އެމެރިކާ ސަރުކާރުގެ މިހާރުގެ އޮފިޝަލުންނަށް އެއްގޮތަކަށްވެސް ނުކުރެއްވޭ ކަހަލަ ކަންތައްތައް ކުރީގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖަރ ކުރަށްވާތީ، އެކަމާއި އެމެރިކާގެ ރިޔާސީ އޮފީސް ވައިޓްހައުސްއިން ހިތާމަކޮށްފިއެވެ.

ވައިޓްހައުސްއިން ބުނި ގޮތުގައި ގުޅުންތައް ގޯސްވެފައިވާ ޗައިނާގެ އޮފިޝަލުންނާއި ކިސިންޖަރ މާފަސޭހައިން ވާހަކަފުޅުދައްކަވާ، ބައްދަލުކުރަށްވާ ހައްދަވައެވެ. ވައިޓްހައުސްއިން މިހެން މިބުނީ އިއްޔެ ކިސިންޖަރ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ބައްދަލުކުރެއްވުމާއި ގުޅިގެންނެވެ. ކިސިންޖަރ މިހާރު ޗައިނާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތެއްގައި ކުރަށްވާ ދަތުރުފުޅެއް ނޫންކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.

ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، ރަސްމީ ސިފަޔެއްގައި ޗައިނާއާއި އެމެރިކާ ކައިރިކޮށްދީ، ޚާރިޖީ އަދި އިގްތިޞާދީ ދާއިރާއިން މިދެގައުމު ގުޅުވައިދެއްވި މޭސްތިރިޔަކީ ހެންރީ ކިސިންޖަރއެވެ. ކިސިންޖަރ ހަތްދިހައިގެ ތެރޭގައި މިމަސައްކަތްޕުޅު ފެއްޓެވީ ރިޗަޑް ނިކްސަންގެ ވެރިކަމުގައި، ގައުމީ ސަލާމަތާބެހޭ މުޝީރުކަމާއި ޚާރިޖީ ވަޒީރުކަން އަދާކުރަށްވަމުންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގަށް ކިސިންޖަރ އިއްޔެ ވަޑައިގަތުމުން އޭނާއަކީ ޗައިނާގެ ދުވަސްވީ ރަޙްމަތްތެރިއެއްކަމަށް ޗައިނާގެ ރައީސް ޝީ ވަނީ ވިދާޅުވެފައިއެވެ.

އުމުރުފުޅުން ސަތޭކަ އަހަރު ފުރިފައިވާ ކިސިންޖަރ ޗައިނާއަށް ދަތުރުފުޅެއް މިކުރެއްވީ ދެގައުމުންމެ، ގޯސްވެފައިވާ ދޭދޭ ގުޅުންތައް ރަނގަޅުކުރެވޭތޯ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައިއެވެ.

ކިސިންޖަރއަކީ ޗައިނާގެ ޒަމާންވީ ރަޙްމަތްތެރިއެއްކަމަށާއި އެފަދަ ރަޙްމަތްތެރިއެއްގެ ރަޙްމަތްތެރިކަން ޗައިނާގެ ހަނދައިނުގައި ނުފޮހެވި، ހަރުލާފައި ހުންނާނެކަމަށް ޗައިނާގެ ރައީސް ޝީ، އިއްޔެވަނީ ކިސިންޖަރ އަރިއަހުގައި ވިދާޅުވެފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން