ފޯނުން ތަމްސް އަޕް އިމޯޖީއެއް (އަތުގެ ހުރިހާ އިނގިލިތަކެއް ލައްޕާލާފައި ހަމައެކަނި ބޮޑުވައި އިނގިލި އުފުލާލާފައި ކުރާ އިޝާރާތުގެ ތަޞްވީރެއް) ފޮނުވި ކެނަޑާގެ ދަނޑުވެރިޔަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 ހާސް ކެނަޑާ ޑޮލަރު ދޭންޖެހޭކަމަށް ސަސްކަޗުވަންގެ ގާޒީއަކު ޙުކުމްކުރަށްވައިފިއެވެ.

2021 ވަނަ އަހަރު ކްރިސް އެކްޓަރގެ ކުންފުނިން ކިއްތާނި އޮށް ގަތުމަށް ބޭނުންވި މީހަކު ކްރިސްއަށް ޢަގުދެއްގެ ތަޞްވީރެއް ފޮނުވުމާއި ގުޅިގެން އެއަށް ދިން ރައްދެއްގެ ގޮތުގައި ކްރިސްވަނީ ތަމްސް އަޕް އިމޯޖީއެއް ފޮނުވާފައެވެ. އެތައް މަހެއް ފަހުން، މުދާ ގަންނަ މީހާއަށް ލިބެންޖެހޭ ކިއްތާނި އޮށް އޭނާއަށް ލިބެންޖެހޭ ވަގުތު އައިއިރު، އެމުދާ އޭނާޔަށް ލިބިފައިއެއްނުވެއެވެ.

މިކަމާއި ގުޅިގެން އުފެދުނު މައްސަލަ ހައްލުކުރުމަށް މިކަން ކޯޓަށް ހުށަހެޅުނެވެ. ކްރިސްއަތުން މުދާ ގަންނަން އުޅުނު މުދާ ގަންނަ ފަރާތްކަމުގައިވާ ސައުތް ވެސްޓް ޓާރމިނަލްގެ ފަރާތުން ކޯޓުގައި ބުނީ އެފަރާތުން ފޮނުވި ޢަގުދުގެ ރައްދެއްގެ ގޮތުގައި އެފަރާތަށް ކްރިސް ފޮނުވި އިމޯޖީއަކީ މިޢަގުދަށް ކްރިސް ރުހި ގަބޫލުކަން އަންގައިދޭ ކަމެއްކަމަށެވެ.

ނަމަވެސް، ކޯޓުގައި ކްރިސް ބުނީ އޭނާ ފޮނުވި އިމޯޖީގެ މާނަޔަކީ އޭނާޔަށް ޢަގުދު ލިބުނުކަން އަންގައިދިނުމެވެ. އެއިމޯޖީއަކީ އެޢަގުދަށް އެއްބަސްވިކަން އަންގައިދިނުމުގެ ނިޔަތުގައި ފޮނުވި އިމޯޖީއެއް ނޫންކަމަށްވެސް ކޯޓުގައި ކްރިސް ބުންޏެވެ.

މިދިޔަ ޖޫންމަހު ކެނަޑާގެ ކޯޓުން މިމައްސަލަވަނީ ނިންމާފައިއެވެ. މައްސަލަނިމުނީ ކްރިސްއާއި ދެކޮޅަށެވެ. "ޢަގުދުގެ ރައްދުގައި ފޮނުވުނު އިމޯޖީއަކީ ޢަގުދުގައި ކުރެވުނު ސޮޔެއްކަމުގައި މިކޯޓުން ބަލައިގަނެފިން އަދި މިއީ ސޮއިކުރުމުގެ ޞައްޙަ އަދި އައު ގޮތެއްކަމުގައިވެސް މިކޯޓުން ބަލައިގަނެފީމެވެ." މިމައްސަލައިގެ ޙުކުމުގައި ގާޒީ ޓިމޮތީ ކީން ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާޔަށް އަންނަ ކުރިއެރުންތަކާއި ގުޅިގެން ބަސްމަގަށް އަންނަ ބަދަލަށް ހުރަސްއެޅުމަކީ އެކޯޓުން ކޮށްގެންވާނެ އަދި އެކޯޓަށް ކުރެވޭނެ ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން