ގްރީސްއާއި ތުރުކީވިލާތް އިންވާ ސަރަހައްދުގައި މިހާރު ޖަހާފައިވާ ސޯޅަ ފޫޓު އުސް، 39 ކިލޯމީޓަރު ދިގު ފެންސަށް 35 ކިލޯމީޓަރު ދިގު ބައެއް އިތުރުކުރަން ގްރީސްގެ ސަރުކާރުން ފަށައިފިއެވެ.

މެރިޓްސާ ކޯރުގެ އައްސޭރިފަށުގައި ދަގަނޑުން ހަދާފައި، ޖަހަމުންދާ މިފެންސު ޖެހުމުގެ ބޭނުމަކީ އެސަރަހައްދުން ހުއްދަނެތި ތުރުކީ މަގުން ގްރީސްއަށް އެތެރެވާ މުހާޖިރުން ހުއްޓުވުންކަމަށް ގްރީސް ސަރުކާރުން ބުނެއެވެ. މިދިގު ފެންސް ޖަހަމުންދަނީ ދެކުންފުންޏަކަށް ދީފައިވާ ދެކޮންޓްރެކްޓެއްގެ ދަށުންކަމަށް ގްރީސް ސަރުކާރުން ބުނެއެވެ.

މިފެންސުގެ އަގާއި އަދި މަރާމާތަށް 111 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ގްރީސް ސަރުކާރުން ބުނެއެވެ.

މިސަރަހައްދުގައި ދަގަނޑުން ހަދާފައި ދެފެންސެއް ކުރިން ޖަހާފައިވެއެވެ. ކުރިން ޖެހި އެއް ފެންސުގެ ދިގު މިނުގައި 12.5 ކިލޯމީޓަރު ހުރެއެވެ. އަދި އަނެއް ފެންސުގެ ދިގު މިނުގައި 26.5 ކިލޯމީޓަރު ހުރެއެވެ.

ހުޅަނގު އޭޝިއާއާއި އޭޝިއާއާއި އެފްރިކާގެ މުހާޖިރުން ތުރުކީ މަގުން ގްރީސްއަށް އެތެރެވަނީ ވިލާތުގެ އިއްތިޙާދަށް އެތެރެވުމުގެ ބޭނުމުގައިއެވެ. ތުރުކީއާއި ޚިލާފަށް، ގްރީސްއަކީ ވިލާތު އިއްތިޙާދުގެ މެމްބަރު ގައުމަކަށް ވީތީ، މިގޮތަށް އެގައުމަށް ނުގަވައިދުން އެތެރެވާ މުހާޖިރުންނަށް އެއިއްތިޙާދުގެ އެހެން ގައުމުތަކަށް ދިޔުމުގެ މަގު ފަސޭހަވެގެންދެއެވެ. މިފަދަ މުހާޖިރުންގެ ތެރޭގައި ގިނައީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް، ވިލާތުން ހޯދަން ބޭނުންވާ މީހުންކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން