ޔުކްރޭނު ހަނގުރާމައިގައި ބޭނުންކުރުމަށް ރޫސީވިލާތަށް ޑްރޯން ވިއްކިކަމަށް ބުނާ ބުނުމަކީ އެއްވެސް ހަރުދަނާކަމެއް ނެތް ދަޢުވާއެއްކަމަށް އީރާނުން ބުނެފިއެވެ.

ސާބިތުނުހިފޭ، މިދަޢުވާގެ މައްޗަށް ބިނާކޮށް ވިލާތުގެ އިއްތިޙާދުން މިދިޔަ ބުރާސްފަތި ދުވަހު އީރާނަށް ޢުގޫބާތުދީފައިވާތީ، އެކަމަށް ރައްދުދިނުމުގެ ފުރިހަމަ ޙައްގު އީރާނަށް ލިބިގެންވާކަމަށް އީރާނުން ބުނެއެވެ.

" ޔުކްރޭނު ހަނގުރާމައިގައި ބޭނުންކުރަން އީރާނުން ރޫސީވިލާތަށް ޑްރޯން ވިއްކިކަމަށް ބުނާ ބުނުމަކީ ބިންގަލެއް ނެތް އިލްޒާމެއް"، އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާޞިރު ކަންއާނީ އިއްޔެ ވިދާޅުވިއެވެ.

އީރާނާއި ރޫސީވިލާތުން އެއްގައުމު އަނެއްގައުމަށް ދެމުންދާ އެއްބާރުލުންތަކާއި، ޔުކްރޭނު ހަނގުރާމަޔާއި ގުޅުވަން ކުރާ މަސައްކަތަކީ، ކަންއާނީ ވިދާޅުވި ގޮތުން ސިޔާސީ މަގްޞަދުތަކެއް ޙާޞިލުކުރަން ކުރާ ސިޔާސީ މަސައްކަތެކެވެ.

ކަންއާނީ ވިދާޅުވި ގޮތުގައި ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަ އެގޮތުގައި ކުރިޔަށްދިޔުމަކީ އީރާނުން އެއްގޮތަކަށްވެސް ރުހޭކަމެއް ނޫނެވެ. އަދި އޭނާވަނީ ސިޔާސީ ތަރީގާތައް ބޭނުންކޮށްގެން ޔުކްރޭނު ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައިއެވެ.

އީރާނުން ރޫސީންނަށް ޑްރޯން ވިއްކާކަމަށް ބުނާ ދަޢުވާގެ މައްޗަށް ބިނާކޮށް، މިދިޔަ ބުރާސްފަތި ދުވަހު، ވިލާތުގެ އިއްތިޙާދުންވަނީ އީރާނަށް ޢުގޫބާތުދިނުމަށް އާ ގިއުގަނޑެއް ހަދާފައިއެވެ. މިގިއުގަނޑުގެ ދަށުން އެއިއްތިޙާދުން ބައެއް ބާވަތްތައް އީރާނަށް އެތެރެކުރުންވަނީ މަނާކޮށްފައިއެވެ. އަދި މީގެ އިތުރުން އީރާނުގެ އޮފިޝަލުން ވިލާތުގެ އިއްތިޙާދަށް ކުރާ ދަތުރުތަކަށްވެސް، ޢުގޫބާތުގެ މިގިއުގަނޑުގެ ދަށުން ހުރަސްއަޅާނެއެވެ. މީގެ އިތުރުން އީރާނުގެ މުދާ ހިފެހެއްޓުމާއި ހިފުންވެސް މިޢުގޫބާތުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއިލްޒާމު އީރާނުގެ ބޮލުގައި ފުރަތަމައިނުން އެޅުވީ އެމެރިކާއިންނެވެ. އެއީ މިދިޔަ އަހަރުއެވެ. ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ދަރަޖައިގެ ޑްރޯން، އީރާނުން ރޫސީވިލާތަށް ފޯރުކޮށްދޭކަމުގެ މަޢުލޫމާތު އެމެރިކާއަށް ލިބިފައިވާކަމަށް، ފުރަތަމަ ފަހަރަށް މީޑިއާގައި، ވިދާޅުވެފައިވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލިވާންއެވެ. އޭގެ ފަހުން މުޅި ހުޅަނގުންދަނީ މިވާހަކަ ތަކުރާރުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން