ޔަމަނަށް ޞުލްޙަ ގެނައުމަށްޓަކައި ޢުމާނުންކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ އުންމީދު އާލާވެއްޖެކަމަށް ޔަމަނުގެ ހަނގުރާމަވެރި އަންޞާރު ﷲ ޖަމާޢަތުން ބުނެފިއެވެ.



ޔަމަނުގައި ހިނގަމުންދާ ދިގުދެމިގެން ގޮސްފައިވާ ހަމަނުޖެހުމަށް ނިމުމެއް ގެނައުމަށްޓަކައި، ޢުމާނުން ކުރަމުންދާ މަސައްކަތަށް ކަމިޔާބުލިބޭނެކަމުގެ އުންމީދު އާލާވެފައިވާކަމަށް އަންޞާރު ﷲ ޖަމާޢަތުގެ ޢަލީ އަލްގަޙޫމް ވިދާޅުވީ އިއްޔެ ލުބްނާނުގެ އަލްއަޚްބާރަށް ދެއްވި ބަސްދީގަތުމެއްގައިއެވެ.

" ޢުމާނުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ އުންމީދު އެބައޮތް. އަދި ސަޢުދީ ޢަރަބިއްޔާއާއެކު އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދުވެސް އެބައޮތް"، އަންޞާރުﷲ ޖަމާޢަތުގެ ސިޔާސީ އޮފީހުގެ މެމްބަރެއްކަމަށްވާ އަލްގަޙޫމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަޢުދީއަށް ދޭން އޮތް މަޝްވަރާއަކީ ޞުލްޙައިގެ ފިޔަވަޅުތައް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް އަޅާށޭ. އެމެރިކާއާއި ހުޅަނގުގެ މަދަދަށް ނުބަލާށޭ. އަދި ޔަމަނުގެ ޞުލްޙަޔަށް އެޅިފައިވާ ހުރަސްތައް ނައްތާލާށޭ"، އަލްގަޙޫމް އިތުރަށް ވިދާޅުވިއެވެ.

އަލްގަޙޫމް ވިދާޅުވި ގޮތުގައި އަސްކަރީ ބާރު ބޭނުންކޮށްގެން ޔަމަނުގެ މައްސަލަ ހައްލެއްނުކުރެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އަށް އަހަރުވީ ހަމަނުޖެހުމަށް ނިމުމެއް އަންނާނީ ސަޢުދީން ޔަމަނުގެ އަވަށްޓެރިކަމުގެ ގުޅުންތައް އަލުން އިޔާދަކޮށް އަދި އެގުޅުންތަކަށް އިޙްތިރާމުކޮށްގެންނެވެ.

ޔަމަނާއި ކުރިމަތިވެފައިވާ ޢުދުވާނާއި، އެގައުމުގެ އިން ބަންދުކޮށްފައި އޮތް އޮތުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިފައިވާ ހުރަސްތައް، ނައްތާލުމަށް އަލްގަޙޫމްވަނީ މިބަސްދީގަތުމުގައި އިލްތިމާސްކުރަށްވާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން