ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ޢިރާގު އެމްބަސީ ކުރިމަތީގައި ޑޭނިޝް ޕެޓްރިއަޓްސްއޭ (ޑެންމާކުގެ ވަޠަނީންނޭ) ކިޔާ ޖަމާޢަތަކުން މިދިޔަ ހޯމަ ދުވަހު ޚަތިމެއް އަންދާފައިވާތީ، އެކަން އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފިއެވެ.

ހައްދުފަހަނައެޅި ކަނާތުފިޔައިގެ މިޖަމާޢަތުން މިދިޔަ ހުކުރުދުވަހުވެސް މިފަދަ ޢަމަލެއް ހިންގާފައިވެއެވެ. ހުކުރުދުވަހު ހިންގި ޢަމަލު ފޭސްބުކް މެދުވެރިކޮށް ލައިވްވެސްކޮށްފައިއެވެ.

މިދިޔަ ހޯމަ ދުވަހު މިޖަމާޢަތުން ހިންގި ކުފުރުގެ މިޢަމަލާއި ގުޅިގެން ޢިރާގުގެ ވެރިރަށް ބަޣްދާދުގައި ހުންނަ ޑެންމާކުގެ އެމްބަސީ ކައިރިޔަށް ދެވޭތޯ ހާހެއްހާ މުޒާހިރީން (މުޒާހަރާކުރާ މީހުން) މަސައްކަތްކުރިކަމަށް ޚަބަރުތައް ބުނެއެވެ.

މިދިޔަ ހަފުތާގައި ހުޅަނގު ޔޫރަޕުގެ އެހެން ގައުމެއްކަމަށްވާ ސްވިޑުންގެ ވެރިރަށް ސްޓޮކްހޯމްގައި ޚަތިމެއް އަންދަން ރޭވި ރޭވުމަކާއި ގުޅިގެން ޢިރާގުގައި ހުންނަ ސްވިޑުންގެ އެމްބަސީގައި ބަޔަކު މީހުން އެއްވެ ހުޅުޖަހާފައިވެއެވެ.

ހޯމަ ދުވަހު ޑެންމާކުގައި ހިންގި ކުފުރުގެ މިޢަމަލާއި ގުޅިގެން ޢިރާގުގެ ޚާރިޖިއްޔާއިން ބުނީ މިފަދަ ޢަމަލުތަކަކީ ހައްދުފަހަނައެޅުމަށް މަގުފަހިކުރާ ނަފުރަތުގެ ވައިރަސްތަކެއްކަމަށާއި އަދި މިވައިރަސްތަކަކީ ތަފާތު މުޖުތަމަޢުތައް އެކުގައި އެކުވެ، ޞުލްޙައިގައި ދިރިއުޅުމަށް ޙަގީގީ މާނައިގައި ހުރަސްއަޅާ ފަނިތަކެއް، ވައިރަސްތަކެއް ކަމަށެވެ.



ކޯޕަންހޭގަންގައި ހިންގި ކުފުރުގެ ޢަމަލާއި ގުޅިގެން ޔަމަނުގައިވެސްވަނީ އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފައިއެވެ. ޔަމަނުގެ މުޒާހަރާގައި ޑެންމާކާއި ސްވިޑްންއާއި، ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

ޑެންމާކުގެ ވަޠަނީން ހޯމަ ދުވަހު ހިންގި ޢަމަލަކީ ގުރުއާނުގެ ޙުރުމަތްކަނޑާލަން ކުރި މަސައްކަތެއްގެ ގޮތުގައި ތުރުކީވިލާތުންވަނީ ސިފަކޮށްފައިއެވެ. އަދި ޚަތިމު އެންދުމާއި ގުޅިގެން އުތުރު އެފްރިކާ ބައްރުގެ އަލްޖަޒާއިރުންވަނީ ސްވިޑްންއާއި ޑެންމާކުގެ ސަފީރުން އަލްޖަޒާއިރުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އެޢަމަލު ކުށްވެރިކޮށްފައިއެވެ.

ޚަތިމު އަންދާފައިވާތީ، އިސްލާމީ އީރާނުންވެސްވަނީ އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފައިއެވެ. މިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ގަޠަރުގެ އެންމެ ބޮޑު ބާޒާރުން ސްވިޑްންގެ އުފެއްދުންތައް ނަގާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޚަތިމު އެންދުމާއި ދެކޮޅަށް ޑެންމާކު ސަރުކާރުންވެސް މިހާރުވަނީ ބަޔާނެއް ނެރެފައިއެވެ. ޚަތިމު އެންދުން ކުށްވެރިކުރަމުން ޑެންމާކު ސަރުކާރުން ބުނީ އެކަމަކީ ވަރަށް މަދުބަޔަކު އެއްވެގެން ކޮށްފައިވާ ކަމެއްކަމަށެވެ. މިލަދުވެތި އަދި ރުޅިވެރިކަން އުފައްދާ ޢަމަލަކީ ޑެންމާކުގެ ސަރުކާރާއި އެއްވެސް ބެހުމެއްނުވާ ކަމެއްކަމަށް ޑެންމާކުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

ސްވިޑްންގައި ސްވިޑްން ސަރުކާރުން ހުއްދަދީގެން ހިންގި ޚަތިމު އެންދުމުގެ ޢަމަލު އެގައުމުގެ ސަރުކާރުންވެސް މިހާރުވަނީ ކުށްވެރިކޮށްފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން