މަރިޔަމް ލަމްޙާ ރަޝީދު   20 ޖުލައި 2023 - 10:57
ދުނިޔޭގައި މުސްލިމް އާބާދީދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި އިސްލާމްދީނަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނެވެ. މިވަގުތު ދުނިޔޭގައި 2 ބިލިއަނަށްވުރެ ގިނަ މުސްލިމުން އެބަތިއްބެވެ. އަދި މިއީ ދުނިޔޭގެ ދެވަނައަށް މީހުން ގިނަ ދީނެވެ.

މިވަގުތު އެންމެ ގިނަ މީހުން ނިސްބަތްވަނީ ނަޞޯރާ ދީނަށެވެ. ތިރީގައިއެވަނީ ދުނިޔޭގެ އާބާދީގެ ނިސްބަތުން މުސްލިމުން އެންމެ ގިނަ 10 ޤައުމެވެ.

1. މޮރީޝިއާނާ:
މޮރީޝިއާނާއަކީ %100 މުސްލިމުން ތިބޭ ޤައުމެކެވެ. މޮރީޝިއާނާގެ ގިނަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. މިޤައުމުގެ އާބާދީއަކީ 1.266 މިލިއަންއެވެ. މިއީ އެފްރިކާ ބައްރަށް ނިސްބަތްވާ ޤައުމެކެވެ.

2. ސޯމާލިއާ:
17.07 މިލިއަން މީހުން ދިރިއުޅޭ ސޯމާލިއާގެ އާބާދީގެ %99.8 އަކީ މުސްލިމުންނެވެ. މިއީވެސް އެފްރިކާގެ ޤައުމެކެވެ. މިޤައުމުގެ ޘަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅީގައި އިސްލާމްދީނުގެ ސަބަބުން އައިސްފައިވާ ގިނަ ކަންތައްތަކެއް ވާކަން ފާހަގަ ވެއެވެ.

3. ތުނީސިއާ: ތުނީސިއާގެ އާބާދީގެ %99.8 އަކީ މުސްލިމުންނެވެ. މިޤައުމުގެ އާބާދީއަކީ 12.26 މިލިއަންއެވެ. މިއީ އެފްރިކާގެ އުތުރަށް ނިސްބަތްވާ ޤައުމެކެވެ. މިޤައުމުގެ ގިނަ ޤާނޫނުތަކާއި ޤަވައިދުތަކާއި ޘަޤާފަތްތައް ބިނާވެފައިވަނީ އިސްލާމީ ޝިއާރުތަކުގެ މައްޗަށެވެ.

4. އަފްޣާނިސްތާން:
އަފްޣާނިސްތާނުގެ ގިނަ މީހުން ތަބާވާ ދީނަކީ އިސްލާމްދީނެވެ. އެޤައުމުގެ އާބާދީގެ %99.6 އަކީ މުސްލިމުންނެވެ. މިއީ 40.1 މިލިއަން އާބާދީއެއް އޮންނަ ޤައުމެކެވެ. އަދި މިއީ އޭޝިއާ ބައްރުގެ ޤައުމެކެވެ.

5. އީރާން:
އީރާންއަކީ ދުނިޔޭގެ ނިސްބަތުން ޝިޢާ މުސްލިމުންގެ އާބާދީ އެންމެ ގިނަ ޤައުމެވެ. އީރާންގެ އާބާދީގެ %99.4 އަކީ މުސްލިމުންނެވެ. އެޤައުމުގެ އާބާދީއަކީ 87.92 މިލިއަންއެވެ. މިއީ އިރުމަތީ އޭޝިއާ ސަރަހައްދަށް ނިސްބައްވާ ޤައުމެކެވެ.

6. ވެސްޓަން ސަހާރާ: ވެސްޓަން ސަހާރާގެ %99.4 އަކީ މުސްލިމުންނެވެ. އަދި މިޤައުމުގައި އެންމެ ގިނައީ ސުންނީ މުސްލިމުންނެވެ. މިޤައުމުގެ އާބާދީއަކީ 5 ލައްކައެވެ. މިއީ އެފްރިކާ ބައްރަށް ނިސްބައްވާ ޤައުމެކެވެ.

7. ތުރުކީ:
ތުރުކީގައި ގިނައީ ސުންނީ މުސްލިމުންނެވެ. އަދި މިއީ 2 ބައްރަކަށް ނިސްބައްވާ ޤައުމެކެވެ. މިޤައުމުގެ އެއްބައިވަނީ އޭޝިއާ ސަރަހައްދުގައެވެ. އަދި އަނެއްބައި ވަނީ ޔޫރޮޕްގައެވެ. މިޤައުމުގެ %99.2 އަކީ މުސްލިމުންނެވެ. އާބާދީއަކީ 84.78 މިލިއަންއެވެ.

8. ޔަމަން:
ޔަމަންއަކީ މެދި އިރުމައްޗަށް ނިސްބައްވާ ޤައުމެކެވެ. މިޤައުމުގެ އާބާދީއަކީ 32.98 މިލިއަންއެވެ. ޔަމަންގެ އާބާދީގެ %99.1 އަކީ މުސްލިމުންނެވެ.

9. އަލްޖީރިއާ: އަލްޖީރިއާގެ އާބާދީގެ %99 އަކީ މުސްލިމުންނެވެ. މިޤައުމުގައި މުސްލިމުން ގިނަނަމަވެސް އަދި އިސްލާމީ ވެރިކަމެއް ކުރިނަމަވެސް ނަސާރާއިންނާއި ޔަހޫދީންގެ ހައްޤުތައް ވަނީ ހިމާޔަތްކޮށްދީފައެވެ. މިޤައުމުގެ އާބާދީއަކީ 44.18 މިލިއަންއެވެ. މިއީ އުތުރު އެފްރިކާއަށް ނިސްބައްވާ ޤައުމެކެވެ.

10. މޮރޮކޯ:
މޮރޮކޯއަކީވެސް އުތުރު އެފްރިކާގެ ޤައުމެކެވެ. މިޤައުމުގެ އާބާދީއަކީ 37.08 މިލިއަންއެވެ. އާބާދީގެ %99 އަކީ މުސްލިމުންނެވެ.

ކިޔުންތެރިންގެ ހިޔާލު