ތުރުކީވިލާތުގެ ޢާލަމީ އަދި ސަރަޙައްދީ ދައުރު ފުޅާވުމަކީ ޗައިނާއިން ތާއީދުކުރާ ކަމެއްކަމަށް ޗައިނާގެ އައު ޚާރިޖީ ވަޒީރު ވަން ޔީ ވިދާޅުވެއްޖެއެވެ.

އަދި ތުރުކީގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުން ވަނުމަކީ ޗައިނާއިން ދެކޮޅުހަދާ ކަމެއްކަމަށްވެސް ވަން ޔީ ވިދާޅުވިއެވެ.

ވަން ޔީ މިހެން ވިދާޅުވީ ތުރުކީވިލާތަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާންއާއި ބައްދަލުކުރަށްވަވާ ދެއްކެވި ވާހަކަފުޅުގައިއެވެ. ވަން ޔީ ވިދާޅުވި ގޮތުގައި ހުރިހާ ދާއިރާއެއް ޝާމިލުވާ ގޮތަށް ތުރުކީއަށް އެއްބާރުލުން ދޭން ޗައިނާއިން ބޭނުންވެއެވެ. ހަމަ މިފަދައިން މަސައްކަތްކުރަން ތުރުކީވިލާތުންވެސް ބޭނުންވާކަމަށް ޔީ އަރިއަހުގައި ހާކާން ވިދާޅުވެފައިވެއެވެ. ޔީ އަރިއަހުގައި ހާކާން ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހުށަހަޅުއްވާފައިވާ ޢާލަމީ މަޝްރޫޢުތަކަކީ ދުނިޔެއަށް ވަރަށް މުހިންމު ކަންތައްތަކެކެވެ.

މިދަތުރުފުޅުގައި ޔީ ވަނީ ތުރުކީވިލާތުގެ ރައީސް ރިޝެޕް ޓައްޔިޕް އެރްދުގާންއާއިވެސް ބައްދަލުކުރަށްވާފައިއެވެ. ޗައިނާއާއިއެކު ގުޅުންތައް ބަދަހިކުރަން ތުރުކީވިލާތުން ބޭނުންވާކަމަށް މިބައްދަލުވުމުގައި ރައީސް އެރްދުގާން ޔީ އަރިއަހުގައި ވިދާޅުވެފައިވެއެވެ.

ތުރުކީވިލާތާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމުކުރީ 1971 ވަނަ އަހަރުއެވެ. ދޭދޭ ގައުމުގެ ގުޅުންތައް ހުރިހާ ދާއިރާއެއް ޝާމިލުވާ ގުޅުންތަކެއްގެ (ސްޓްރިޓީޖިކް ކޮއޮޕްރޭޝަންގެ) ދަރަޖައަށް މިދެގައުމުން މަތިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން