ޞާދިރު ޢަލީދީދީ   11 ޖުލައި 2023 - 12:35
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
މާތް ﷲ އަށް ބަރޯސާކުރެއްވުން



ކީރިތި ޤުރުއާނުގައި، ސޫރަތުލް އަންފާލުގެ 61 އަދި 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"އަދި ޞުލްޙައިގެ ފަރާތަށް އެބައިމީހުން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް ޤަބޫލުކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ކަލޭގެފާނަށް ކެހިދިނުމަށް އެބައިމީހުން ގަޞްދުކުރާނަމަ، ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާގެއީ އެކަލާނގެ ނަޞްރާއި މުއުމިނުން މެދުވެރިކުރައްވައިގެން ކަލޭގެފާނަށް ގަދަކަން ދެއްވި ރަސްކަލާނގެއެވެ."

އާދެ، ކީރިތި ޤުރުއާނުގެ މިޙުކުމަކީ އިސްލާމީ އުސޫލުގެ ޚުލާޞާއެކެވެ. އިސްލާމީ އުސޫލަކީ ޙަޤީޤަތުގައި ޞުލްޙައިގެ ގޮތެވެ. އިދިކޮޅު ފަރާތުން ކެއްސެއް ދީފާނެކަމުގެ ބިރު އޮތްކަމުގައިވިޔަސް މުސްލިމުން ތިބެންޖެހޭނީ މާތް ﷲ އަށް އިތުބާރު ކުރުމާއެކު ޞުލްޙަވާން ތައްޔާރަށެވެ.

މިއަމުރުފުޅުން އިރުޝާދު ލިބެނީ ޞުލްޙައިގެ މައިދާނުގައި، އެހެން ޢިބާރާތަކުން ދަންނަވާނަމަ އެހެންމީހުނާ މައްސަލަ ނުޖެހި ކުރިއަށް ދެވޭން އޮތް މައިދާނަކުން ތިމާއަށް ފުރުޞަތު ހޯދައި އެމައިދާނެއްގައި ތިމާގެ ހަކަތަ ބޭނުން ކުރުމަށެވެ. ޙަޤީޤަތަށް ދަންނަވާނަމަ ދެފަރާތެއްގެ ދެމެދުގައި އަރައިރުމެއް ހިނގާ ކޮންމެ ތަނެއްގައި އެދެފަރާތަށްވުރެ މާބާރުގަދަ ތިންވަނަ ފަރާތެއް ވެއެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޒާތުފުޅެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ބާރު އަޅުގަނޑުމެންނާ އެކަށީގެންވާ ދާއިރާއެއްގައި ހިފަހައްޓައިފިނަމަ ދެންހުރި ދާއިރާތަކުގައި އަޅުގަނޑުމެންނަށް ﷲ ފުދެއެވެ.

އަޅުގަނޑުމެންނަށް ލިބިފައިވާ ޢަމަލުގެ ދާއިރާ ދޫކޮށް އެހެންމީހުންގެ މަސައްކަތުގެ ދާއިރާއަށް ފުންމައިލުމަކީ މާތް ﷲ ގެ ދާއިރާއިން އަޅުގަނޑުމެންގެ މަސައްކަތް ފެށުންފަދަ ކަމެކެވެ. މިފަދަ ފެށުމަކުން ވާނެހައިވެސް ކަމަކީ އިލާހީ ކޯފާ އިތުރުވުމެވެ. އެކަމަކީ އެއްވެސް މީހަކަށް އިލާހީ ރަޚްމަތާއި ނަޞްރު ހޯދައިގެނެވޭ ކަމެއްކަމަށެއް ނުވާނެއެވެ.

ނިމުނީ

********

ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން އަޅުގަނޑު ގެނެސްދަމުން އައި ސިލްސިލާ މިނިމުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން