ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއިން ޒަމާނަކު ދިވެހިރާއްޖެއިން ނުލިބޭވަރުގެ ބޮޑު ނާކާމިޔާބީއެއް ލިބުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްތިއުފާއަށް މުޅި ގައުމު ގޮވަމުންދާއިރުވެސް އެކަން ނުކުރާނޭކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ މިފަހަރު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. މިއީ ދުވަހަކުވެސް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ކުރިމަތިލާން ޖެހުނު ނަތީޖާއެއް ނޫނެވެ. އެކަމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް މަގާމުން އިސްތިއުފާދޭން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އެފްއޭއެމް ސަލާމަތްކުރުމަށްކަމަށް ބުނެ "ސޭވް އެފްއޭއެމް"ގެ ނަމުގައި ދަނީ ހަރަކާތެއްވެސް ހިންގަމުންނެވެ.

ބައްސާމާއި އެފްއޭއެމްއާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންދަނިކޮށް ބައްސާމް ވަނީ އޭނާއަށް އަމާޒުވެފައިވާ ފާޑު ކިޔުންތަކަށް ރައްުދު ދެއްވާފައެވެ.

އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ހޯދި ދަށް ނަތީޖާއާ ގުޅިގެން އެފްއޭއެމްގެ ހިންގުމާއި ޓެކްނިކަލް ޓީމު އަދި އިދާރީ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށެވެ. ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަޤާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އޭނާ މަޤާމުން ދުރަށް ދާނީ އެފްއޭއެމްގެ މެމްބަރު ކްލަބްތަކުން އޭނާ މަޤާމުން ވަކިކުރަން ނިންމުމުންކަމަށެެވެ.

"މާދަމާ ވެސް އަޅުގަނޑު މަގާމުން ދުރަށް ދާން މެންބަރު ކްލަބުތަކުން ނިންމައިފި ނަމަ، މަގާމުން ދުރަށް ދާނަން. ނަމަވެސް މެންބަރު ކްލަބުތަކުން މަގާމުގައި ހުންނަން ބޭނުންވާ ނަމަ، އަޅުގަނޑު ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި މަގާމުގައި ދެމިހުންނާނަން،" ރާއްޖޭގެ އެންމެން އެމީހެއްގެ އިސްތިއުފާއަށް ގޮވަމުންދާ ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ހަވާލުވިފަހުން އެފްއޭއެމްއާއި ޤައުމީ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކުން ބުނެއެވެ. އަދި އެފްއޭއެމްގެ މުވައްޒަފުންނަށްވެސް އެތައް މަހެއްގެ މުސާރަވެސް ނުދީ އޮތްއިރު، މިއީ މީގެކުރިން އެފްއޭއެމްއާ ގުޅޭގޮތުން އިވޭ އަޑުތަކެއް ނޫނެވެ.

އެފްއޭއެމް ހިންގުމުގެ ދޯދިޔާވުމުގެ އިތުުރުން، ބައްސާމް ހަވާލުވިފަހުން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ކްލަބްތަކާއި ދެކޮޅަށް އެކި ފިޔަވަޅުތައް އަޅައި، ކުޅިވަރު މުބާރާތްތަކުން އެކަހެރިކޮށްފައެވެ. މިފަދަ ފިޔަވަޅުތައް އަޅާފައިވާ ކްލަބްތަކަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބްތަކަށްވާއިރު، އެ ކްލަބްތައް ފުޓްބޯޅަ ހަރަކާތްތަކުން އެކަހެރިކުރުމުން ގަލޮޅު ދަނޑަށް މެޗެއް ބަލަން ވަންނާނެ މީހަކުވެސް މިއަދު ނެތްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން