ކުވައިތުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ބަޔަކާއި ހަވާލުކޮށްގެން ކުރެވެމުންދިޔަ މަސައްކަތުގެ ފެންވަރު، އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން، ވަރަށް ބޮޑަށް ދަށްވެ، މިއެއާރޕޯޓުގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ގެއްލިއްޖެއެވެ.

ސާފުތާހިރުކަމުގެ މިމައްސަލަ މިއެއާރޕޯޓަށް ކުރިމަތިވެފައިމިވަނީ ހޫނު މޫސުމުގެ ޗުއްޓިއާއި ގުޅިގެން މިއެއާރޕޯޓު ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވެފައިވާ ވަގުތެއްގައިއެވެ. ވައިގެ ބަނދަރު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީއާއި އެކުންފުންޏަށް ލިބެންޖެހޭ ނަމަވެސް ނުލިބިހުރި ފައިސާ ހުރުމާއިއެކު ސާފުކުރުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ހުއްޓާލަން ޖެހިދާނެއެވެ. މިގޮތުން ސާފުކުރަން ބޭނުންކުރާ އެފަރާތުގެ އާލާތްތައްވެސް އެއާޕޯޓުން ބޭރުކުރަން ޖެހިދާނެކަމަށް އެފަރާތުންވަނީ ބުނެފައިވެއެވެ.

ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިން ބުނި ގޮތުގައި މިކަމަށްޓަކައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިއެއްބަސްވުން އާކުރުމާއިމެދު މިއެއާރޕޯޓުގެ ފަރާތުން މިހާތަނަށް އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާކަމަށް މިކުންފުނިން ބުނެއެވެ.

ކުވައިތުގެ ސިވިލް އޭވިއޭޝަން ޑައިރެކްޓޮރޭޓުން ބުނި ގޮތުގައި ވައިގެ ބަނދަރު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އެއެއްބަސްވުމުގެ އަގަކީ 2.67 މިލިއަން ޑޮލަރުކަމުގައި ކަނޑައެޅުމަށް ކަމާބެހޭ އެހެނިހެން ފަރާތްތަކަށް މިއަހަރުގެ ޖެނުއަރީމަހުވާނީ ހުށަހަޅާފައިއެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް މިއެއްބަސްވުން މިގޮތަށް އާކުރުމާއިމެދު ސަރުކާރުގެ އެހެނިހެން އިދާރާތަކުން ގޮތެއް ނިންމާފައިއެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން