އީރާނާއި ސަޢުދީ ޢަރަބިއްޔާއާއި ދެގައުމުގެ ދޭދޭ ގުޅުންތައް ކެނޑުނުތާ އަހަރުތަކެއް ފަހުން ދެގައުމުން އަލުން ގުޅުންތައް ބަދަހިކުރުމަކީ ތަޢުރީފު ޙައްގުވާ ކަމެއްކަމަށް ގަލްފު ކޯޕަރޭޝަން ކައުންސިލުން (ޖީ.ސީ.ސީން) ބުނެފިއެވެ.

މިކަމުގެ ސަބަބުން ހުޅަނގު އޭޝިއާއަށް އަލުން ސަރަހައްދީ ހަމަޖެހުން އައިސްފައިވާކަމަށް ޖީ.ސީ.ސީގެ ސެކްރެޓަރީ ޖެނެރަލް (އަމީން ޢާއްމު) ޖާސިމް މުޙައްމަދުލް ބުދައިވީ ވިދާޅުވިއެވެ.

އަލްބުދައިވީ މިހެން ވިދާޅުވެފައިވަނީ އިއްޔެ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައިއެވެ. " ބައިނަލްއަގްވާމީ ގާނޫނނުތަކުގެ އިމުގެ ތެރެއިން ވަރަށް ފުންކޮށް އީރާނާއެކު ވާހަކަދެއްކުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް"، އަލްބުދައިވީ ވިދާޅުވިއެވެ.

އިރާނާއި ސަޢުދީ ޢަރަބިއްޔާއިން އަލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވީ މިއަހަރުގެ މާރޗު ދިހަވަނަ ދުވަހުއެވެ. މިކަމަށް މިދެގައުމުން އެއްބަސްވީ ޗައިނާގެ އިސްނެގުމާއި ބެލުމުގެ ދަށުން މިދެގައުމުގެ ދެމެދުގައި ބޭއްވި ވަރަށް ގިނަ ބައްދަލުވުންތަކަކަށް ފަހުގައިއެވެ. މިކަމަށް ދެގައުމުން އެއްބަސްވިއިރު ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ކެނޑުނުތާ ހަތް އަހަރުވަނީ ވެފައިއެވެ.

މާރޗު ދިހަވަނަ ދުވަހުގެ އެއްބަސްވުމަށްފަހު، ދެގައުމުން ގުޅިފައިވާ ބަޔާނެއް ނެރުނެވެ. އެބަޔާނުގައި ބުނެފައިވަނީ ދެގައުމުންމެ، އެއްގައުމު އަނެއްގައުމުގެ ސިޔާދަތަށް އިޙްތިރާމުކުރާނެކަމަށާއި އަދި އެއްގައުމުން އަނެއްގައުމުގެ ދާޚިލީ ކަންތައްތަކާއި ނުބެހޭނެ ކަމަށެވެ. މީގެ އިތުރުން، އަމަނާއި އިގްތިޞާދީ ދާއިރާތަކުގައި ދެގައުމުން އެއްބާރުލުމަށް ދެގައުމުން އެއްބަސްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން