ކުރިޔަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ ސަރުކާރުން ހިންގާ ހޮސްޕިޓާތަކުން ކަރަންޓު ނުކެނޑޭނެކަމުގެ ޔަގީންކަން އެގައުމުގެ އިލެކްޓްރިސިޓީ ބޯޑުން ދީފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ސަމަން ރަތްނަޔަކަ ވިދާޅުވި ގޮތުގައި މިކަމުގައި ސަރުކާރަށް ބޭނުންވާ ޔަގީންކަން ސިލޯން އިލެކްޓްރިސިޓީ ބޯޑުން (ސީ.އީ.ބީން) ދީފައިވަނީ ސިޓީއަކުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކެންޑީގައި ވާހަކަފުޅުދައްކަވަމުން ޑރ. ރަތްނަޔަކަ ވިދާޅުވީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ މިހާތަނަށް ނުދެއްކި ހުރި ކަރަންޓް ބިލްތަކަށް ފައިސާ ދެއްކުމަށް 120 މިލިއަން ރުޕީސް، މިހާރުވަނީ މާލިއްޔާއިން ހަމަޖައްސައިދީފައިއެވެ.

ޚަބަރުތައް ބުނާ ގޮތުން ފާއިތުވި ހަތަރު، ފަސް މަސްދުވަހުގެ ތެރޭގައި ސަރުކާރު ހޮސްޕިޓާތަކުގެ ކަރަންޓް ބިލްތައް، ހެލްތް މިނިސްޓްރީއަށް ދެއްކިފަޔެއްނުވެއެވެ.

ޑރ. ރަތްނަޔަކަ ވިދާޅުވި ގޮތުގައި ސީ.އީ.ބީއާއެކު ސަރުކާރުންވި އެއްބަސްވުމުގައި ވާގޮތަށް ބިލުތަކުގެ މައްސަލަ ސަރުކާރުން ހައްލުކުރާނަމަ، ސަރުކާރު ހޮސްޕިޓާތަކުން ކަރަންޓު ނުކަނޑާނެކަމުގެ ޔަގީންކަން ސީ.އީ.ބީން ދީފައިވެއެވެ.

ކުރިޔަށް އޮތް ތަނުގައި، ފައިސާ ނުދެއްކިގެން، ސަރުކާރު ހޮސްޕިޓާތަކުން ކަރަންޓު ނުކެނޑޭނެކަމަށް މާލިއްޔާއިންވެސް ޔަގީންކަންދީފައިވާކަމަށް ޑރ. ރަތްނަޔަކަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން