ޞާދިރު ޢަލީދީދީ   12 ޖުލައި 2023 - 14:31
އަޅުގަނޑުމެން އިންސާނުންނަށް މާތް ﷲ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތް، އެންމެ ބޮޑު އަމަނާތަކީ ތިމާއަށް އެކަލާނގެ ދެއްވާ ދަރީންނެވެ. އެކަލާނގެ ހިކްމަތްތެރިކަމާއިއެކު އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން އަހަރެމެންނަށް ދަރީންދެއްވާއިރު އަޅުގަނޑުމެންގެތެރެއިން ބައެއް މީހުން ދަރީން ހޯދުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދަރީން ނުދެއްވާކަމީވެސް އަހަރެމެން، އެކަލާނގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމުގެ ގޮތުންނެވެ. އެކަލާނގެ އެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ރަސްކަލާނގެ އެވެ.

ކުޑަކުދިން އެންމެ ފުރަތަމަ ބޮޑުވެގެން އަންނައިރު އެކުދިން ހާނުވާނެ ގޮތާއި، އެކުދިން އަދަބުވެރިކުރުވާ، އަޚްލާޤު ރަނގަޅުކުރުވާނޭ ގޮތާއިމެދު އިބްނުލް ޖައުޒީ (597ހ) ވިދާޅުވެދެއްވަފައިވާ ކަންކަމަށެވެ.

ދަންނާށެވެ!

ކުޑަކުއްޖާއަކީ މައިންބަފައިންގެ ގާތުގައިވާ އަމާނާތެކެވެ!

އަދި ކުއްޖާގެ ހިތަކީ ހުރިހާ ކަނޑާނެގުންތަކާއި ޞޫރަތަކުން ހުސްވެގެންވާ ސާފު އަގުބޮޑު ޖަވާހިރެކެވެ! އަދި އެއީ ކޮންމެ ކަނޑާނެގުމަކަށް ޤާބިލުކަންހުރި އެއްޗެކެވެ! އަދި އެހިތް ލަންބުވާލެވޭ ކޮންމެ ދިމާލަކަށް ލަންބުވާލެވޭ ގޮތަށްވާ އެއްޗެކެވެ.

ދެންފަހެ ހެޔޮކަމަށް ޢާދަކުރުވާ އުނގަންނާދެވިއްޖެނަމަ އޭގެ މައްޗަށް ހެދިބޮޑުވެދެއެވެ. އަދި އެކަމުގެ ޘަވާބުގައި އެކުއްޖާގެ މައިންބަފައިންނާ ތަރުބިއްޔަތުކުރާ މީހާ ހިއްސާވެއެވެ.

އަދި ނުބައިކަމަށް ޢާދަކުރެވި، ވަލުޖަނަވާރު ފަދައިން އިހުމާލުކޮށްލެވިއްޖެނަމަ އެކުއްޖާ އަބާއްޖަވެރިވެ ހަލާކުވެދެއެވެ. އަދި އޭގެ ފާފަ އެޅިގެންދަނީ އެކުއްޖާގެ މައްޗަށް ހުރި ބެލެނިވެރިޔާގެ ކަނދުރާގައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

{ قُوۤا۟ أَنفُسَكُمۡ وَأَهۡلِیكُمۡ نَارࣰا } [التحريم: ٦]

"ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަނބިދަރީން ނަރަކައިން ސަލާމަތްކުރާށެވެ!"

ޢަލީ ބްނު އަބީ ޠާލިބު ވިދާޅުވިއެވެ:

"އެބަހީ: އަނބިދަރިންނަށް އުނގަންނައިދީ އަދަބުވެރިކުރުވާށެވެ!"

ޝައްކެއް ނެތްގޮތުގައި ދުނިޔޭގެ އަލިފާން ކުއްޖާގެ ގައިގައި ޖެހިދާނެތީވެ ބައްޕަ ނުހަނު ސަމާލުވެ ހުށިޔާރުވެއެވެ. ދެންފަހެ އާޚިރަތުގެ އަލިފާން އެކުއްޖާގެ ގައިގައި ޖެހިދާނޭކަމަށް އެއަށްވުރެ މާބޮޑަށް ސަމާލުކަންދީ ހުށިޔާރުވާންޖެހެއެވެ!

އެކުއްޖާ ރައްކާތެރިކުރެވޭނެ ގޮތަކީ:

▪️އެކުއްޖާ އަދަބުވެރިކުރުވާ، ޠާހިރުކުރުވާ، ރިވެތި އަޚްލާޤުގެ ޞިފަތައް ދަސްކޮށްދީ، ނުބައި އެކުވެރިންގެ ކިބައިން އެކުއްޖާ ރައްކާތެރިކޮށްގެންނެވެ.

▪️އަދި އަރާމާއި ހިތްފަސޭހަކަމަށް އެކުއްޖާ ޢާދަނުކުރުވާހުއްޓެވެ!

▪️އަދި ޒީނަތްތަކާއި، ރީތި މޮޅެތި (ޒަމާނީ ފެޝަނާއި) ޝާހީ ސަބަބުތަކަށް އެކުއްޖާ ލޯބި ނުޖައްސާހުށިކަމެވެ!

އޭރުން އެކުއްޖާ ބޮޑުވާހިނދު އެތަކެތީގެ ފަހަތުން ހޯދަން އުޅެގެން މުޅި ޢުމުރު ގެއްލުވާލައެވެ!

▪️އަދި ކިއެއްތަ، އެކުއްޖާގެ ޢުމުރުގެ ކުރީކޮޅުން ފަށައިގެން އެކުއްޖާގެ ކަންކަން ރަނގަޅަށް ފާރަވެރިވެ ބަލަހައްޓަން ޖެހޭނެއެވެ.

▪️ އެގޮތުން ޙަލާލު ތަކެތި ކައިބޮއެއުޅޭ ޞާލިޙު ދީންވެރި އަންހެނެއް ނޫނީ އެކުއްޖާއަށް ކިރުދީ، ބަލަހައްޓަން ނުޖައްސާށެވެ!

އެހެނީ ޙަރާމް ތަކެތި ކައިބޮއެގެން ޙާޞިލުވާ ކިރަކީ އޭގައި ބަރަކާތެއްވާ އެއްޗެއް ނޫނެވެ!...

ދެންފަހެ އެކުއްޖާގެ ކިބައިން ހެޔޮނުބައި ވަކިކުރުމުގެ ޢަލާމާތްތައް ފާޅުވާން ފަށައިފިނަމަ -އޭގެ އެންމެ ފުރަތަމަ ޞިފައަކީ ލަދުވެތިކަމެވެ-، ފަހެ އެހިނދުން އެއީ ބުއްދީގެ ނޫރުގެ އަލިކަން ދިއްލިގެން ދިޔުމުގެ ތެރެއިންވާ ކަމެކެވެ. ފަހެ އެއީ ހަރުދަނާ ވިސްނުންތެރިކަމުގެ އުފާވެރި ޢަލާމާތެކެވެ.

އެހެނީ އެއިން ދަލީލުކުރަނީ އަޚްލާޤުތައް ސީދާވެ މެދުމިންވެ، ހިތް ސާފުވުމަށެވެ. އަދި އެއީ ބާލިޣުވުމަށް ފޯރާހިނދު ވިސްނުން ފުރިހަމަވުމުގެ އުފާވެރި ޚަބަރެކެވެ. މިކުއްޖާ، މިކުއްޖާގެ ލަދުވެތިކަމުގެ ޞިފަ ބޭނުންކޮށްގެން އަދަބުވެރިކުރުމަށް އެހީތެރިވެވޭނެއެވެ.

▪️އަދި ކުއްޖާގެ މައްޗަށް ޞިފަތަކުން އެންމެ ފުރަތަމަ ގަދަވެގަންނަ ޞިފައަކީ ކާބޯތަކެތީގެ ދަހިވެތިކަމުގެ ޞިފައެވެ.

ދެންފަހެ ކެއުމުގެ އަދަބުތައްކަމުގައިވާ: ބިސްމި ކިޔުމާއި، ކަނާތުން ކެއުމާއި، ކާންނަގާ ސުވާކޮޅު ކުޑަކުރުމާއި އެނޫން އެފަދަ އަދަބުތައް ދަސްކޮށްދޭންޖެހެއެވެ!

▪️އަދި ބައެއް ވަޤުތުތަކުގައި ހުސްއެކަނި ރޮށި ކެއުމަށްވެސް ޢާދަކުރުވާށެވެ!

އެއީ ލައިގެންކާނޭ އެއްޗިއްސަށް ހޭނި ފަރިތަވެ، ދެން އެއީ ކޮންމެހެންވެސް ލާޒިމުކޮށް ހުންނަންޖެހޭ އެއްޗެއްގެ ގޮތުގައި އެކުއްޖާއަށް ފެނިގެން ނުދިޔުމަށެވެ!

▪️އަދި އެކުއްޖާގެ ގާތުގައި ގިނައިން ކެއުމަކީ ނުބައި ހުތުރުކަމެއްކަން ޞިފަކޮށްދޭށެވެ! އެގޮތުން ގިނައިން ކާ މީހާ ވަލުޖަނަވާރާއި ވައްތަރުކުރެވެއެވެ.

▪️އަދި އެ (ފިރިހެން) ކުއްޖާ، ކުލަކުލައިގެ ފޭރާންތަކާއި ފަށުވީގެ ބާވަތްތައް ދޫކޮށް، ހުދުކުލައިގެ ފޭރާމަށް ލޯބިޖައްސާށެވެ!

އަދި އެފަދަ (ފަށުވި، ކުލަމަޖާ ޒީނަތްތެރި) ފޭރާންތަކަކީ އަންހެނުންނާއި، އަންހެންދުޅާ ރަނޑުން ލައިއުޅޭ އެއްޗެއްކަމަށް ޤަރާރުކޮށްދޭށެވެ!

▪️އަދި ތަނަވަސްކަމާއި، އަރާމާއި ހިތްފަސޭހަކަމަށް ދެވިހިފައި ހޭނިފައި ތިބި ކުދިންނާ އެކުވެ މަސްހުނިވުމުން ކުއްޖާ މަނާކުރާށެވެ!

▪️ ހަމައެގޮތަށް އެކުއްޖާ އެކަމަށް ހިތްކިޔާ ޝައުޤުވެރިވާފަދަ ވާހަކަތައް ދައްކާ ކުދިންނާ އެކުގައިވެސް އުޅުނަ ނުދޭށެވެ!

ފަހެ ކުއްޖާ އެންމެ ފުރަތަމަ ބޮޑުވަމުން އަންނަ ދުވަސްވަރުގައި އިހުމާލުކޮށްލެވިއްޖެނަމަ؛ ދެން އެކުއްޖާ ނިކުމެގެންދާނީ އަޚްލާޤު ނުބައި މީހެއްގެ ގޮތުގައެވެ.

▪️ދެން އެއަށްފަހުގައި ޤުރްއާނާއި، ހެޔޮ ބޭކަލުންގެ ވާހަކަފުޅުތައް އުނގެނުމުގައި މަކްތަބުގައި އެކުއްޖާ މަޝްޣޫލުކުރުވާށެވެ!

އެއީ ޞާލިޙުންދެކެ ލޯބިވުމުގެ ޞިފަ އެކުދިންގެ ހިތުގައި އަށަގަނެ ހަރުލެއްވުމަށެވެ.

▪️އަދި ޢިޝްޤީ ވާހަކަތަކާއި އޭގެ އަހުލުވެރިންގެ ވާހަކަތައް ހުންނަ ޅެންތަކުން (އަދި މިޒަމާނުގައި ހުންނަ އެފަދަ ވާހަކަފޮތްތައް، ކާރޓޫން، ފިލްމު ޑުރާމާތަކުން) ކުއްޖާ ރައްކާތެރިކުރާހުށިކަމެވެ!

▪️ކުޑަކުއްޖާގެ ކިބައިން ރިވެތި އަޚްލާޤެއް ނުވަތަ ރަނގަޅު ހެޔޮކަމެއް ފާޅުވާހިނދު؛ ފަހެ އެކުއްޖާ އުފާވާނޭ ގޮތަށް އެކަމަށް ބަދަލުދީ،މަތިކުރެވެންޖެހެއެވެ!

އަދި މީހުންގެ ތެރޭގައި (މީހުން ތިބިތާގައި) އެކުއްޖާއަށް މަދަޙަ ތަޢުރީފުކުރަންވާނެއެވެ.

▪️ދެންފަހެ އެކުއްޖާ އެއާ ޚިލާފުވެއްޖެނަމަ (އެބަހީ ގޯސްކަމެއް ކޮށްފިނަމަ) ބައެއް ޙާލަތްތަކުގައި އެނގޭކަމަށް ނުހަދާ، ކަމެއްނުވާކަމަށް ހަދާނީއެވެ. އަދި އެކުއްޖާއާ ދިމާލަށް އެވާހަކަ ހާމައަށް ނުބުނާނީއެވެ!

އެހެނީ އެކަންތައް ފާޅުކުރުމުން ފަހަރެއްގައި ޖެހިލުންކުޑަވުމުގެ ޞިފަ އެކުއްޖާއަށް ލިބިދާނެއެވެ. އެހެންވެއްޖެނަމަ ދެން އޭގެ ފަހުން ދިމާލަށް އެވާހަކަ ބުނެ ހާމަކުރިޔަސް އެކުއްޖާ އަޅާނުލާ ގޮތްވެދާނެއެވެ!

▪️ދެން (ތަކުރާރުކޮށް) އެގޯސްކަމެއް ކުރުން އިޢާދަކޮށްފިނަމަ ސިއްރުން އެކުއްޖާ ގެނެސް ޢިތާބުކޮށް ކުށްވެރިކޮށް ވާހަކަދެއްކޭނެއެވެ. އަދި މީހުންނަށް އެކަންތައް އެނގިދާނޭތީ އެކުއްޖާ ބިރުގަންނަވާށެވެ!

▪️އަދި ކުށްވެރިކޮށް އެއްޗެހިކިޔުން ގިނަނުކުރާހުށިކަމެވެ!

އެހެނީ އޭގެ ސަބަބުން އެކުއްޖާގެ ގާތުގައި ކުށްވެރިކޮށް މަލާމާތުގެ ބަސް އިވުން އާދައިގެ ކުޑަކަމަކަށް ވެގެންދެއެވެ!

▪️އަދި ބައްޕައަކީ؛ (ކުދިން ބައްޕައާ) ވާހަކަދައްކަން ޖެހިލުންވާ ހައިބަތުހުރި މީހެއްގެ ގޮތުގައިވެ އެޞިފައަށް ރައްކާތެރިވާ މީހެއްކަމުގައި ވާށެވެ!

ބައެއްފަހަރު މެނުވީ ބައްޕަ އެކުދިން ކުށްވެރިކޮށް ބަވާ ނުހަދާށެވެ!

▪️އަދި މަންމަ، ބައްޕައާމެދު (ބައްޕައަށް އެނގިދާނޭކަމަށް، ބުނާނެކަމަށް ބުނެ) ކުދިން ބިރުގަންނަވާ، ނުބައި ގޯސްކަންކަމުން އެކުދިން ދުރުކޮށް މަނާކުރަންވާނެއެވެ!

އަދިވެސް ކުރަންޖެހޭ ކަންތަކުގެ ތެރޭގައި:

▪️ދުވާލު ވަޤުތު ކުއްޖާ ނިދުން މަނާކުރަން ޖެހެއެވެ. އެހެނީ އެއީ ކަންނެތްކަން ވާރުތަކުރުވާ ކަމެކެވެ.

އަދި ރޭގަނޑު ނިދުން މަނާ ނުކުރާހުއްޓެވެ.

▪️ނަމަވެސް އަރާމު މަޑު ތަންމަތިތަކުގައި ނިދުން މަނާކުރާށެވެ!

އެއީ އެކުދިންގެ ގުނަވަންތަ ހަރުވެ ވަރުޖެހިގެން ދިޔުމަށާއި، އަދި ހަށިގަނޑު (ސެންސިޓިވުވެ) ސަކަރާތްވެ ނުދިޔުމަށެވެ!

އެހެންވެއްޖެނަމަ ދެން އަރާމާއި މޮޅު ހިތްފަސޭހަކަމާ ދުރުގައި އެކުއްޖާއަށް ކެތްކުރެވޭ ގޮތް ނުވެއެވެ!

▪️އަދި ކިއެއްތަ، އެކުއްޖާ ޢާދަކޮށް ހާނުވަންވާނީ ތަންމައްޗާއި އަންނައުނާއި ކާބޯތަކެތީގެވެސް މޮޅުނޫން، ކުރަކި އުނދަގޫ ތަކެއްޗަށެވެ!

▪️އަދި ދުވާލުން ބައެއްގައި ހިނގުމާއި، ޙަރަކާތްތެރިވެ ހެލިފެލިވެ އުޅުމަށް ހާނުވާށެވެ!

އެއީ ލޮޑުކަން އެކުއްޖާގެ މައްޗަށް ގަދަވެނުދިޔުމަށެވެ.

▪️އަދި އެކުއްޖާގެ މައިންބަފައިން ގެންގުޅޭ އެއްޗެއްގެ ވާހަކަ ދައްކައިގެން،ނުވަތަ އެކުއްޖާ ކައިބޮއެއުޅޭ ތަކެއްޗާއި ލައިއުޅޭ ހެދުންތަކުން ފޮނިކަނޑާ، އެއްޢުމުރު ފުރައިގެ ކުދިވެރިންގެ މައްޗަށް ފަޚުރުވެރިވެ ހިތްމޮޅުވުން މަނާކުރާހުށިކަމެވެ!

▪️އެކުއްޖާއާ އެކުގައި އުޅޭ މީހުންނަށް ޤަދަރުކޮށް ކަމޭހިތާ، ތަވާޟަޢުވެރިވެ ހިތްތިރިކުރުމަށް ފަރިތަކުރުވާށެވެ!

▪️އަދި އެކުއްޖާފަދަ އެހެން ކުއްޖެއްގެ އަތުން އެއްޗެހި ނެގުން މަނާކުރުވާށެވެ!

އަދި (މީސްމީހުން އަތުން) ތަކެތި ނެގުމަކީ ދަށްފެންވަރުގެ، އަގުދަށް އުޅުމެއްކަން ދަސްކޮށްދޭށެވެ!

އަދި ޤަދަރުއުފުލުންވަނީ އެހެން މީހުންނަށް ތަކެތިދީ ދީލަތިވުމުގައިކަން އަންގައިދޭށެވެ.

▪️އަދި ރަނާއި ރިއްސަށް ލޯބިކުރުން އެކުއްޖާގެ ގާތުގައި ހުތުރު ހަޑިކަމަކަށް ހަދުވާށެވެ!

▪️އަދި އެކުއްޖާ އިންނަ މަޖްލިސްގައި ކުޅު ނުޖެހުމަށާއި، އާނުފުރުމަށާއި،އެހެން މީހުން ތިބޭ ތަންތާގައި ރޯގާ ނުފޮޅުމަށާއި،

އަދި އެއްވެސް މީހަކަށް ފުރަގަސް ނުދިނުމަށާއި، އެއްފައި މައްޗަށް އަނެއްފައި އަރުވައިގެން ނުއިނުމަށް ހާނުވާށެވެ!

▪️އަދި ވާހަކަދައްކާ އަނގަތެޅުން ގިނަކުރުން މަނާކުރާހުށިކަމެވެ!

އަދި (ސުވާލެއްކުރެވުމުން) ޖަވާބުދޭން މެނުވީ ވާހަކަ ނުދައްކަން އެކުއްޖާ ޢާދަކުރުވާށެވެ!

▪️އަދި އެކުއްޖާއަށްވުރެ ބޮޑު އެހެން މީހުން ވާހަކަދައްކާއިރު ރިވެތިކޮށް ކަނުލާ އަޑުއަހަން ހުރުމާއި، އެކުއްޖާއަށްވުރެ ބޮޑެތި މީހުންނަށް (ތަންދައްކާ) ތެދުވެ، އެމީހަކުގެ ކުރިމަތީގައި އެކުއްޖާ ތިރީގައި އިންނަން ޢާދަކުރުވާށެވެ!

▪️އަދި ބޭކާރު ވާހަކަތަކާއި، ހަޑިހުތުރު ބަސްތަކުންނާއި، އެފަދަ އަނގަތަޅާ އުޅޭ މީހުންނާ (އަދި ކުދިންނާ) އެކުވެ މަސްހުނިވުން މަނާކުރާހުށިކަމެވެ!

ސަމާލުކަންދެންވީ ކުޑަކުދިން އަދަބުވެރިކުރުމުގެ އަޞްލު އަސާސަކީ: (އެއްޢުމުރު ފުރައިގެ) ނުބައި އެކުވެރިންގެ ކިބައިން އެކުދިން ރައްކާތެރިކުރުމެވެ!

*********

މި ލިޔުމަކީ އުއްމަތުގެ ސަލަފުންނާ އެބޭކަލުންނަށް ތަބަޢަވި އިމާމުންނާ ޢިލްމުވެރިންގެ އަރިހުން ހޮވާލެވޭ ފައިދާތަކާއި އަދި ބައެއް ޒަމާނީ ކަންކަމާމެދު އާއްމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ސޯޝަންމިޑިޔާގެ ގުރޫޕަކުން ފެނުނު މުހިއްމު އަގުހުރި ލިޔުންކޮޅެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން