އަމާޒަށް ވާޞިލުވުމުގެ ކުރިން، ނުހުއްޓުވޭ ބާވަތުގެ އިންޓަރކޮންޓިނެންޓަލް (އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރާ) ބެލިސްޓިކް މިސައިލެއްކަމަށް ޝައްކުކުރެވޭ މިސައިލެއް އުތުރުކޮރެއާއިން އުދުއްސާލައިފިއެވެ.

އުތުރުކޮރެއާއިން އިއްޔެ އުދުއްސާލި، ދިގު ރާސްތާގެ މިމިސައިލް، ގަޑިއެއްހާއިރު އުދުހުމަށްފަހު، ޖަޕާނު ހުރަސްކޮށްފައި ގޮސް، ޖަޕާނުގެ ހުޅަނގު ކަނޑަށް ވެއްޓިފައިވާކަމަށް، ޖަޕާނާއި ދެކުނުކޮރެއާއިން ބުނެއެވެ. މިމިސައިލް، އެއްހާސް ކިލޯމީޓަރުގެ ރާސްތާއަކަށް އުދުހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އަމާޒަށް ވާޞިލުވުމުގެ ކުރިން، މިބާވަތުގެ މިސައިލަށް ހުރަސްއެޅުމުގެ ގާބިލުކަން، ރޫސީވިލާތާއި ޗައިނާއާއި އެމެރިކާފަދަ، ދެތިން ގައުމަކަށް ލިބިފައިވާކަމަށް އަސްކަރީ މާހިރުން ވިދާޅުވެއެވެ.

އުތުރުކޮރެއާއިން އިއްޔެ މިމިސައިލް އުދުއްސާލާފައިމިވަނީ، ދާދި ފަހުން އުތުރުކޮރެއާގެ ވައިގެ ސަރަހައްދީ އިމަށް، އެމެރިކާގެ މަތިންދުއްވާ ޖާސޫސީ ބޯޓެއް ވަދެފައިވާކަމަށް ބުނެ، އެމެރިކާއަށް އުތުރުކޮރެއާއިން ދިން އިންޒާރެއްގެ ގޮތުގައިކަމަށް ބީބީސީ ނޫހުން ބުނެއެވެ.

މިގޮތަށް އުތުރުކޮރެއާގެ ވައިގެ އިމަށް ވަންނަ މަތިންދުއްވާ ޖާސޫސީ ބޯޓުފަހަރު ވައްޓާލާނެކަމުގެ އިންޒާރު މިހަފުތާގެ ކުރީކޮޅު އުތުރުކޮރެއާއިން ދީފައިވެއެވެ.

ނަމަވެސް، އުތުރުކޮރެއާގެ މިއިލްޒާމަކީ ތެދެއްނޫންކަމަށް އެމެރިކާއިންވަނީ ބުނެފައިއެވެ. އެމެރިކާއިން ބުނި ގޮތުގައި އެގައުމުގެ އަސްކަރީ އުޅަނދުފަހަރުން، ފޯރިމަރަނީ ބައިނަލްއަގްވާމީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެމެރިކާއާއި ބައިވެރިވެގެން ދެކުނުކޮރެއާއިން އަސްކަރީ ތަމުރީނުތަކެއް ބާއްވައިފިނަމަ، އުތުރުކޮރެއާއިން އެކަމަށް ރައްދުދިނުމުގެ ގޮތުން ބާރުގަދަ މިސައިލްތައް ޓެސްޓުކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިގޮތުން މިދިޔަ އަހަރު އުތުރުކޮރެއާއިންވަނީ އެމެރިކާއަށް ވާޞިލުވެވޭ ވަރުގެ އެތައް މިސައިލެއް ޓެސްޓުކޮށްފައިއެވެ.

ނަވާރަ ސަތޭކަ ފަންސާހުގައި ކުރި، ކޮރެއާ ހަނގުރާމަޔަށްފަހު، ދެކުނުކޮރެއާއާއި އުތުރުކޮރެއާއާއި ދެމެދު ދާއިމީ ޞުލްޙައެއް ގާއިމުކުރެވިފައިއެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން