތައްޔާރު ކުރެވޭ ސަޔަކީ އެންމެ ކަމުދާ ސައިގެ ބާވަތެވެ. މިޤައުމުގެ މީހުން އަހަރެއްގެ މައްޗަށް 1.01 ކިލޯގެ ސައިފަތް ބޭނުން ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން