އުފުލިފައިވާ ދެދަޢުވާއަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަން އިޢުތިރާފު ވެވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގެންފައިވަނިކޮށް، ރިޔާސީ ބާރުތަކުގެ ދަށުން، ދަރިކަލުންނަށް ރައީސް ބައިޑަން މަޢާފު ނުދެއްވާނެކަމަށް ރިޔާސީ އޮފީސް ވައިޓްހައުސްއިން ބުނެފިއެވެ.

ހަންޓަރގެ މައްޗަށް އުފުލިފައިވަނީ ޓެކްސްއާބެހޭ އަދި ހުއްދަނެތި ހަތިޔާރު ގެންގުޅުއްވުމުގެ ދަޢުވާތަކެކެވެ. "ނޫން" ، ދަރިކަލުން ހަންޓަރއަށް ރައީސް ބައިޑަން މަޢާފުދެއްވުމުގެ އެއްވެސް ފުރުޞަތެއް އޮތްތޯ އެހެވުނު ހިނދު، ވައިޓްހައުސްގެ ތަރުޖަމާނު ކަރީން ޖޯން ޕިއާ ވިދާޅުވެފައިވެއެވެ.

މިދިޔަ ބުދަދުވަހު ކޯޓުގައި އޮތް އަޑުއެހުމެއްގައި ހަންޓަރއާއިއެކު ކުށުގެ އެއްބަސްވުމެއް ހެއްދެވުމުގެ ކުރިން އެއްބަސްވުން މުރާޖަޢާކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ޓެކްސްއާއި ގުޅޭ މައްސަލައަށް ހަންޓަރ އިޢުތިރާފުވެ ވަޑައިގަންނަވާނެއެވެ. ގައިދަށް ވަޑައިގަންނަވަންޖެހޭ ހަތިޔާރު ގެންގުޅުއްވުމުގެ ކުށަށް އިޢުތިރާފުވެ ވަޑައިގަތުމެއް މިއެއްބަސްވުމުގައި ނެތްކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުން ދަރިކަލުންގެ މިމައްސަލަތަކުގެ ސަބަބުން ރައީސް ބައިޑަންގެ ރިޔާސީ ކެމްޕޭނަށް ނުބައި އަސަރުތަކެއް ކުރާނެއެވެ. އެމެރިކާގައި އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެއެވެ. މިއިންތިޚާބުގައި ވާދަކުރަށްވަން ރައީސް ބައިޑަންވަނީ ނިންމަވާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން