މޫސާ ޢަލީ (ހާސާ)   18 ޖުލައި 2023 - 22:56
އަލްޒައިމަރ ބަލި (ހަނދައިނާއި ވިސްނުން ކޮށިކޮށްލާ ބަލި) އިތުރަށް ގޯސްވިޔަނުދީ މަޑުޖައްސާލާ ބޭހެއް ހޯދައިފިއެވެ. އާދިރާސާއެއް ބުނާ ގޮތުގައި، މިބަލި ހުރިކަން އެނގޭތާ ކުރީކޮޅު، މިބޭސް ބޭނުންކުރަން ފަށައިފިނަމަ، މިބަލި ގޯސްވަމުންދާ ދުވެއްޔަށް ފަސްދޮޅަސް އިންސައްތައިގެ މަޑުޖައްސާލުމެއް މިބޭހުން ގެނުވައެވެ.

ނަމަކަށް ޑޮނާނިމެބް ކިޔާ މިބޭސް ބޭނުންކުރުމުން މިބަލީގައި ގިނަދުވަސްވީ މީހުންގެ ބަލި ބޮޑުވުމަށްވެސް 33 އިންސައްތައިގެ މަޑުޖެހުމެއް ގެނުވާކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ. މިބޭސް އުފައްދާފައިވަނީ އެމެރިކާގެ އީލައި ލިލީ ކުންފުނިންނެވެ. އީލައި ލިލީ ކުންފުންޏަކީ ޑޮކްޓަރީ ބޭސް އުފައްދާ ކުންފުންޏެކެވެ. މިކުންފުނީގެ މިދިޔަ އަހަރުގެ ވިކުރާ ހުރީ 28 ބިލިއަން ޑޮލަރުގައިއެވެ.

އީލައި ލިލީން ކުރި ދިރާސާއިން ދައްކާ ގޮތުގައި މިބަލީގެ ކުރީކޮޅުގައި މިބަލި ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދައިން، ބަލި ދެނެގަނެވިއްޖެނަމަ، ބަލީގެ މިސްރާބު މުޅިން ހެޔޮ ރަނގަޅު ދިމާޔަކަށް ބަދަލުކޮށްލެވިދާނެކަމަށް އެކުންފުނިން ބުނެއެވެ.

މިކުންފުނީގެ އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އެމެރިކާ ސަރުކާރުން ލިބެންޖެހޭ ހުއްދަ މިބޭހަށް ލިބުމެވެ. އަދި އެހެނިހެން ގައުމުތަކުގެ އިދާރާތަކުގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ މަސައްކަތްވެސް މިކުންފުނިންދަނީ މިހާރު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން