އިންޑިއާގައި ދެއަންހެނަކު ބަރަހަނާކޮށް، މަގުމަތީގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފަތުއަޑުކިޔާފައި ދައުރުވާން ފެށުމާއި ގުޅިގެން، އެމައްސަލަ ވަރަށްބޮޑަށް ހޫނުވެއްޖެއެވެ.

ހަމަނުޖެހުން ބޮޑުވެފައިވާ އިންޑިއާގެ މަނިޕޫރުގައި ހިންދޫ ދީނުގެ ބަޔަކު އެއްވެ، މަސީޙީ ދެއަންހެނުން (ކޫކީޒޯ ގަބީލާގެ ދެއަންހެނުން) ހިފާ، ގަދަކަމުން އެދެމީހުން ބަރަހަނާކޮށް، އެދެމީހުން މަގުމަތީގައި ހިންގާ މަންޒަރު މިވީޑިއޯއިން ފެނެއެވެ. މިކަމާއި ގުޅިގެން މުޅި އިންޑިއާ ރުޅިގަދަވެފައިވާކަމަށް އަލްޖަޒީރާ ނޫހުން އިއްޔެ ބުނެފައިވެއެވެ.

ސައްބީސް މިނެޓުގެ މިވީޑިއޯގައި މިދެއަންހެނުންނަށް އެކިކަހަލަ ޖިންސީ ގޯނާކުރާ މަންޒަރު ފެނެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެދެއަންހެނުންނަށް ޖައްސާފައިވާ މިނިކަމެތި ހާލުގައި، ހުސް ބިމަކާއި ދިމާޔަށް މިދެއަންހެނުން ހިންގައެވެ.

މިދެއަންހެނުންގެ ތެރެއިން އެކާވީސް އަހަރުގެ އަންހެން މީހާއަށް ޖިންސީ ގޮތުން ކުރެވޭނެ ހުރިހާ ގޯނާއެއް ކޮށްފައިވާކަމަށް ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. މިދެއަންހެނުންގެ ތެރެއިން ދެވަނަ މީހާގެ އުމުރަކީ ސާޅީސް ދެއަހަރުކަމަށް މިދެމީހުން ފުލުހަށް ހުށަހެޅި މައްސަލަގައި ބުނެފައިވެއެވެ.

މިކަމެއް ހިންގާފައިވަނީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހުކަމަށް އަލްޖަޒީރާ ނޫހުން ބުނެއެވެ. އެއީ މަނިޕޫރުގައި ކުރިޔަށްދާ ނަސްލީ ތަޅާފޮޅުން ފެށުނު ދުވަހުގެ ފަހަތަށް އައި ދުވަސްކަމަށް އެނޫހުން ބުނެއެވެ. މަނިޕޫރުގައި ބައިގިނަ ހިންދޫ މައިތެއި ގަބީލާއާއި މަސީޙީ ކޫކީޒޯ ގަބީލާއާއި ނާގާ ގަބީލާތަކާއި ދެމެދު ހިނގަމުންދާ ހަނގުރާމަވެރި، ހަމަނުޖެހުން ހިނގަން ފެށީ އިންޑިއާގެ ދުސްތޫރުގައި ގަބީލާތަކަށް ޙާއްޞަކޮށްފައިވާ ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް މައިތެއި ގަބީލާއިން މަސައްކަތް ފެށުމުންނެވެ.

މެއި މަހު މަނިޕޫރުގައި ހިނގަން ފެށި ހަމަނުޖެހުމުގައި މިހާތަނަށް 130 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ މަސީޙީ ކޫކީޒޯ ގަބީލާގެ މީހުންނެވެ. އަދި މިހަމަނުގެހުމުގައި މިހާތަނަށް ފަންސާސް ހާސް މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

މަނިޕޫރުގެ ހަމަނުޖެހުމާއިމެދު، އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެވަނީ ފުރަތަމަ ފަހަރަށް މިކަމުގައި ވާހަކަފުޅެއް ވިދާޅުވެފައިއެވެ. އޭނާގެ ހިތްޕުޅު ފުރޭހާ ގިނަ ހިތާމަޔާއި ރުޅި، މިޖުރުމު، އޭނާގެ ހިތްޕުޅަށް ގެނުވައިފިކަމަށް ބޮޑުވަޒީރު މޯދީ އިއްޔެ ވިދާޅުވިއެވެ. " މިއީ ތަހްޛީބު ކޮންމެ މުޖުތަމަޢުއެއް ލަދުގަންނަންޖެހޭ ވަރުގެ ކަމެއް"، މޯދީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން