ޢުމްރާގެ ޚިދުމަތްތައްދޭ ޖަމާޢަތްތަކުންނާއި ކުންފުނިތަކުން ދޭ ޚިދުމަތްތައް ދިނުމަށް ހޯދަންޖެހޭ ރަސްމީ ހުއްދަ ހޯދުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގައި ޖަމާޢަތްތަކާއި ކުންފުނިތަކުން އެދެން ފަށައިފިކަމަށް އެގައުމުގެ ވުޒާރަތުލް ޙައްޖު ވަލް ޢުމްރާއިން ބުނެފިއެވެ.

ސަޢުދީގެ ވުޒާރާއިން ބުނި ގޮތުގައި މިހުއްދަ ދޫކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަހެއްގައި ކުރިޔަށްދާނެއެވެ. ޢުމްރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ ކުންފުނިތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ސަޢުދީ ސަރުކާރުގެ އިލެކްޓްރޯނިކް ޕޯޓަލް މެދުވެރިކޮށް ހަމަޖެހިފައިވާ އުޞޫލުތަކާއި ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކުރެވޭނެކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ.

ސަޢުދީ ސަރުކާރުން ދޫކުރާ ހުއްދައިގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި ވަރަށް ގިނަ ބަޔަކަށް މިހުއްދަ ދޭން ސަޢުދީ ސަރުކާރުން ބޭނުންވާކަމަށް ވުޒާރަތުލް ޙައްޖު ވަލް ޢުމްރާއިން ބުނެއެވެ. ގިނަ އަދި އާ ބަޔަކަށް މިހުއްދަދިނުމަށް ސަޢުދީ ސަރުކާރުން ބޭނުންވަނީ މިދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންވާތީކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ. މިދާއިރާގައި ތަޖުރިބާހުރި ގާބިލު ފަރާތްތައް ޝާމިލުކުރުމަކީ ސަޢުދީން ވަރަށް ބޮޑަށް ބޭނުންވާކަމެއް ކަމަށްވެސް ސަޢުދީ ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން