މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑޮނީޝިއާގެ ބާލީގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއްބަސްވެ ވަޑައިގެންފައިވާ ގޮތަށް، އިގްތިޞާދީ ދާއިރާގެ ހުރިހާ ފަންތިއެއްގައި ދެކެވެންޖެހޭ ވާހަކަތައް ދެކެވުމާއި ބަދަލުކުރަންޖެހޭ ސިޓީބިޓީ ބަދަލުކުރުން، ހުރަހެއްނެތި، އެގޮތުގައި ދެމެހެއްޓުމަށް ދެގައުމުން އެއްބަސްވެފައިވާކަމަށް ޗައިނާގެ މާލީ ވުޒާރާއިން އިއްޔެ ބުނެފިއެވެ.



ޗައިނާގެ މާލީ ވުޒާރާއިން މިފަދައިން ބުނެފައިމިވަނީ، އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ޗައިނާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު، އިއްޔެނޫން އިހަށްދުވަހު ނިންމަވާލެއްވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައިއެވެ.

ދެގައުމުގެ ދޭދޭ ގުޅުންތައް ވީހާވެސް އަވަހަކަށް، އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް، އެމެރިކާއިން ކުރާނެކަމަށް، އުންމީދުކުރާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ދެގައުމުގެ ދޭދޭ ގުޅުންތައް ރަނގަޅުވުމުން އެކަމުގެ ފައިދާ ދެގައުމަށްމެ، ކުރާނެ ކަމަށާއި އެމެރިކާއިން ޗައިނާއަށްދޭ އިގްތިޞާދީ ޢުގޫބާތުތަކަކީ އެކަމާއި މެދު ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޗައިނާއާއި އެމެރިކާއާއި ދެމެދުގައި އޮތް ހީނަރުވެފައިވާ ގުޅުންތައް ރަނގަޅުކުރެވޭނީ، ތަރައްގީވުމަށް ގާނޫނީ ގޮތުން ޗައިނާއަށް ލިބިފައިވާ ޙައްގުތަކަށާއި ޗައިނާގެ އެހެނިހެން މަޞްލަޙަތުތަކަށް އެމެރިކާއިން އިޙްތިރާމުކޮށްގެންނެވެ. އަދި އެހެންމެ، ދުނިޔޭގެ ބާޒާރުގައި ވާދަކުރާނެ ގޮތްތަކަކީ ކޮބައިކަން ބުނެދީ، ދުނިޔޭގެ ވިޔަފާރިއާއި ބެހޭ ޖަމްޢިއްޔާއިން (ޑަބްލިޔު.ޓީ.އޯއިން) ކަނޑައަޅާފައިވާ އުޞޫލުތަކަށް އެމެރިކާއިން ފުރިހަމަޔަށް އިޙްތިރާމުކުރަންވާނެ ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

"ޚިލާފެއް އުފެދޭ އިރަށް، އެކަމަކީ ޢަދާވާތްތެރިކަމަކަށް ބަދަލުވެގެންނުވާނެ. އުފެދޭ ޚިލާފުތަކަކީ ދެފަރާތުން އިތުރަށް ވާހަކަދެއްކުމަށް ލިބޭ ހިތްވަރެއްކަމަށް ބަލަންވާނީ"، ޗައިނާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން