އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފެއްދި ކުޑަކުދިންގެ ގައިގައި ޖަހާ ފުށެއް ބޭނުންކުރުމުގެ ސަބަބުން ކެންސަރުޖެހުނު މީހަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18.8 މިލިއަން ޑޮލަރު ދިނުމަށް ކޯޓުން އަންގައިފިއެވެ.

ގެއްލުމުގެ ބަދަލު ލިބޭ، އެމެރިކާގެ ކެލިފޯނިއާގެ، އުމުރުން ސައުވީސް އަހަރުގެ ރަށްވެއްސެއްކަމަށްވާ، އެމަރީ ހަނާންޑޭޒް ވަލަޑޭޒް ކެލިފޯނިއާގެ އޯކްލޭންޑުގައި ހުންނަ ބޭންކްރަޕްސީ ކޯޓަށް (އިފްލާސްކުރާ ކޯޓަށް) މިމައްސަލަ ހުށަހެޅީ މިދިޔަ އަހަރުއެވެ.

އެމަރީ ބުނި ގޮތުގައި އޭނާޔަށް ފުރާނަޔަށް ނުރައްކާކުރާ ބާވަތުގެ ކެންސަރެއް ޖެހުނީ ވަރަށް ޅަފަތުން ފެށިގެން ޖޯންސަން ކުންފުނިން އުފެއްދި ފުށެއް ބޭނުންކުރުމުގެ ސަބަބުންނެވެ. އެމަރީގެ މައްސަލަ ކޯޓުން ނިންމާފައިމިވަނީ ހަހަފުތާގެ ތެރޭގައިއެވެ. މަޢުދަނުގެ ތެރޭގައި ހިމެނޭ ޓަލްކް މާއްދާ ބޭނުންކޮށްގެން އުފެއްދި އުފެއްދުމަކާއި ގުޅިގެން މިކުންފުންޏަށް މިއީ ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ކުރިމަތިލާންޖެހުނު މިބާވަތުގެ ފުރަތަމަ މައްސަލައެވެ.

ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މިފުށް ބޭނުންކުރުމުގެ ސަބަބުން އެމަރީ އުޅެންޖެހުނު ވޭނާއި ކެކުޅުމުގެ ބަދަލު އޭނާއަށް ލިބެންޖެހޭނެކަމަށެވެ. އަދި އޭނާގެ ބޭސްފަރުވާއަށް ހޭދަކުރި ފައިސާގެ ބަދަލުވެސް އޭނާއަށް ލިބެންޖެހޭނެކަމަށެވެ. ނަމަވެސް މިނިންމުމުގައި ޖޯންސަން ކުންފުންޏަށް މިކަމާއި ގުޅިގެން ޖުރުމަނާފަދަ އަދަބެއްދޭންޖެހޭކަމަށް ބުނެފައިއެއްނުވެއެވެ.

ކޯޓުގެ މިނިންމުން އިސްތިއުނާފުކުރާނެކަމަށް ޖޯންސަން ކުންފުނިންވަނީ ބުނެފައިއެވެ. ނޫސްތައް ބުނާ ގޮތުގައި ކޯޓުން މިގޮތަށް ބަދަލުދޭން ނިންމިކަމުގައި ވިޔަސް، މިބަދަލު އެމަރީއަށް ލިބޭނެ ދުވަހެއް ނޭގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން