ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ޤައުމެއްކަމުގައި ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަލީދް އަބޫ ޢަލީ މިހެން ވިދާޅުވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މިއަދު ސަފީރާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއިއެކު އޮންނަ އޮތުން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ހައްޤު ހޯދުމަށް އެ ޤައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ޤައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ޤައުމެއްކަން ފާހަގަކުރައްވައި ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްޠީނަށް ކުރާ ތާޢީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރުވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި މިއަދު އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ޤައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައިކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތަޢީދުކުރާނީ ފަލަސްޠީނަށްކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ފަލަސްޠީނާއިދެެމެދު ވެވޭ އެއްބަސްވުމާއިއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން