ޓެސްލާއާއި ޓްވިޓަރއާއި ސްޕޭސް އެކްސް، މިތިން ކުންފުނީގެ ވެރިޔާ އީލާން މަސްކް އޭ.އައި ކުންފުންޏެއް އުފައްދަވައިފިއެވެ.

އާރޓިފިޝަލް އިންޓެލިޖެންސުން ( ކުރުކޮށް ކިޔާ ގޮތަކީ އޭ.އައި) ނުވަތަ އިންސާނާ އުފެއްދި މަޞްނޫޢީ ސިކުނޑިން ކުރާ ކަމަކީ އިންސާނާގެ ވިސްނުމާއި ޢަމަލު ނަކަލުކުރުމެވެ. އިންސާނާޔަށް ގުދުރަތުން ލިބިފައިވާ މިފަދަ ގާބިލިއްޔަތުތައް، އޭ.އައި ބޭނުންކޮށްގެން، ނަކަލުކުރަނީ މެޝިނުން ނުވަތަ ކޮމްޕިއުޓަރުންނެވެ.

މަސްކް އަލަށް އުފެއްދެވި އޭ.އައި ކުންފުންޏަށް ކިޔަނީ އެކްސް.އޭއައި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކުންފުނީގެ މަގްޞަދަކީ ދުނިޔެ، އޭގެ ޒާތުގައި، ދެނެގަތުމެވެ.

"ޙަގީގަތް މަޢުރިފާކުރުމަށްޓަކައި އެކްސް.އޭ.އައި އުފެދިއްޖެކަން އިޢުލާނުކުރަން"، މިކަމާއި ގުޅޭ ގޮތުން އިއްޔެ މަސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އީލާން މަސްކް އަލަށް މިއުފެއްދެވި ކުންފުނީގައި ކުރިން އޯޕަންއޭ.އައިއާއި ގޫގުލްއާއި މައިކްރޯސޮފްޓްއާއި ޓެސްލާއާއި ކެނެޑާގެ ޔުނިވާރސިޓީ އޮފް ޓޮރޮންޓޯގައި މަސައްކަތްކުރެއްވި ބޭފުޅުން މަސައްކަތް ކުރަށްވާނެކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ތެރޭގައި މަޝްހޫރު ޖީ.ޕީ.ޓީ ޗެޓްބޮޓް (ލިޔެކިޔުމުން އިންސާނަކުފަދައިން އިންސާނުންނާއި މުޢާމަލާތުކުރާ ކޮމްޕިއުޓަރ ޕްރޮގްރާމެއް) އުފައްދާ، ތަރައްގީކުރުމުގައި ހިމެނުނު ބޭފުޅުންވެސް ހިމެނެއެވެ.

މިކުންފުނި އުފެއްދެވިކަން އިޢުލާނުކުރެއްވުމާއި ގުޅިގެން މަސްކުގެ ޓެސްލާ ކުންފުނީގެ ޙިއްޞާގެ އަގު އެކެއް ޕޮއިންޓް ފަހެއް އިންސައްތައިންވަނީ މައްޗަށް ގޮސްފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން