ބައިނަލްއަގްވާމީ މާލީ އިދާރާއެއްކަމަށްވާ އިންޓަނޭޝަނަލް މޮނެޓަރީ ފަންޑުން (އައި.އެމް.އެފްއިން) ސްރީލަންކާއަށް ދީފައިވާ ލޯނު އެހީގެ ޕްރޮގްރާމުގައި ބުނާ އަށް ޢަހުދެއް މިދިޔަ ޖޫން މަސް ނިމުނުއިރު އެގައުމަށް ފުއްދިފައިނުވާކަމަށް ވެރީޓް ރިސާރޗުން ބުނެފިއެވެ.

ސްރީލަންކާގެ ފިކުރީ ތަޖުރިބާކާރުންގެ ޖަމުޢިއްޔާއެއްކަމަށްވާ ވެރީޓް ރިސާރޗުން ބުނި ގޮތުގައި އަށް ޢަހުދެއް ފުއްދުމުގައި އެގައުމު ފެއިލްވެފައިވީނަމަވެސް، ޖޫންގެ ނިޔަލަށް އައި.އެމް.އެފްގެ ޕްރޮގްރާމުގައި ބުނާ ތެއްތިރީސް ޢަހުދެއް އެގައުމުން ފުރިހަމަކޮށްފައިވެއެވެ.

ވެރީޓް ރިސާރޗުން ބުނާ ގޮތުގައި މެއި މަސް ނިމުނުއިރު ސްރީލަންކާއަށް ނުފުއްދި އޮތީ ހަތަރު ޢަހުދެކެވެ. ނަމަވެސް، ޖޫން ނިމުނު އިރު މިއަދަދު ދެގުނައަށް، އަށަކަށްވަނީ މަތިވެފައިއެވެ.

ސްރީލަންކާއިން ފެއިލްވާ އޮތީ ދެދާއިރާއެއްކަމަށް ވެރީޓް ރިސާރޗުން ބުނެއެވެ. އެއީ ގާނޫނު ހެދުމާއި އަދި މަޢުލޫމާތު ފެތުރުމުގެ ދާއިރާއެވެ. މިދިޔަ މާރޗު މަހާއި ޖޫން މަހުގެ ތެރޭގައި މުހިންމު ތިން ގާނޫނެއް ހެދުމަށް ސްރީލަންކާއިންވަނީ ޢަހުދުވެފައިއެވެ. އެއީ ޖުވާއާއި ހަރާދުން ނެގޭ ފީތަކުގެ ގާނޫނު މުރާޖަޢާކުރުމާއި ސްރީލްނަކާގެ މަރުކަޒީ ބޭންކާއި ބެހޭ ގާނޫނު ހަދާ ހިންގުމާއި އަދި އާ އެންޓައި ކަރަޕްޝަން (ފަސާދަޔާއި ދެކޮޅު) ގާނޫނެއް ހަދާ ހިންގުމެވެ.

މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ސްރީލަންކާއަށް ތިން ޢަހުދެއް ފުރިހަމަނުކުރެވިވާކަމަށް ވެރީޓް ރިސާރޗުން ބުނެއެވެ. ފުރަތަމަ ކަމަކީ ބަޖެޓުން ކުރެވޭ ޚަރަދު ދެފުށްފެންނަ ގޮތަށް އޮންނަންޖެހޭ އޮތުން ފުރިހަމަވެފައި ނެތުމެވެ. ދެވަނަ ކަމަކަށް އޮތީ، 2022 ވަނަ އަހަރާއި ހަމަޔަށް ސަރުކާރުގެ ބޮޑެތި 52 ކުންފުންޏެއްގެ އަހަރީ ރިޕޯޓު ޝާއިޢުނުކުރެވި އޮތް އޮތުމެވެ. ތިންވަނަކަމަކަށް އޮތީ، އިމްޕޯޓަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ހެދިފައިވާ ޕްލޭނާއި ގުޅޭ މަޢުލޫމާތު ހާމަވެގެންދާ މިންވަރު ކުޑަވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން