ފަސްދޮޅަސް ދެއަހަރުގެ ޖަރުމަނުވިލާތުގެ ރައްޔިތެއް އަދި ވިޔަފާރިވެރިއެއްކަމަށްވާ ހާންސް ޕީޓަރ މެކްގެ ހަށިގަނޑުގެ ބައިތައް ބުރިކުރުމަށްފަހު، އޭނާގެ ފުރާނަނެތް ޖިސްމު ފްރީޒަރަކަށް (އައިސް އަލަމާރިއަކަށް) ލާފައިވަނިކޮށް ތައިލޭންޑުގެ ފުލުހުން ހޯދައިފިއެވެ.

ހާންސް މަރުވެފައިވަނިކޮށް ހޯދާފައިމިވަނީ އޭނާ ގެއްލިގެން ރިޕޯޓުކުރިތާ، ހަފުތާއެއް ފަހުންނެވެ. ތައިލޭންޑުގައި އޭނާ ދިރިއުޅެން ފެށިފަހުންވަނީ އަހަރުތަކެއް ވެފައިއެވެ. ތައިލޭންޑުގައި އޭނާ ކުރާ ވިޔަފާރިއަކީ ގެދޮރު ގަނެ ވިއްކުމުގެ ވިޔަފާރިއެވެ.

ހާންސް ދިރިހުއްޓާ ހޯދުމަށް ތައިލޭންޑުގެ ފުލުހުންކުރި މަސައްކަތުގައި، ފުލުހުންނަށް ހާންސްގެ ފުރާނަނެތް، ބުރިބުރިކޮށްލާފައިވާ ޖިސްމު ހޯދުނީ އެމީހުންނަށް ލިބިފައިވާ، ފާރަވެރި ކެމެރާތަކުގެ ވީޑިއޯތަކުގެ ބައިތައް ގުޅުވައިގެން ބެލި ބެލުމުންކަމަށް ޖަރުމަނުވިލާތުގެ ޑޮއިޗެވެލާ (ޑީ.ޑަބްލިޔު) ނޫހުން ބުނެއެވެ.

މިމަރާއި ގުޅިގެން ތައިލޭންޑުގެ ފުލުހުން މިހާރުވަނީ އަންހެނަކު ހައްޔަރުކޮށްފައިއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ހާންސް ގެއްލުމުގެ ކުރިން އޭނާވަނީ މިއަންހެން މީހާއާއި ބައްދަލުކޮށްފައިއެވެ. މިބައްދަލުވުމުގައި ދެކެވިފައިވަނީ ވިލާއަކާއި ބޮކްސިން ހޯލެއް ވިއްކުމުގެ ވާހަކަކަމަށް ޚަބަރުތައް ބުނެއެވެ. މިއީ ވިހި މިލިއަން ޑޮލަރުގެ ވިޔަފާރިއެއްކަމަށްވެއެވެ. މިބައްދަލުވުން ކުރިޔަށް ދިޔަ ގަޑީގައި، ހާންސްގެ، އުމުރުން ސައުވީސް އަހަރުގެ، އަނބިމީހާގެ ފޯނަށް ދެމެސެޖެއް އޭނާ ފޮނުވިކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މިދެމެސެޖު ލިބުމުން ހާންސްގެ ފޯނަށް އޭނާގެ އަނބިމީހާ ގުޅަންކުރި މަސައްކަތުގައި ކާމިޔާބީއެއް ލިބިފައިއެއް ނުވެއެވެ.

ބެންކޮކް ޕޯސްޓު ނޫހުން ބުނާ ގޮތުގައި ހާންސްގެ ޖިސްމުގެ ބައިތައް ލާފައިވާ ފްރީޒަރު، އެފްރީޒަރު ފުލުހުންނަށް ފެނުނު އިރު ހުރި ތަނަށް، ގެންގޮސްފައިވަނީ ތައިލޭންޑުގެ ދެމަފިރިއެކެވެ. ފުލުހުންނަށް ފެނުނުއިރު ފްރީޒަރު ހުރި ތަނަށް އޭތި ގެންދަން، އެދެމަފިރިންނަށް މިމަސައްކަތުގެ އަގުދިނީ ޖަރުމަނުވިލާތުގެ އަންހެނެކެވެ.

ތައި ފުލުހުން ބުނާ ގޮތުގައި ހާންސްގެ ބޭންކު އެކައުންޓުން ވަރަށް ބޮޑު އަދަދެއް މަދުވެފައިވާކަން ތަޙްގީގަށްވަނީ އެނގިފައިއެވެ. ތަޙްގީގު ޓީމުން ލަފާކުރާ ގޮތުގައި ހާންސް މަރާލައިފައިވަނީ އޭނާގެ ޖިސްމަށް ވަރަށް ބޮޑަށް އަނިޔާދިނުމަށް ފަހުގައިއެވެ.

ހާންސް ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ، އޭނާގެ އަނބިމީހާޔާއިއެކު އޭނާ ދިރިއުޅޭ ޕައްޓަޔާ ސިޓީގައި، އޭނާގެ މާސީޑީސް ސެޑާން ކާރު ދުއްވަން އިންދައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން