ގްރީސްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުތަކެއް ނިވަން އެގައުމުގެ ސަރުކާރުން ކުރާ ޖިހާދުގައި ތުރުކީވިލާތް ބައިވެރިވާތީ، ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސް ތުރުކީވިލާތަށް ޝުކުރުއަދާކުރަށްވައިފިއެވެ.

ބޮޑުވަޒީރު ކިރިއާކޯސް ވިދާޅުވި ގޮތުގައި ގްރީސް ސަރުކާރުން މިއަލިފާންގަނޑުތައް ނިވަން ކުރާ ޖިހާދުގައި ބޭނުންކުރަން ތުރުކީވިލާތުން ގްރީސްއަށް އަލިފާންނިއްވާ ދެމަތިންދުއްވާ ބޯޓާއި ހެލިކަޕްޓަރެއް ފޮނުވާފައިއެވެ. އެހެންވެ، އެއެހީ ޝުކުރުވެރިކަމާއިއެކު ގަބޫލުފުޅުކުރަށްވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

"އަލިފާން ނިއްވާ މަތިންދުއްވާ ބޯޓަކާއި ހެލިކަޕްޓަރެއް ފޮނުވާފައިވާތީ، އަޅުގަނޑުމެން ތުރުކީވިލާތަށް ޝުކުރުވެރިވަން. ތުރުކީއަށް ޝުކުރިއްޔާ"، ބޮޑުވަޒީރު ކިރިއާކޯސް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.

މިކަމާއި ގުޅިގެން، ގްރީސްގެ ޚާރިޖީ ވަޒީރުވެސްވަނީ ތުރުކީވިލާތަށް ޝުކުރުއަދާކުރަށްވާފައިއެވެ. "އަލިފާން ނިވަން ތިދިން އެހީތެރިކަމަށް ތުރުކީއަށް ޝުކުރިއްޔާ"، ގްރީސްގެ ޚާރިޖީ ވަޒީރު ޓްވިޓަރ މެދުވެރިކޮށް ފޮނުއްވި ޝުކުރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ގްރީސް ސަރުކާރުންދަނީ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުތައް މައިތިރިކުރުމުގެ މަސައްކަތްކުރަމުންނެވެ. މިކަމުގައި ތުރުކީ ނޫނަސް އިތުރު އެތައް ގައުމަކުން ގްރީސް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން