އިންޑިއާގެ އިދިކޮޅު ޕާޓީތަކުން އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ، ލޯކް ސަބާއަށް، ހުށަހަޅާފައިވާ ބޮޑުވަޒީރު މޯދީގެ އިތުބާރުނެތްކަމުގެ މައްސަލަ ތިރިގެއިން ބަލައިގެންފިއެވެ.

އިދިކޮޅު ޕާޓީތަކުން އިތުބާރުނެތްކަމުގެ މިމައްސަލަ ހުށަހަޅާފައިވަނީ ވެރިކަންކުރާ ބީ.ޖޭ.ޕީއިން ހިންގަމުންދާ ސަރުކާރެއް އޮތް މަނިޕޫރުގައި ތަޅާފޮޅުމާއި ހަނގުރާމަ ބޮޑުވެ، އެކަންކަން މައިތިރިކުރެވިފައި ނުވާތީއެވެ.



މަޖިލީހަށް މިމައްސަލަ ލިބިފައިވާކަމަށް ތިރިގޭގެ ރައީސް އޯމް ބިރްލާ އިއްޔެ ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ބަހުސް ފެށޭނެ ދުވަހަކާއި މިމައްސަލައިގައި ވޯޓުލުން އޮންނާނެ ދުވަހެއް ވަރަށް އަވަހަށް އެނގިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ތިރިގެއަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވެއްދެނީ ފަންސާސް މެމްބަރުންގެ ތާއީދު އޮތިއްޔާއެވެ. ތިރިގީގެ ފުރިހަމަ އަޣްލަބިއްޔަތު އޮންނަނީ ބޮޑުވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއަށެވެ (ބީ.ޖޭ.ޕީއަށެވެ). 542 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ތިރިގޭގައި 302 ގޮނޑި ލިބިފައިވަނީ ބޮޑުވަޒީރު މޯދީގެ ޕާޓީއަށެވެ.

މިމައްސަލަ ވޯޓުން ކާމިޔާބުކުރުމުގެ ނިޔަތެއް ނެތްކަމަށާއި، ނަމަވެސް، މިމައްސަލަ މަޖިލީހަށް ހުށަހެޅީ މަނިޕޫރުގައި ހިނގަމުންދާ ނަސްލީ، އަހުލީ ހަމަނުޖެހުންތަކާއިމެދު ތިރިގޭގައި ބަހުސެއް ފެށުމުގެ ބޭނުމުގައިކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.

މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 130 މީހުން މަރުވެފައިވެއެވެ. އަދި 60،000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން