ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެގޮތުން ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ފެށުމަށްޓަކައި، ސައިޓް މޮބިލައިޒް ކުރީ 13 ޖޫން 2022 ގައެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގައި ހިމެނޭ އެއްގަމުތޮށި ލުމުގެ މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން، 31،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 1810 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން 20 ޖެނުއަރީ 2022ގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން